ބީއެމްއެލް އަށް ދައްކަން ޖެހޭ ލޯނަކަށް އެއްފަހަރާ ފައިސާ ދެއްކުމުން ބޭންކުގެ ހިންގުމުގައި ފައިދާ ބިލިއަނަކަށް އަރަފައިފި އެވެ.

ބީއެމްއެލް އިން ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓާގައި އެ ބޭންކުން ނެރުނު ނަތީޖާ ރަނގަޅު ކަމަށެވެ. އަދި އުއްމީދަކީ ފަހު ކުއާޓާގައި ވެސް މިފަދަ ނަތީޖާއެއް ނެރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓިމް ވިދާޅުވި ގޮތުގައި ނިމުނު ކުއާޓާގައި ބޭންކަށް ވަނީ ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އެވްރެޖުކޮށް ލިބެ ވަރަށްވުރެ ބޮޑު ފައިދާއެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބޮޑު ފައިދާއެއް ލިބުނީ ދައްކަން ޖެހި، ނުލިބި އޮތް ލޯނަކަށް އެއްފަހަރާ ފައިސާ ލިބުމުން ނިކުތް ނަތީޖާއެއް ކަމަށެވެ.

"އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ބަލާއިރު މިދިޔަ ކުއާޓަރާ އަޅާބަލާއިރު ނަތީޖާވެސް ރަނގަޅު އަދި އުއްމީދަކީ މިއަހަރު ނިމެންދެންވެސް މި ކާމިޔާބީ ދެމެހެއްޓުން. ބޭންކަށް ލިބެމުންދާ ހަރުދަނާ ނަތީޖާގެ ސަބަބުން ކަސްޓަމަރުންނާއި އަޅުގަނޑުމެންގެ މުޖުތަމައަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭނެ،" ޓިމް ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަކީ އަދިވެސް އެންމެ އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ. ދާދި ފަހުން ކޮންޓެކްޓް ސެންޓަރަށް ގެނެވުނު އަޕްގްރޭޑާއި ޑިޖިޓަލް ޕިން ތައާރަފު ކުރުމާއި، އޮންލައިން ކާޑް ސާވިސް އަދި ވަގުތުން އިންޓަނެޓް ބޭންކިން އަށް ރަޖިސްޓްރީ ކުރުންފަދަ އޮންލައިން ހިދުމަތްތައް ފަށާފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ހިދުމަތުގެ ފެންވަރާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އެކަށީގެންވާފަދަ ބަދަލުތަކެއް އަންނަމުންދާތަން މިދަނީ ފެންނަމުން. އަޅުގަނޑުމެންގެ އަމާޒަކީވެސް އަދި މަސައްކަތް ކުރަމުންދަނީވެސް ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް،"

އަންނަ އަހަރަކީ ބީއެމްއެލްއަށް 40 އަހަރު ފުރޭ އަހަރެވެ. އެހެންވެ، އެކަން ފާހަގަ ކުރަން މުޅި އަހަރަށް ބަހަލައިގެން ހަރަކާތްތަކެއް ކުރިއަށްގެންދާނެ އެވެ. މިއީ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން، އެހީތެރިވުމާއި އަގުވަޒަން ކުރުމުގެ ގޮތުން ކުރިއަށްގެންދާނެ ހަރަކާތްތައް ކަމަށް ބޭންކުން ބުންޏެވެ.