އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތުގައި ކޭޝް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމް އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ފަށާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މިހާރު ބަސް ދަތުރުތަކުގައި ބޭނުންކުރާ ކާޑު ޓޮޕްއަޕް ކުރަން ޖެހޭތީ ކަސްޓަމަރުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ "ޓަޗް އެންޑް ގޯ" ބީއެމްއެލް ކާޑުގެ ހިދުމަތާ އެކު ކިއުއާރް ކޯޑު ބޭނުން ކޮށްގެން ވެސް ބަހުގެ ހިދުމަތަށް ފައިސާ ދެއްކޭނެ ކަމަށެވެ. އެއީ އެމްޓީސީސީ، ބީއެމްއެލް އަދި މާސްޓާ ކާޑު ގުޅިގެން ދޭން ހަމަޖެހިފައިވާ ހިދުމަތެކެވެ.
އެ ހިދުމަތާ އެކު ބީއެމްއެލް އިން ގަބޫލުކުރާ ވިސާ، އެމެރިކަން އެކްސްޕްރެސް އަދި މާސްޓަ ކާޑު ބޭނުންކޮށްގެން ބަހަށް ފައިސާ ދެއްކޭނެ އެވެ. އަދި ކިއުއާރް ކޯޑުން މޮބައިލް ޕޭ މެދުވެރިކޮށް ވެސް ބަސް ދަތުރަށް ފައިސާ ދެއްކޭނެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސަށް ހާއްސަކޮށްގެން އެމްޓީސީސީގެ ބަސް ފްލީޓަށް އިތުރުކުރި 15 ބަހާ އެކު މިހާރު ވަނީ ބަހުގެ ދަތުރުތައް އިތުރުކޮށްފަ އެވެ.
މިހާރުވެސް މާލެ ސަރަހައްދުގައި ބަސް ދަތުރުކުރާ ވެސްޓް ޕާކް ރޫޓް، ކާނިވާ ރޫޓް އަދި އެއާޕޯޓް ރޫޓަށް ކޮންމެ 10 މިނިޓަކާއި 15 މިނިޓެއްގެ ތެރޭގައި ހުޅުމާލެ 2 އިން ބަސް ދަތުރު ކުރާނެ އެވެ.