ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ޕޮލިސީއަކަށް ނުވާތީ އެފަދަ ޕްރޮޖެކްޓެއް ސްޓެލްކޯ އަށް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯއިން ވިލިމާލޭގައި އާ ހައުސިން ޕްރޮޖެކްޓެއް ފެށުމާ ގުޅޭ ގޮތުން އަމީރު ވިދާޅުވީ، ޕޮލިސީ ލެވެލްގައި ނިންމާފައި ވަނީ ސޯޝަލް ހައުސިން މަޝްރޫއުތައް "ފަހިދިރިއުޅުން ކޯޕަރޭޝަން" މެދުވެރިކޮށް ހިންގުމަށް ކަމަށެވެ. އަދި އެސްއޯއީތަކުން ހައުސިން ޕްރޮޖެކްޓްތައް ހިންގުމަކީ ސަރުކާރުގެ އުސޫލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޮލިސީ ލެވެލްގައި ނިންމާފައިވާނެ ސޯޝަލް ހައުސިން ޕްރޮޖެކްޓްތައް އެސްއޯއީތަކުން ނުހިންގަން،" އޭނާ ވިދާޅުވި އެވެ.
އަމީރު މިހެން ވިދާޅުވި އިރު މިދިޔަ މަހުގެ ފަހުކޮޅު މުވައްޒަފުންނާ ބައްދަލު ކުރައްވައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވަނީ ސްޓެލްކޯ އިން ވިލިމާލޭގައި ހައުސިން ޕްރޮޖެކްޓެއް އިއުލާން ކުރައްވައިފަ އެވެ. އަދި އެކަމަށް ބޭނުންވާ އެޕްރޫވަލް ހޯދުމަށް ވަރަށް އަވަހަށް ބޯޑަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިމާލޭގައި ހިންގާ މި ޕްރޮޖެކްޓްގެ ދަށުން 500 ހައުސިން ޔުނިޓް އަޅާ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ. އަދި، ޝަރީފު އާ ބައްދަލު ކުރެއްވުމަށް ފަހު މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވެފައިވާ ގޮތުގައި އެ ޕްރޮޖެކްޓްގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންގެ އިތުރުން ވިލިމާލެ ރައްޔިތުންނަށް ވެސް ފްލެޓް ހާއްސަ ކުރާނެ އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިންގުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) ގެ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފެއްދީ 2019 ވަނަ އަހަރު އެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ 4000 ހައުސިން ޔުނިޓްގެ ޕްރޮޖެކްޓެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގަމުންނެވެ.
ހައުސިން ޕްރޮޖެކްޓްތައް ހިންގުމުގައި އެސްއޯއީތައް ބައިވެރި ކޮށްގެން ގިނަ މަޝްރޫއުތަކެއް ކުރީގެ ސަރުކާރުން ހިންގުމުން، އެކަމާ ގުޅިގެން މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް އެކަމަށް ފާޑު ކިޔައިފަ އެވެ.