ބްރިޓިޝް ނުވަތަ ސްޓާލިން ޕައުންޑްގެ އަގު މީގެ ކުރިން ދުވަހަކު ވެސް ނުދާ ވަރަށް ދަށަށް ހިނގައްޖެ އެވެ.

ދުނިޔޭގެ ބާޒާރުގައި ޑޮލަރާ އަޅާކިޔާއިރު، ޕައުންޑްގެ އަގު އެހާބޮޑަށް ވެއްޓުނީ އިނގިރޭސިވިލާތުގެ އާ ސަރުކާރުން ޓެކްސް ކަނޑާލަން ނިންމި ނިންމުމާ ގުޅިގެންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބްރިޓިޝް ޕައުންޑެއްގެ އަގު އިއްޔެ ވަނީ 1.03 ޑޮލަރަށް ވެއްޓިފަ އެވެ. އެ ގައުމުގެ ތާރީހުގައި މީގެ ކުރިން އެންމެ ދަށް އަދަދަކަށް ރިކޯޑުކޮށްފައި ވަނީ 1985 ވަނަ އަހަރު، ޕައުންޑެއް 1.05 ޑޮލަރަށެވެ. އެ އަހަރުގެ ތެރޭ ޕައުންޑެއްގެ އަގު އެވްރެޖްކޮށް އަގު އުޅުނީ ވެސް 1.2 ޑޮލަރަށެވެ.

ޕައުންޑްގެ މި ވެއްޓުމުގެ މާނައަކީ ޑޮލަރުގެ އަގު މައްޗަށް އަރާ ކަމެވެ.

ޕައުންޑްގެ އަގު ޔޫރޯއާ އަޅާބަލާއިރު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެހެންވެ، އިނގިރޭސިވިލާތުގެ އިގްތިސާދާ މެދު ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

އިނގިރޭސިވިލާތުގެ އާ ސަރުކާރަށް އަދި ތިން ހަފުތާ ވެސް ނުވާއިރު، ފައިނޭންސް މިނިސްޓަރު މިދިޔަ ހުކުރު ދުވަހު ވަނީ 45 ބިލިއަން ޕައުންޑްގެ ޓެކްސް ކުޑަކުރުމުގެ ޕެކޭޖެއް އިއުލާންކުރައްވައިފަ އެވެ. އޭގެ ތެރޭގައި، އިންކަމް ޓެކްސް އިން 45 ޕަސެންޓް ދަށްކުރުމާއި، ގެ ގަންނައިރު ނަގާ ޓެކްސް ދަށްކުރުން ހިމެނެ އެވެ. މި ބަދަލަކީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އެ ގައުމުގެ ޓެކްސް ސިސްޓަމަށް އައި އެންމެ ބޮޑު ބަދަލެވެ.

ޓެކްސް ދަށްކުރުމަށް ނިންމި ނިންމުން އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ލިޒް ޓްރަސް ދިފާއުކުރައްވައިފަ އެވެ. ނަމަވެސް، ޓެކްސް ކަޓުތައް އިއުލާންކުރީ ރަނގަޅަށް ނުބަލާ ކަމަށާއި މިހާރުގެ އިގްތިސޯދީ ހާލަތަށް ބަލާއިރު އެއީ ވަރަށް ބޮޑު ރިސްކެއް ކަމަށް އެ ގައުމުގެ އިންސްޓިޓިއުޓް ފޯ ގަވަންމެންޓްގެ އިކޮނޮމިސްޓެއް ކަމަށްވާ ތޯމަސް ޕޯޕް ވިދާޅުވި އެވެ.