ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު ދަށްވެ، ތާރީހީ ބޮޑެތި ވެއްޓުންތަކާ ކުރިމަތިވެފައިވާ އެހެން ފައިސާތަކުގެ އަގު އަރަން ފަށައިފި އެވެ.
އެމެރިކާގައި މަތިވަމުން އައި އިންފްލޭޝަނާ ދެކޮޅަށް، އެ ގައުމުގެ މަރުކަޒީ ބޭންކުން ވޭތުވެދިޔަ ދެތިން ހަފްތާ ތެރޭގައި އިންޓަރެސްޓް ރޭޓްތައް މައްޗަށް ޖައްސައި، އަދި އެޅި އެހެން ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ގިނަ ފައިސާތަކެއްގެ އަގު އައީ ޑޮލަރާ އަޅާ ބަލާއިރު ދަށްވަމުންނެވެ.
ޑޮލަަރުގެ އަގު ދަށް ވާން ފެށީ ބައެއް ގައުމުތަކުގައި ޑޮލަރުގެ އިންޓަރެސްޓް ރޭޓްތައް މަޑުޖައްސާލުމާ ގުޅިގެންނެވެ.
މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުގެ ސްޓާލިން ޕައުންޑް ވެސް ވަނީ ޑޮލަރާ ބަލައި، މީގެ ކުރިން ދުވަހަކު ވެސް ނުދާ ވަރަށް ދަށަށް ގޮސްފަ އެވެ. އެއީ ޕައުންޑެއް 1.03 ޑޮލަރަށެވެ.
ޕައުންޑުގެ އަގު އެހާ ދަށްވެފައި ވަނީ އަރަމުން އައި ޑޮލަރުގެ އަގާއެކު، އެ ގައުމުގެ އާ ސަރުކާރުން ޓެކްސް ކަނޑާލަން ނިންމުމުންނެވެ.
މާގިނަ ދުވަސް ނުވެ، އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ 45 ޕަސެންޓް އިންކަމް ޓެކްސް ކަނޑާލަން އޭރު ނިންމި ނިންމުން އަނބުރާ ގެންގޮސްފަ އެވެ. އެއާއެކު، ޕައުންޑުގެ އަގު މިހާރު ވަނީ 1.13 ޑޮލަރަށް އުފުލިފަ އެވެ.
ޔޫރޯގެ އަގު ވެސް ވަނީ ވޭތުވެދިޔަ 20 އަހަރު ދުވަސް ތެރޭ ނުދާ ވަރަށް ދަށަށް ގޮސްފަ އެވެ. އެއީ ޔޫރޯއެއް 0.95 ޑޮލަރަށް ވެއްޓުމެވެ. ނަމަވެސް، މިހާރު ޔޫރޯއެއްގެ އަގު ވަނީ 0.99 ޑޮލަރަށް އުފުލިފަ އެވެ.
ޑޮލަރުގެ އަގު އުފުލުމާ އެކު މިދިޔަ މަސް ތެރޭ ޗައިނާ ޔުއާންގެ އަގު ވެސް ވަނީ ރެކޯޑު އަދަދަކަށް ދަށަށް ގޮސްފަ އެވެ. އޭރު ޑޮލަރެއްގެ އަގަކީ 7.24 ޔުއާނެވެ. ޗައިނާގެ މަރުކަޒީ ބޭންކުން އަންނަނީ އެކަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. މިއަދު ޑޮލަރެއް ލިބެނީ 7.12 ޔުއާނަށެވެ.
ދުނިޔޭގެ ބާޒާރުގައި ފާހަގަކޮށްލެވޭ އޮސްޓްރޭލިއާ، ނިއުޒީލެންޑް އަދި ޖަޕާން ފަދަ ގައުމުތަކުގެ ފައިސާ ވެސް އަންނަނީ ޑޮލަރާ އަޅާބަލާއިރު އުފުލެމުންނެވެ.