މާފަންނު ސްޓޭޑިއަމްގައި ހަދާ ސްޕޯޓްސް އެރީނާގެ މަޝްރޫއަށް ފީފާ އިން އެފްއޭއެމް އަށް 19 މިލިއަން ރުފިޔާ ދިން ނަމަވެސް، އެ މަސައްކަތްކުރަމުން އަންނަ އެޕޯލޯ އަށް އޭގެތެރެއިން ލިބިފައި ވަނީ ފަސް މިލިއަން ރުފިޔާކަން އެނގިއްޖެ އެވެ.
މި މަޝްރޫއުގެ ކަންކަން އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި މާފަންނު ސްޓޭޑިއަމްގައި ތިން ބުރީގެ އިމާރާތެއް ހެދުމުގެ ޕްރޮޖެކްޓަކީ ފީފާއިން ފަންޑު ލިބިގެން، ކޮންޓްރެކްޓާ ފައިނޭންސް ކޮންސެޕްޓްގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަށް ފީފާ އިން 1.5 މިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ދޭން ނިންމި އެވެ.
"މިހާރު" އަށް ޔަގީންވެފައިވާ ގޮތުގައި ފީފާ އިން މިހާތަނަށް ވަނީ 19 މިލިއަން ރުފިޔާ ޑޮލަރުން ދޫކޮށްފަ އެވެ. އެކަމަކު އެޕޯލޯ އިން ވަނީ އެ ކުންފުންޏާ އެކު އެފްއޭއެމުން ހަދާފައިވާ އެގްރިމެންޓާ އެއްގޮތަށް ފައިސާ ނުލިބިގެން ކޯޓަށް ގޮސްފަ އެވެ. މިހާރު މަސައްކަތް ނިންމާފައި ހުރި ވަރުން ބަލާ ނަމަ، އެޕޯލޯ އަށް 13 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެރީނާ ހަދަން ދިން ފައިސާ އަށް ވީ ކިހިނެއްތޯ ދެންނެވުމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ މިއީ ފީފާ އިން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ނަމަވެސް މަސައްކަތް ކުރިއަށް ގެންދަނީ އެއަށް ވުރެ ބޮޑު އަދަދެއް ހަރަދުކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ޕްރޮޖެކްޓްގެ ޖުމްލަ އަގު ހާމަކުރަން އޭނާ ދެކޮޅު ހެއްދެވި އެވެ.
އަދި މި މައްސަލާގައި އެފްއޭއެމް އަށް ކުރި ގިނަ ސުވާލުތަކަކަށް ޖަވާބެއް ނުދެ އެވެ.
މި ޕްރޮޖެކްޓްގެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން އެޕޯލޯއިން އެ ޕްރޮޖެކްޓް ކުރިއަށް ގެންދަނީ 2.6 މިލިއަން ޑޮލަރު (40 މިލިއަން ރުފިޔާ) ހޭދަކޮށްގެންނެވެ. އަދި އެއްބަސްވުމުގައި ނެތް އިތުރު މަސައްކަތެއް ކުރުމުގެ އަގެއްގެ ގޮތުގައި، އެކަމަށް އިންވޮއިސްކުރުމުން 296،000 ޑޮލަރު (4.5 މިލިއަން ރުފިޔާ) އިތުރަށް ޕްރޮޖެކްޓަށް ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެހެންވެ އެ ޕްރޮޖެކްޓްގެ ޖުމްލަ އަގު 45 މިލިއަން ރުފިޔާ އަށް އަރަ އެވެ.
"މިހާރު" އަށް މައުލޫމާތު ދިން ފަރާތުން ބުނީ، މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ދާވަރަކަށް ފީފާއިން ދިޔައީ އެ ޕްރޮޖެކްޓަށް ވާވަރަށް އެފްއޭއެމް އަށް ފައިސާ ދޫކުރަމުން ކަމަށެވެ. އަދި އެ ޕްރޮޖެކްޓަށްވާ ފައިސާގެ ތެރެއިން 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ) ފީފާއިން މިހާތަނަށް ދީފައިވާ ކަމަށް އޭނާ ބުނެ އެވެ.
ޖަވާޒް ވިދާޅުވީ ފީފާ އިން ފައިސާ ދެނީ އޮޑިޓް ކުރުމަށް ފަހު ޕްރޮޖެކްޓް ހިނގަމުންދާ ވަރަކުން ކަމަށެވެ. އޭނާ ވިދާޅުވީ، ފަހު ޕޭމަންޓް ލިބޭނީ، އެ ޕްރޮޖެކްޓް އެއްކޮށް ނިމުމުން ކަމަށެވެ. ޕޭމަންޓް ލިބެމުން އަންނަ ވަރަކުން އެޕޯލޯ އަށް އަންނަނީ ފައިސާ ދެމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފީފާ ފަންޑުގެ ބޭރުން ހުންނާނެ ފުޑް ކޯޓަކާއި މަތީ ފްލޯގައި އެނޫން ބައިވަރު ބައިބައި ހަދަން. އޭގައި ޑިލޭސް [ފައިސާ ދިނުމުގައި] އުޅޭ އަޅުގަނޑުމެންގެ ސައިޑުން. އެއީ ފީފާ އިން ދިން ފައިސާގެ އިތުރަށް ކުރިއަށް ދާ މަސައްކަތް،" ޖަވާޒް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން އެޕޯލޯ އިން މިދިޔަ ޖޫން މަހު އެއްބަސްވީ ލިބެންޖެހޭ ފައިސާގެ ބަދަލުގައި، އެފްއޭއެމަށް ހުޅުމާލެ އިން ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާނުލައި 25 އަހަރަށް ދިނުމަށެވެ.
މާފަންނު ސްޓޭޑިއަމްގައި، ކަޅުތުއްކަލާކޮށި ކުރިމަތިން ހަދާ އެ އިމާރާތް ހެދުމަށް އެ ބިން އެމްއޭއެމް އަށް 50 އަހަރުގެ މުއްދަތަކަށް ޔޫތު މިނިސްޓްރީން ދީފައި ވަނީ 2017 ވަނަ އަހަރު އެވެ. އަދި ސްޕޯޓްސް އެރީނާ އެޅުމަށް އެފްއޭއެމް އިން އެޕޯލޯއާ ހަވާލު ކުރީ 2019 ވަނަ އަހަރު އެވެ. އެރީނާގައި ހިމެނެނީ ކްލާސްރޫމްތަކަކާއި ދެ ޓާފް ދަނޑާއި އެފްއޭއެމްގެ އޮފީސްގެ އިތުރުން ކުޅުންތެރިންގެ ރިހިބިލިޓޭޝަން ސެންޓަރެކެވެ.
މި އިމާރާތުގެ މިހާތަނަށް ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތެވެ. އެތާނގައި މި އަހަރުން ފެށިގެން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
ސްޕޯޓްސް އެރީނާގެ ކޮންސެޕްޓް އޮޅުވާލައިފި!
ޕާކިން އަށް ޑިޒައިންކޮށްފައިވާ ތިން ބުރީގެ އިމާރާތުގެ ތިރީގައި މިހާރު ފެންނަނީ ގުދަންތަކެވެ. އެ ތަންތަން ގުދަނަށް ބަދަލުކޮށް ގާތްގަނޑަކަށް ހަތް ގުދަން 50 އަހަރަށް ދޫކުރަން އެފްއޭއެމުން ނިންމާފައިވާ ކަމަށް ވެ އެވެ. އަދި އެތަންތަން ދޫކުރުމަށް ބައެއް ފަރާތްތަކުގެ އަތުން ބޮޑެތި އެޑްވާންސް ޕޭމެންޓްތައް ވެސް އެފްއޭއެމުން ނަގާފައިވާ ކަމަށް، މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
މި މައްސަލަ ޕްލޭނިން މިނިސްޓްރީގެ ސަމާލު ކަމަށް ވެސް ވަނީ އައިސްފަ އެވެ. އެ މިނިސްޓްރީން އެކަން ޔޫތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، މިދިޔަ މަހު ފަހުކޮޅު ސިޓީއެއް ވެސް ފޮނުވި އެވެ. އެ ސިޓީގައިވާ ގޮތުން އެ ބިމުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލުގައި އެ އިމާރާތުގައި ކުރެވޭނެ ކަންކަން ބަޔާންކޮށްފައިވާނެ ކަމަށާއި ޕާކިން އޭރިއާގެ ގޮތުގައި ހާއްސަކޮށްފައިވާ ޖާގަ، ގުދަނުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެ އެވެ. އެހެންވެ، އެފްއޭއެމް އިން ގަވައިދާ ހިލާފަށް އަމަލު ކުރަމުން ދާތީ، ޔޫތު މިނިސްޓްރީން އެކަން ހުއްޓުވައި ދިނުމަށް ޕްލޭނިން އިން ސިޓީގައި އެދިފައި ވެ އެވެ.
ގުދަނުގެ އިތުރުން އެ ސަރަހައްދުގައި ލޯންޗް ފަދަ ތަކެތި މަރާމާތު ކުރުމާއި ގާ އެޅުން ކަހަލަ ކޮންސްޓްރަކްޝަން ބައެއް މަސައްކަތްތައް ވެސް އެތާނގައި މިހާރު އަންނަނީ ކުރަމުންނެވެ. މިކަމާ ގުޅޭ ގޮތުން ޖަވާޒް އާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މިއީ އެފްއޭމް އިން ކުރާ ކަމެއް ނޫން ކަމަށެވެ.
"އެއީ ހަމަ އެޕޯލޯ މީހުންގެ މަސައްކަތްތައް. އެ ބިލްޑިން މަސައްކަތްތަކުގެ އިތުރަށް. ދެން މިހާރު އެކަން ވެސް ހުއްޓާލައިފަ ޕިޗު އެޅުމުގެ މަސައްކަތަށް އެތަން ހުސްކުރަން ގޭޓު ލައިފައި ބަންދުކޮށްފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އެޕޯލޯ އިން އެކަން ދޮގު ކުރެ އެވެ. އެ ކުންފުނިން ބުނަނީ އެތާނގައި ހުރި ލޭބާ ކުއާޓަރުގެ އިތުރުން އެ ސަރަހައްދުގައި ގާ އެޅުމާއި ލޯންޗު ފަދަ ތަކެތި މަރާމާތު ކުރުން ފަދަ ކަންކަމަކީ އެ ކުންފުންޏާ ގުޅުން ހުރި ކަންކަން ނޫން ކަމަށެވެ.
އެތަނުގައި އެޕޯލޯގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މަސްލަހަތު އޮތް ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ނަން ހާމަކުރަން ބޭނުން ނުވާ ބޭފުޅަކު ވިދާޅުވި އެވެ.