10 މިލިއަނަން ވުރެ އާމްދަނީ މަދު ނަމަ އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި

އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) ގެ ބަޔާނާ އެކު އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ.


ކުރިން މި ލުއި ދީފައި ވަނީ އަހަރަކު ފަސް މިލިއަން ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކަށެވެ.

މީރާ އިން މިއަދު ނެރުނު ޓެކްސް ރޫލިންގައި ވާ ގޮތުން 2015 ވަނަ އަހަރު ޖުމްލަ އާމްދަނީ ގޮތުގައި 10 މިލިއަނަށް ވުރެ މަދުން ލިބުނި ވިޔަފާރިތަކުން، ވިދިގެން އަންނަ އެއްވެސް ޓެކްސްއެއް އަހަރެއްގައި އެ އަދަދު 10 މިލިއަނަށް ވުރެ މަދު ނުވާނަމަ އޮޑިޓް ރިޕޯޓް ހުށަހަޅާކަށް ނުޖެހޭނެ އެެވެ.

މިއީ މީރާ އިން ކުދި ވިޔަފާރިތަކަށް ދެމުން ގެންދާ ލުއިތަކުގެ ތެރެއަށް އިތުރުވި ބައެއް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

މީގެ އިތުރުން، މި ރޫލިންގެ ދަށުން ވަނީ އޮޑިޓަރުން މީރާގައި ރަޖިސްޓްރީކުރުން ވެސް ފަސޭހަ ކޮށްދީފައި އެވެ.