މިހާތަނަށް އެންމެ ބޮޑު ފައިދާއެެއް ވިޔަފާރީގެ ޓެކްސްއިން!

ދައުލަތަށް މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްއިން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


އެ މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 931 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ތެރޭގައި ހިމެނެނީ ބީޕީޓީ އާއި ވިތްހޮލްޑިން ޓެކްސް އެވެ. މި ބައިން ދައުލަތަށް މިހާތަނަށް ލިބިފައިވާ ޖުމްލަ އާމްދަނީގެ 33 ޕަސެންޓެވެ. އަދި މިހާތަނަށް ދައުލަދަތަށް ލިބިފައިވާ ޓެކްސްގެ އާމްދަނީގެ 40 ޕަސެންޓް ވެސް ހިއްސާ ވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސަށެވެ.

މިފާއިތުވެދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި ދައުލަތަށް 2.7 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ޓެކްސްގެ އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކްސްގެ އާމްދަނީތަކުގެ ތެރެއިން ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުންނެވެ. މިހާތަނަށް މުދަލާއި ހިދުމަތުގެ އަގުން 789 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 395.3 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 87 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއާޕޯޓް ސާވިސް ޗާޖުގައި ގޮތުގައި 71 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ޓެކްސް ނޫން އެހެން އާމްދަނީގެ ގޮތުގައި 484 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މި އަހަރަށް ދައުލަތުން 30.2 ބިލިއަން ރުފިޔާ ބަޖެޓެއް ކަނޑައަޅާފައިވާ އިރު އާމްދަނީގެ ގޮތުގައި 23.3 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ކަނޑައަޅައިފަ އެވެ. މިފާއިތުވެދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ 11 ޕަސެންޓް ވަނީ ލިބިފަ އެވެ.