މިފްކޯގެ ހިދުމަތްތައް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގއ. ކޫއްޑު އާއި ގދ. ތިނަދޫގައި އަލަށް ގާއިމްކުރާ ފެސިލިޓީތަކުގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިފްކޯއިން އެމްޓީސީސީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ގއ. ކޫއްޑޫގައި އަލަށް ހަދާ ބްރައިން ފްރީޒިން އިމާރާތުގެ ފައުންޑޭޝަނުގެ މަސައްކަތާއި ބްރައިން ޓެންކުގެ ކޮންކްރީޓު މަސައްކަތާއި 50 ރީފާ ކޮންޓެއިނާގެ ކޮންޓެއިނާ ޔާޑެއް ހެދުމުގެ މަސައްކަތެވެ. އޭގެ އިތުރުން ކޫއްޑޫގައި މިފްކޯގެ މަދާ ވެސަލްތައް ގާތްކުރުމަށް ބޭނުންވާ އަންލޯޑިން ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް ވެސް ހަވާލުކުރި އެވެ.
ގދ. ތިނަދޫގައި ހިންގަން ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އެ ތަނުގައި އަލަށް ގާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތާއި ބްރައިން ޓޭންކުގެ ކޮންކްރީޓު މަސައްކަތާއި އެ ތަނުގައި ހެދުމަށް ހަމަޖެހިފައިވާ އިތުރު ފެސިލިޓީތަކުގެ ފައުންޑޭޝަނުގެ މަސައްކަތެވެ. އަދި އެ ރަށުގެ ބަނދަރުން ބައެއް ކޮންކްރީޓް ޕޭވްކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
މިފްކޯއިން ބުނި ގޮތުގައި މަސްވެރިކަމުގެ މޫސުމުގައި މަސްގަތުމަށް މިހާރު ދިމާވަމުންދާ ދަތިތަކަށް އެ ފެސިލިޓީއާ އެކު ހައްލު ލިބޭނެ އެވެ. އެ ފެސިލިޓީތަކުގެ މަސައްކަތް ނިމުމުން ދުވާލަކަށް މަސްގަނެވޭ މިންވަރު އިތުރުވެ، މަސްކައްކާ ކުރާނެ ޖާގަ އިތުރުވެގެންދާނެ ކަމަށް މިފްކޯއިން ބުނެ އެވެ.
އެ ތަންތަނުގެ ސަބަބުން މަސްކިރުމަށް ކިއުގައި މަޑުކުރަންޖެހޭ ވަގުތު ވެސް މަދުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ބުނި ގޮތުގައި ގއ. ކޫއްޑޫގެ ބަނދަރުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ބަނދަރު ބޮޑުކޮށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އަދި ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ކޮންޓެކްޓަރެއް ހޯދުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކޯލްޑް ސްޓޯރޭޖު ނިމުމުން މިފްކޯ އަށް ދުވާލަކަށް މަސްގަނެވޭ މިންވަރު އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ޕްރޮޖެކްޓް ހިންގަނީ ސައުދީ ފަންޑުގެ އެހީގަ އެވެ.