ފާއިތުވި ފަސް އަހަރު ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ ތެރޭގައި ވަރަށް ގޯސްކޮށް ކަންކަން ކޮށްފައި ހުރުމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަނަށް ބުރޫއަރާ މިންވަރަށް 4.1 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް އެ ކުންފުނީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ކުންފުންނި ހިންގުމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއާޒް ވިދާޅުވީ 871 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އާ މެނޭޖްމަންޓުން ކުންފުންޏާ ހަވާލުވެ މިހާތަނަށް ބެލި ބެލުމުން، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ، އޭނާ ވިދާޅުވި ގޮތުގައި ވަރަށް ޒިންމާދާރުކަންކުޑަ ގޮތަކަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް ކުންފުންޏަށް މުވައްޒަފުން ވައްދާފައިވުމެވެ.
އޭގެ ތަފްސީލު ދެއްވަމުން މުއާޒް ވިދާޅުވީ 2018 ވަނަ އަހަރު ފެނަކައިގައި 2،700 އެއްހާ މުވައްޒަފުން ތިބި އިރު، މި އަހަރު އެ އަދަދު 8،100 ހުރަސްކޮށްފައިވާ ކަމަށެވެ.
"މުވައްޒަފުންގެ އަދަދުތަކަށް ބަލާއިރު، ވޭޖަށް ކުރިން ހޭދަކުރަން ޖެހެނީ 20 މިލިއަން ރުފިޔާ. މިހާރު އެވްރެޖްކޮށް މަހެއްގެ މައްޗަށް ހޭދަކުރަން ޖެހޭ 74 މިލިއަން ރުފިޔާ. އެންމެ ފަހުން މުސާރަ ދިން އިރު ވެސް 79 މިލިއަން ރުފިޔާ އަޅުގަނޑުމެން ހޭދަކުރަން ޖެހުނު،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހު ވެރިކަން ބަދަލުވުމަށް ފަހު ކޮންޓްރެކްޓް ސްޓާފުންގެ ގޮތުގައި ތިބި 900 އެއްހާ މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކުރަން ނިންމުމުން ފަސް މިލިއަން ރުފިޔާ، މުސާރައިގެ ޖުމްލަ ހަރަދުން ސަލާމަތް ކުރެވުނުކަން އޭނާ ފާހަގަކުރެއްވި އެވެ.
އެ ނިންމުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ ޕޭރޯލް ކުޑަނުކޮށް، ކުންފުނި "ސަވައިވް" ނުވާނެ ކަމަށެވެ.
އެތައް މިލިއަން ރުފިޔާގެ "ބޭކާރު" ހަރަދު
ފެނަކައިގެ އިސް ވެރިންނާ އެކު ބޭއްވި އެ ބައްދަލުވުމުގައި، ކުންފުނިން ހަދާފައިވާ ބޮޑެތި ގޯސްތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ވަނީ ހިއްސާކޮށްފަ އެވެ.
މުއާޒް ވިދާޅުވި ގޮތުގައި ކުންފުނީގެ މުދާ އުފުލުން ފަދަ ލޮޖިސްޓިކްސްއަށް ވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި 200 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
"މިއީ ކުންފުންޏަށް ފައިދާ ލިބޭނެ ކަންކަމަށް އިންވެސްޓް ކުރެވެން އޮތް 200 މިލިއަން. އެކަމަކު އެ ވެސް ވޭސްޓު ވެގެން އެ ދިޔައީ،" އޭނާ ވިދާޅުވި އެވެ.
ފެނަކައިގެ ޕްރޮކިއުމަންޓުގެ ތެރެއިން ވެސް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވި ގޮތުގައި، ކުންފުންޏަށް ބޭނުންވާ ސަމާނު މުޅިންހެން ގަނެފައިވަނީ އެމަޖެންސީ ޕްރޮކިޔުމަންޓުގެ ގޮތުގައި ޓެންޑާނުކޮށް އަގުބޮޑުކޮށެވެ.
އަމިއްލައަށް އިމާރާތްތައް ހަދަނީ އެތައް ގުނައެއް ބޮޑުކޮށް
އޭނާ ވިދާޅުވީ 2021 ވަނަ އަހަރު ފެނަކައިން އަމިއްލައަށް އިމާރާތްތައް ހަދަން ނިންމުމުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އެކަން ބޯޑުން ނިންމިކަން ވެސް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ބައެއް މިސާލުތައް ދެއްވަމުން، އޭނާ ވިދާޅުވި ގޮތުގައި ހއ. ދިއްދޫގައި ހަދަމުންދާ އިމާރާތަކަށް 23 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިންޖިއަނަރުން އަންދާޒާކުރާ އިރު، އެ މަޝްރޫއު ނިމޭއިރު އެތަނަށް 115 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެފަދަ ގިނަ މަޝްރޫއުތައް އަދިވެސް ނުނިމޭ އިރު، އެ ތަންތަނަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުވައްޒަފުން ނަގާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ބީއޯކިޔުއެއް ވެސް ނެތް ހަދާފައެއް. ބީއޯކިޔުއެއް ވެސް ހެދި ނަމަތާ އެނގޭނީ އެފަދަ ތަނެއް ހަދަން ހިނގާނެ ހަރަދެއް ވެސް،" މުއާޒް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ކުންފުނީގެ ޑީއެމްޑީ ހުސެއިން ޒުހުރީ ވިދާޅުވީ ފެނަކައިން 70 ރަށެއްގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ އިރު، ޖަނަރޭޓަރުތައް ގަވާއިދުން މަރާމާތު ކުރުމުގެ ޕްލޭނެއް ކުންފުނީގައި ނެތް ކަމަށެވެ.
"ފަޔާ ފައިޓިން މި އޮންނަނީ. ޖަނަރޭޓަރެއް ހަލާކުވީމާ ހަދާ ގޮތަށް،" ގަވާއިދުން ޖަނަރޭޓަރުތަކުގެ މެއިންޓެނަންސް މަސައްކަތް ކުރާނަމަ 117 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނީސް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
ދަރަނި ދައްކަން ޕްލޭނެއް
މުއާޒް ވިދާޅުވީ ކުންފުނީގައި ހުރި އިތުރު މައްސަލަތައް ދެނަގަތުމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އަދި އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޕްލޭނެއް އެކުލަވާލައި، ވީހާވެސް ގިނަ ކުންފުނިތަކަށް ވީއެންމެ އަވަހަކަށް ފައިސާ ދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ހާމަކުރެއްވި އެވެ.
އެކަމަކު އެ ފައިސާ ދެއްކޭނެ ވަކި ތާރީހެއް ދަންނަވަން ދަތި ކަމަށް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވި ގޮތުގައި މެނޭޖްމަންޓު އޮޑިޓު ނިމުމުން، ފާހަގަވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ތަހުގީގެއް ހިންގައި، މިކަމުގައި އިހުމާލުވި ފަރާތްތަކުގެ މައްޗަށް ދައުވާ ކުރާނެ އެވެ.