އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު، ބީއެމްއެލް އީއެންވީ ޕޮސް އިނިޝިއޭޓިވް މިއަދު ތައާރަފު ކޮށްދެއްވާއިރު އަރިހުގައި އެ ކުންފުނީގެ އެމްޑީ ޝަރީފު.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
25 ޖޫން 2025 - 18:35
ބީއެމްއެލްގެ ޕޮސް މެޝިންތަކުން ކުރާ މުއާމަލާތްތަކުން ބެންކަށް ލިބޭ ފައިދާގެ ވަކި އަދަދެއް ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ހޭދަކުރުމަށް ހާއްސަކޮށް "އީއެންވީ ޕޮސް" އިނިޝިއޭޓިވް ލޯންޗުކޮށްފި އެވެ.
މި ޕްރޮގްރާމްގައި ބީއެމްއެލްގެ ޕޮސް މެޝިންތަކުން ކުރާ މުއާމަލާތްތަކުން ބެންކަށް ލިބޭ ފައިދާގެ ވަކި އަދަދެއް ތިމާވެށި ރައްކާތެރިކުރުމަށް ހޭދަކުރާނެ އެވެ.
ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި "އިނިޝިއޭޓިވް" އިފުތިތާހު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ އެމްޑީ ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަުާޒު މޫސާ| މިހާރު
ބީއެމްއެލް އިން ލޯންޗްކުރި "އީއެންވީ ޕޮސް" ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމުގައި އެ ބެންކުގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގައި ބީއެމްއެލްގެ ޕޮސް މެޝިންތަކުން ކުރާ މުއާމަލާތްތަކުން ބެންކަށް ލިބޭ ފައިދާގެ ވަކި އަދަދެއް ތިމާވެށި ރައްކާތެރިކުރުމަށް ހޭދަކުރާނެ އެވެ.
މި އިނީޝިއޭޓިވްއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝަރީފު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް އެ ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށެވެ.
"ޖުލައި އެކަކުން ފެށިގެން ކާޑު މެޝިނުން ފައިސާގެ މުއާމަލާތް ކުރުމުން ކަސްޓަމަރުންނަށް ސީދާ ގޮތުން ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތަކުގައި ބައިވެރިވެވޭނެ. މިއީ ދިވެހިންނާއި ޓޫރިސްޓުންނަށް ވެސް ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެއް،" ޝަރީފު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގާއި ބީއެމްއެލްގެ ޗެއާމަން އަހުމަދާއި އެމްޑީ ޝަރީފާއި އެ ކުންފުނީގެ ބޯޑުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އޭނާ ވިދާޅުވީ އެ ޕްރޮގުރާމުން އެއްވެސް މާޗަންޓެއް ނުވަތަ ކަސްޓަމަރެއްގެ އަތުން އިތުރު ފީއެއް ނުނަގާނެ ކަމަށެވެ.
"މިއީ ހަމައެކަނި ޕޮސް މެޝިން މުއާމަލާތްތަކުން ބެންކަށް ލިބޭ އާމްދަނީން ހޭދަ ކުރާ އިނީޝިއޭޓިވްއެއް." ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިމާވެށި ރައްކާތެރިކުރަން ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގައި ބައިވެރިވުމަކީ އެ ބެންކުގެ ޒިންމާއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ނާޒުކު ތިމާވެއްޓަކީ ދިރިއުޅުމުގެ މުހިންމު އަސާސެއް ކަމަށާއި ކުރިއަށް އޮތް ޖީލާ ހަމައަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ފޯރުކޮށްދެވޭނީ ތިމާވެށި ހިމާޔަތް ކޮށްގެން ކަމަށް ވިދާޅުވި އެވެ.
އެމްޑީ ވިދާޅުވި ގޮތުގައި މި އިނީޝިއޭޓިވް އިން ހަރަދު ކުރާނީ އިތުބާރު ހިފޭ، ތަޖުރިބާ ހުރި އެކި ޖައްމިއްޔާތަކާއި ބައިވެރިންނާއި އެކު ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށެވެ. އެގޮތުން ރަށްތަކުން ބޭނުން ކޮށްފައިވާ ޕްލާސްޓިކް ކުނިތަކާއި ފުޅި ރީސައިކަލް ކުރުމާއި އަލުން އެކްސްޕޯޓުކުރުމާއި ގަސް އިންދުމާއި ކުނި މެނޭޖުކުރުމާއި އެކި ޓްރީޓްމަންޓު ސޮލިއުޝަންތައް ހޯދާ ދިނުން ފަދަ ޕްރޮޖެކްޓުތަކަށް ހޭދަކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގާއި ބީއެމްއެލްގެ ޗެއާމަން އަހުމަދު އަދި އެ ކުންފުނީގެ ބޯޑު މެމްބަރު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ބެންކުން ކުރިއަށް އޮތް ތަނުގައި ތައާރަފްކުރާ ކްރެޑިޓް އަދި ޑެބިޓް ކާޑު ހަދާނީ ރާއްޖެ އިން އެކްސްޕޯޓުކޮށް ރީސައިކަލް ކުރެވޭ ޕްލާސްޓިކް ބޭނުން ކޮށްގެން ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
ބީއެމްއެލް އިން އިފުތިތާހު ކުރި ހާއްސަ އިނިޝިއޭޓިވްއާ ގުޅިގެން ކާޑު މެޝިނު ބޭނުން ކުރާ މިންވަރު އިތުރު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަންތަކެއް ވެސް އެ ބެންކުން ވަނީ އިއުލާނުކޮށްފަ އެވެ.
ކާޑު މެޝިން މެދުވެރިކޮށް އެމެކްސް ކާޑުގެ މުއާމަލާތްތައް ކުރާ ކަސްޓަމަރުންގެ ތެރެއިން ދެ ކަސްޓަމަރަށް އިތުރު މީހަކާ އެކު ސިންގަޕޫރުގައި އޮތް ފޯމިއަލާ ވަން ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ޖުލައި މަހުގެ 1 އިން 31 އަށް ކުރިއަށް ގެންދިއުމަށް ވަނީ އިއުލާނުކޮށްފަ އެވެ. އަދި އޮގަސްޓު މަހުގެ އެކަކުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި މާސްޓަކާޑް ބޭނުން ކޮށްގެން ދެ ކަސްޓަމަރަކަށް އިތުރު މީހަކާ އެކު އޮސްޓްރޭލިއަން އޯޕަން އަށް ދިއުމުގެ ފުރުސަތު ދޭ ޕްރޮމޯޝަނެއް ވެސް ވަނީ އިއުލާންކޮށްފަ އެވެ.
"އީއެންވީ ޕޮސް" ޕްރޮގުރާމަކީ ދިގު މުއްދަތުގެ ދެމެހެއްޓެނިވި މަސައްކަތެއް ކުރެވޭނެ ޕްރޮގުރާމެއްގެ ގޮތުގައި ބޭންކުން ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސްޓަމަރެއް
26 June 2025
ވަރަށް ރަގަޅު ކަމެއް. ހަމަ ތިގޮތަށް ހުރިހާ ބޯޑު މެމްބަރުން ފޮޓޯއަކަށް އެތުރިލައިގެން ތިބެ މާޗަންޓުންއަތުން ނަގާ ފީ ކުޑަކޮށްފިނަމަ ކަސްޓަމަރުންނަށާއި މާޗަންޓުންނަށް ފައިދާ ބޮޑުވާނެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ކާޑު ބޭނުންކުރުމުން ޑިސްކައުންޓް ލިބޭ، ރާއްޖޭގައި ކާޑު ބޭނުންކުރުމުން ކަސްޓަމަރުން އަތުން އިތުރަށް ފައިސާނަގާ. މިކަން ހައްލުކުރަން ބޭންކުން ވިސްނަންތޯ؟
ސިޓިޒަން އޮފް މާލެ
26 June 2025
ތިޔަ ފައިސާ ހަރަދުކުރާނީ އެ މިނިސްޓްރީ ގެ މުވައްޒަފުން ދަތުރު ކުރަން!