"ބާނި" އިވެންޓުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "މިހާރު" އާ އެކު ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފޮޓޯއަކަށް ތައްޔާރު ވެގެން.---ފޮޓޯ: އަމާނީ އަބްދުﷲ| މިހާރު
26 ޖޫން 2025 - 14:00
ސްނޯކްލިން ގިނިސް ވޯލްޑް ރެކޯޑެއް ހެދުމަށް ބާއްވާ "ބާނި" އިވެންޓުގެ މީޑިއާ ޕާޓްރަނެއްގެ ގޮތުގައި "މިހާރު" އިން އިއްޔެ ސޮއިކޮށްފި އެވެ.
"މިހާރު" އޮފީހުގައި ބޭއްވި ހަފުލާއެއްގައި އެ އެއްބަސްވުމުގައި ފްރީޑައިވް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު ހައްވާ ނައުފާ އެވެ. "މިހާރު" ގެ ފަރާތުން ސޮއިކުރެއްވީ އެޑިޓަރު އަހުމަދު ހަމްދޫން އެވެ.
އެ ހަރަކާތް ބައްވަނީ ބާނި އާއި ފްރީޑައިވް މޯލްޑިވްސް ގުޅިގެންނެވެ.
މި އެއްބަސްވުމުގެ ދަށުން "ބާނި" ރެކޯޑާ ގުޅުން ހުރި ޚަބަރުތަކާއި މައުލޫމާތުތަކާއި "މިހާރު" އިން ގެނެސްދޭނެ އެވެ.
"ބާނި" ވޯލްޑް ރިކޯޑު ހެދުން އޮންނާނީ ބ. އަތޮޅުގައި އޮންނަ އަންގަފަރު ފިނޮޅުގައި އަންނަ އޮޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މިއީ ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން ފްރީ ޑައިވް މޯލްޑިވްސްއާ ގުޅިގެން ބާއްވާ ހަރަކާތެކެވެ. އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއް ވަގުތެއްގައި ސްނޯކަލް ކުރުމުގެ ވޯލްޑް ރެކޯޑު ހެދުމަށް ބާއްވާ ހަރަކާތަށް މިހާރު ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައިވާ ކަމަށް ބާނި އިން ބުންޏެވެ.
"ބާނި" އިވެންޓުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "މިހާރު" އާ އެކު ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.---ފޮޓޯ: އަމާނީ އަބްދުﷲ| މިހާރު
"ބާނި" ގެ މަގުސަދަކީ ބ. އަތޮޅުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށާއި ފަރުތަކަށް ލިބޭ ތިމާވެށީގެ ގެއްލުންތަކަށް އަހުލުވެރި ކުރުވުމެވެ. މި ހަރަކާތުގައި ބައިވެރިވެވޭނީ އެ އަތޮޅުގެ ރަށަކާ ގުޅިގެންނެވެ.
"ބާނި" ޓީމުން މި ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ މީހުން ހޯދުމަށް ބ. އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ ޒިޔާރަތް ކޮށްފައި ކަމަށެވެ. އެ ހަރަކާތަށް ބައިވެރިން ހޯދުމަށް އެ އަތޮޅުގެ ރިސޯޓުތަކަށް ވެސް ވަނީ ދަތުރުތައް ފަށައިފަ އެވެ.
"ބާނި" އިވެންޓުގައި ބައިވެރިވުމަށް ބ. އަތޮޅުގެ އެކި ކްލަބްތަކާއި ޖަމިއްޔާތަކާއި ގެސްޓް ހައުސްތަކުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy