29 ޖޫން 2025 - 11:53
ސްނޯކްލިން ވޯލްޑް ރެކޯޑެއް ހެދުމަށް ބާއްވާ "ބާނި" އިވެންޓުގައި ބައިވެރިވުމަށް ފޯ ސީޒަންސް ލަނޑާ ގިރާވަރު ރިސޯޓުން ނިންމައިފި އެވެ. މިއީ މި ހަރަކާތުގައި ބައިވެރިވާން ނިންމި ފުރަތަމަ ރިސޯޓެވެ.
"ބާނި" ހަރަކާތަށް ބައިވެރިން ހޯދަން ރިސޯޓުތަކަށް މިހާރު ކުރަމުން އަންނަ ދަތުރުތަކުގައި ފޯ ސީޒަންސް އިން މި ހަރަކާތުގައި ބައިވެރިވާން ނިންމި ފުރަތަމަ ރިސޯޓަށް ވުމަކީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި "ބާނި" އިވެންޓު ޓީމުން ސިފަކުރި އެވެ. އަދި އުއްމީދަކީ ގިނަ ރިސޯޓުތަކަކުން މި ހަރަކާތުގައި ބައިވެރިވުން ކަމަށް ވެސް ބުންޏެވެ.
"ބާނި" އިވެންޓުގެ ބައިވެރިން ހޯދުމަށް އެ ހަރަކާތުގެ ފަރާތުން ހާއްސަ ޓީމެއް ބ. އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ވަނީ ޒިޔާރަތް ކޮށްފަ އެވެ. އެ ޒިޔާރަތުގައި ކޮންމެ ރަށެއްގެ ވެސް ކައުންސިލްތަކާއި ޖަމިއްޔާތަކާއި ކްލަބްތަކުގެ އިތުރުން ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކާ ވެސް ބައްދަލުކުރި އެވެ.
ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން ފްރީ ޑައިވް މޯލްޑިވްސްއާ ގުޅިގެން ބާއްވާ "ބާނި" އިވެންޓުގައި ބައިވެރިވެވޭނީ އެ އަތޮޅު ރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ. މިއީ ބ. އަތޮޅުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށާއި ފަރުތަކަށް ލިބޭ ތިމާވެށީގެ ގެއްލުންތަކަށް އަހުލުވެރި ކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
"ބާނި" ވޯލްޑް ރިކޯޑު އިވެންޓަކީ އަންނަ އޮޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު ބ. އަތޮޅުގައި އޮންނަ އަންގަފަރު ފިނޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ. މިއީ އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއް ވަގުތެއްގައި ސްނޯކަލް ކުރުމުގެ ވޯލްޑް ރެކޯޑު ހެދުމަށް ބާއްވާ ހަރަކާތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy