މާލެ ކައިރީގައި އޮންނަ ގަލުފަޅު، އާއްމުންނަށް ދަތުރު ދެވޭ ގޮތަށް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިއުލާނުކޮށްފި އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ރިސޯޓެއް ވެސް ހިމެނޭ ގޮތަށް، އާއްމުންގެ ބޭނުންތަކަށް އެ ރަށް ތަރައްގީކުރާ ބަޔަކަށް 50 އަހަރަށް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ.
މާލެއިން ފުރައިގެން ފަސް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ފަޅު ހިއްކައިގެން ތަރައްގީކުރަން ޝައުގުވެރިވާ ބަޔަކު އަންނަ މަހުގެ ދިހަވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.
އެ ކުންފުނިން ނެރުނު އިއުލާނުގައިވާ ގޮތުން ހަތް ހެކްޓަރުގެ އެ ފަޅު ތަރައްގީކުރަން ޖެހެނީ އެއްފަހަރާ 1،000 މީހުންނަށް ބޭނުންކުރެވޭނެ ޖާގަ ހިމެނޭ ގޮތަށެވެ. އަދި އެ ފަޅު ހިއްކުމަށްފަހު އިމާރާތްކުރެވޭނީ ބިމުގެ ތިން ޕަސެންޓް އާއި ފަސް ޕަސެންޓާ ދެމެދުގެ ބިމުގައި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެމްއައިޓީޑީސީގެ އިއުލާނުގައިވާ ގޮތުން އެ ފަޅު ހިއްކުމަށްފަހު ކަރަންޓާއި ފެނާއި މުނިސިޕަލް ހިދުމަތްތަކާއި ވިޔަފާރިކުރެވޭނެ ތަންތަން ވެސް ގާއިމުކުރަން ޖެހެ އެވެ. އޭގެ އިތުރުން އެއްފަހަރާ ދެ ފެރީ ދޯންޏަށް ކައިރިކުރެވޭނެ 50 ފޫޓު ދިގު ފާލަމެއް ހިޔާކޮށްފައި އޮންނަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނީގެ އިއުލާނުގައި ބުނެފައިވެ އެވެ.
ގަލުފަލު ހިއްކައިގެން ތަރައްގީކުރަން ނިންމިއިރު، ކުރިން މާލެ އާއި މާލެ ކައިރި ސަރަހައްދުގެ މީހުން ދަތުރު ދިއުމަށް ހާއްސަކޮށްފައި އޮތް ކ. ކުޑަބަނޑޮސް ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފަ އެވެ. އަދި ކ. ފޭދޫފިނޮޅު ވެސް ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކަށް ކުއްޔަށްދީފަ އެވެ.