ފިނޭންސް މިނިސްޓްރީ:
16 އޯގަސްޓް 2025 - 15:34
އެންސްޕާއިން އިޖްތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ ތެރެއިން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ހިދުމަތްދޭ ތަންތަނަށް ދައްކަން ޖެހޭ ބިލްތަކަށް ޖުލައި މަހުގެ ނިޔަލަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށާއި އެކަމަކު 1.5 ބިލިއަން ރުފިޔާ އަދިވެސް ދައްކަން އެބަ އޮތް ކަމަށް މާލިއްޔަތު ކޮމިޓީން ހާމަކޮށްފި އެވެ.
އެންސްޕާ އާއި އާސަންދައިން ނުދައްކާ ހުރި ބިލްތަކާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން އެންސްޕާއިން ނޮވެމްބަރު 2023 އިން ޖުލައި 2024ގެ ނިޔަލަށް އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ އިދާރާތަކަށެވެ. އެއީ 367 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ބޭރުގެ ހޮސްޕިޓަލްތަކަށެވެ. އެ ތަންތަނަށް 349 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
● ދައުލަތުގެ އިދާރާތަކަށް: 367 މިލިއަން ރުފިޔާ
● ބޭރުގެ ހޮސްޕިޓަލްތަކަށް: 349 މިލިއަން ރުފިޔާ
● ކްލިނިކްތަކަށް: 330 މިލިއަން ރުފިޔާ
● ފާމަސީތަކަށް: 325 މިލިއަން ރުފިޔާ
● ރާއްޖޭގެ ހޮސްޕިޓަލްތަކަށް: 164 މިލިއަން ރުފިޔާ
ޕެންޑިން ބިލްތަކާ ގުޅޭ ގޮތުން ހުށަހެޅި ރިޕޯޓުގައިވާ ގޮތުން އެ މުއްދަތުގެ ތެރޭގައި އެންސްޕާ އިން 872 މިލިއަން ރުފިޔާ ބިލްތަކަށް ދެއްކި އިރު އެ ތާރީހުގެ ތެރޭގައި ދީފައިވާ ހިދުމަތްތަކަށް ނުދައްކާ ހުރި އަދަދު 663 މިލިއަން ރުފިޔާއަށް އިތުރުވި އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ނޮވެމްބަރު 2023 ގެ ނިޔަލަށް 491 މިލިއަން ރުފިޔާގެ ޕެންޑިން ބިލްތައް ހުރި އިރު އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް ދައްކަން ޖެހޭ 125 މިލިއަން ރުފިޔާ ހުއްޓެވެ. އަދި ބޭރުގެ ހޮސްޕިޓަލްތަކަށް ދައްކަން ޖެހޭ 101 މިލިއަން ރުފިޔާ ހުރި އިރު ރާއްޖޭގެ ހޮސްޕިޓަލްތަކަށް ދައްކަން ޖެހޭ 81 މިލިއަން ރުފިޔާ ވެސް ހުއްޓެވެ.
އެންސްޕާއިން ފާމަސީތަކަށް ދައްކަން ޖެހޭ 136 މިލިއަން ރުފިޔާގެ ބިލްތައް ހުރި އިރު ރާއްޖޭގެ އެކި ކްލިނިކްތަކަށް ދައްކަން ޖެހޭ 48 މިލިއަން ރުފިޔާ ވެސް އެބަ ހުއްޓެވެ.
ސެކްރެޓްރިއޭޓުން ހުށަހެޅި އެ ރިޕޯޓުގައިވާ ގޮތުން އާސަންދައިން ވެސް އެކި ސިއްހީ ހިދުމަތްދޭ އިދާރާތަކަށް ދައްކަން ޖެހޭ ބިލްތަކުގެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އެންސްޕާ އާއި އާސަންދައިގެ ޕެންޑިން ބިލްތަކުގެ މައްސަލަ ބަލަން މާލިއްޔަތު ކޮމިޓީން ނިންމީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭ އިން ހުށަހެޅި މައްސަލަ ދިރާސާކޮށް، އިތުރަށް އެކަން ބެލުމުގެ ގޮތުންނެވެ. އޭޑީކޭއިން ވަނީ އާސަންދައިން އެ ހޮސްޕިޓަލަށް 251 މިލިއަން ރުފިޔާ ނުދައްކާ އޮތުމުގެ ސަބަބުން ސަޕްލަޔަރުންނާއި އެ ހޮސްޕިޓަލުގެ އެހެން ހަރަދުތައް ހަމަޖައްސަން ބޮޑެތި ދަތިތައް ކުރިމަތިވާކަން ފާހަގަކޮށްފަ އެވެ.
އާސަންދައިން ނޮވެމްބަރު 2023 އާ ހަމައަށް ނުދައްކާ ހުރި ބިލްތަކުގެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރާ އިރު އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ފާސަމީތަކަށެވެ. ފާމަސީތަކަށް ދައްކަން ޖެހޭ އަދަދު 516 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކްލިނިކްތަކަށް 260 މިލިއަން ރުފިޔާ، ބޭރުގެ ހޮސްޕިޓަލްތަކަށް 158 މިލިއަން ރުފިޔާ، ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކަށް 112 މިލިއަން ރުފިޔާ ދައްކަން ހުއްޓެވެ.
ސިއްހީ ހިދުމަތްދޭ އެކި ފަރާތްތަކަށް އާސަންދަ އާއި އެންސްޕާއިން ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ހުރި އިރު މިދިޔަ ޖުލައި މަހުގެ ނިޔަލަށް ވެންޑަރުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ބިލްތަކަށް ފިނޭންސް މިނިސްޓްރީން 1.1 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
މިއަދު ބޭއްވި ކޮމިޓީގައި އާސަންދަ އާއި އެންސްޕާއާ ގުޅޭ އެ ރިޕޯޓު އިތުރަށް ދިރާސާކުރަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެޓިޓު
18 August 2025
ތިޔަ ނުދެއްކިޔަސް އެތަނުން ތަނެއް ބަނގުރޫޓުވެގެން ބަނދުކުރާ ހާލަތަކަށް ނުދެޔެއްނު. އެހެންވީމާ މިހާރުވެސް އާންމުން އަތުން އެ ނަގާ ލާރިން ފުދެނީޔެއްނު
ނުހާދު މުހައްމަދު
17 August 2025
އިބޫ ވެރިކަމުގައި މިކަން ހައްދުން ނެއްޓީ. މުޅި އެންސްޕާ ހަލާކުކުރީ
ހަގީޤަތް
16 August 2025
ބޭނުންހާ އަގަކު ފަރުވާ ދެނީ އޭޑީކޭ ޓްރީޓޮޕް ފަދަ ތަންތަނުން. އެންސްޕާ އާއި އާސަންދަގަ އެއްބަސް ވާ އަގަކު ނޫން .. ދައުލަތް ދަވާލާފަ ރައްޔިތުން ދަވާލަން އުޅޭ ބަޔެއް ރާއްޖޭގެ މެޑިކަލް މާފިޔާ މީ. މިކަން ބަދަލު ކުރަން ޖެހޭ އެބަ ރައްޔިތުން ނިކުމެގެންވެސް
އާނ ނޭގެ
17 August 2025
ފަސްލައްކައެއްހާ އާބާދީއަކައް ސިއްހީ ހިދުމަތްދޭން މިހާބޮޑު އަދަދެއް ހޭދަކުރަންޖެހޭނެ އެއްވެސް ސަބަބެއްނުވިސްނޭ. ސިސްޓަމުގަ ހުރި ބާގަނޑުތައްބޮޑީ އަދި ބަޔަކައް ބޮޑެތި ފައިދާތަކެއްލިބުމައް ހުރި މަގުތައްވެސް ފުޅަލީ. ދޭހިދުމަތުގެ ފެންވަރު ރަނގަޅީކީވެސްނޫން.
ބުހުތާނު
16 August 2025
ބަޖެޓް ސާޕުލަސް ކުރާގޮތަކީ މިއީތޒޯއެވެ.
ސަންޑޭ
16 August 2025
ޑޮކްޓަރަށް ދެއްކީމާ މަދުވެގެން 3 މަސް ދުވަހުގެ ބޭސް ލިޔެދޭ. މިއީ ބޮޑުވަރު. މިކަން ހުއްޓުވަން ޖެހޭ.
ހަމްދާ
16 August 2025
ރާއްޖޭގެ ހޮސްޕިޓަލްތަކަށްމުރެ ފާމަސީތަކަށް ދައްކަންޖެހޭ އަދަދު މާގިނަ. ކީކޭ ދެން ބުނާނީ.
އޭޑީކޭ ނާޝިދު
16 August 2025
ބަލަ ތިޔަ އޭޑީކޭ ޓްރީޓޮޕް ހޮސްޕިޓަލަކުން އާސަންދަ ނޫނީ އެންސްޕާ އާ އެއްބަސްވާ އަގަކު ނޫނޭ ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދެނީ.. ބަލަނީ ރައްޔިތު މީހާ އިނދެ ޖެއްސޭތޯ. ނަރުހަކު ދުވަސް އެއްކޮށް ނުފެނުނަސް ނާސް ފީ ވެސް އިންތިހާއަށް ބޮޑު
ފަނާ
16 August 2025
ބަލަ ތިޔަ އޭޑީކޭ ހިލޭ ސަރުކާރުން ދީފައި ހުންނަ ބިމެއް.. އެކަމު ރައްޔިތު މީހާ ހަނާ ކުރަނީ.. ރާއްޖެއިން ބޭރުން ކުރާ ފަރުވާގެ އަގު ދެގުނަ.. ރައްޔިތުން އިނދެ ޖައްސަން ކުރާ ބައެއްތީ.. ތިޔަ މީހުން އަތުން ވެސް ސަރުކާރުން ވީ ބޮޑު ކުލި ނަގަން
1828
16 August 2025
ކޮންމެ މަހަކު ސަރޕްލަސްވީމައި މިހެންތަ ވަނީ؟ މިއީ އަދި ނޭނގޭ ކަމެއް. ޝުކުރުއްޔާ ޑރ.މުޙައްމަދު މުޢިއްްޒު.
ކައުންސެލަރު...
17 August 2025
އަނގައެއް އޮތީތީ ކޮންމެވެސް އެއްޗެކޭ ކިޔާފައި ހާވާތި. ވިސްނަބަލަ
އެކޮއި
16 August 2025
ޢާންމުމީހާއަށް އެއްހާސްރުފިޔާ ނަމަ ބޮޑުންގެ މީހަކަށް ލައްކައެއް. މީފެންނަމުންދާ ޙަޤީޤަތަކީ. ޢާންމުމީހާ ބޭރަށްދާން ނުވަތަ މާލއެިންނަމަވެސް ބޮޑުކަމެއްދިމާވެގެން ސަލާންޖަހާ އާދޭސްކޮށްގެން މިލިބެނީ ކުޑައެތިކޮޅެއް. އެކަމަކު ބޮޑުން ފުށްޓައްކެއް ޖަހާލިއަސް މަތިންނާއި ތިރިން އޮހޭނެ އޮބިނޯންނަވަރަށް. އެހެންކަމުން ޢާންމު 100 މީހަކަށްކުރާ ޚަރަދާއި ބޮޑުންގެ އެކަކަށް ކުރާ ޚަރަދާއި އެއްވަރުވާނެ. މީ މިޤައުމުގެ ޙާލަތު