ސޭވާ ޕްރޮޖެކްޓް. އެ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގްވާމީ އަދި ޒަމާނީ ފެންވަރުގެ ރެސްޓޯރެންޓްތަކާއި ޖިމް، ޕޫލް އަދި ކޮންފަރެންސް ރޫމް ފަދަ ތަންތަން ހަދާނެ -- ފޮޓޯ: ޑީއައިޕީ
21 އޯގަސްޓް 2025 - 14:20
ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެއް ކުންފުނި ކަމަށްވާ ފެޑޯ ޕްރައިވެޓް ލިމިޓެޑްއިން 55 މިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ބޮންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީޒް ޕްލެޓްފޯމް "ވިޔަނަ" މެދުވެރިކޮށެވެ. އެ ބޮންޑު އިޝޫކުރުމުގައި ޕްރިންސިޕަލް އެޑްވައިޒަރަކީ ދިވެހި އިންވެސްޓްމަންޓްސް އެވެ.
އެ ބޮންޑަށް އިންވެސްޓުކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެއީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުންޏަކުން ރާއްޖޭގެ ކެޕިޓަލް މާކެޓަށް ނެރޭ މިބާވަތުގެ ފުރަތަމަ މާލީ އިންސްޓްރޫމަންޓެވެ.
އެ ބޮންޑަކީ ކޮންވެންޝަނަލް ފިކްސްޑް އިންކަމް އިންސްޓްރޫމަންޓެއްގެ ގޮތުގައި ފަރުމާކޮށްފައިވާ ބޮންޑެކެވެ. އަދި އެ ބޮންޑުން އަހަރަކު 8.50 ޕަސެންޓުގެ އިންޓްރަސްޓްގެ އާމްދަނީއެއް ލިބޭނެ އެވެ. މި ފައިދާ ލިބޭނީ އަހަރަކު ދެ ފަހަރު، ފަސް އަހަރުގެ މުއްދަތަށެވެ.
އިންވެސްޓަރުން މިބޮންޑުގައި ބައިވެރިވެވޭނީ މަދުވެގެން 10 ބޮންޑުގައި (ޖުމްލަ 10،000ރ.) އިންވެސްޓްކޮށްގެންނެވެ. މިސާލަކަށް 100،000ރ. ގެ އިންވެސްޓްމަންޓަކުން އިންވެސްޓަރުންނަށް ކޮންމެ އަހަރަކު 24،966ރ. ލިބޭނެ އެވެ. މީގެ ތެރޭގައި އިންޓްރެސްޓާއި އިންވެސްޓްކުރި ޕްރިންސިޕަލްގެ އަދަދު ހިމެނެ އެވެ.
ބޮންޑުން ލިބޭ ފައިސާ ބޭނުންކުރާނީ ހުޅުމާލޭގައި ގާއިމުކުރާ "ސޭވާ" ޕްރިމިއަމް އާބަން ރިޓްރީޓް އަދި ލައުންޖް ފެސިލިޓީ ތަރައްގީ ކުރުމަށެވެ. ފަތުރުވެރިންނާއި ކޯޕަރޭޓް ކްލައިންޓުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ "ސޭވާ"ގައި ހިމެނެނީ ބައިނަލްއަގުވާމީ ފެންވަރުގެ ރިސޯޓްތަކާއި އެންމެ ޒަމާނީ ފެންވަރުގެ ޖިމް އަދި އިންފިނިޓީ ޕޫލްއަކާއި ހާއްސަ ކޮންފަރެންސް ސްޕޭސްތަކާއި މަތީ ފަންތީގެ ވަސީލަތްތަކެވެ.
ފެޑޯ އަކީ 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކޮންސްޓްރަކްޝަން އަދި ރިއަލްއެސްޓޭޓް ދާއިރާގައި މަސައްކަތް ކުރަމުން ދާ ކުންފުންޏެކެވެ. ފެޑޯގެ ބޮންޑު މާކެޓަށް ނެރެފައިވަނީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ. ދިވެހި އިންވެސްޓްމަންޓް ޕާޓްނަރަކީ ކެޕިޓަލް މާކެޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން ދޫކޮށްފައިވާ ޕްރިންސިޕަލް އެޑްވައިޒާ އަދި އިންވެސްޓްމަންޓް އެޑްވައިޒާ ލިބިފައިވާ، މާލީ ލަފާ ދޭ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy