01 ސެޕްޓެމްބަރ 2025 - 13:04
ލިބޭ އާމްދަނީން ފަހަށް ރައްކާކުރާ ފައިސާ އިންވެސްޓް ކުރާނެ ގޮތްތަކަށް ނަޒަރު ހިންގާލާއިރު، ހިއްސާގައި އިންވެސްޓް ކުރުމަށް ހިޔާރު ކުރުމަކީ ފައިދާ ހުރި ކަމެކެވެ. އާންމުންނަށް ހުޅުވާލައިގެން އިންވެސްޓް ކުރުމުގެ ދައުވަތު ދެވޭނެ ކުންފުނިތަކަކީ ޕަބްލިކް ކުންފުނިތަކެވެ.
ކެޕިޓަލް މާކެޓްގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓް ކޮށްފައިވާ ކުންފުނިތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި، އަލަށް ޕަބްލިކް ކުންފުންޏަކުން ހިއްސާ ވިއްކާއިރު ވެސް އިންވެސްޓް ކުރުމުގެ ފުރުސަތު ޝައުގުވެރިވާ މީހުންނާއި އެހެނިހެން ގާނޫނީ ޝަހުސުތަކަށް ވެސް އޮވެ އެވެ.
މި އާޓިކަލްގައި ބަލައިލާނީ މާލީ ބާޒާރުގައި ފަހަށް ރައްކާކުރަން ހުރި ފުރުސަތުތަކުގެ ތެރެއިން ހިއްސާގެ ބާޒާރަށެވެ.
ހިއްސާއަކީ، އެ ހިއްސާއެއް ގަންނަ ފަރާތެއްގެ މިލްކިއްޔާތެކެވެ. ހިއްސާގައި އިންވެސްޓް ކުރުމުން، ކުންފުނީގެ ދުސްތޫރުގައި ބަޔާން ކޮށްފައިވާ ހައްގުތަކެއް ކަށަވަރު ވާނެ އެވެ. އާންމުކޮށް، އެ ހައްގުތަކުގެ ތެރޭގައި ހިމެނޭނީ، ކުންފުނިން ބަހަން ކަނޑައަޅާ ފައިދާ ލިބިގަތުމުގެ ހައްގާއި އާންމު ޖަލްސާތަކުގައި ބައިވެރިވެ، ވޯޓު ދިނުމުގެ ހައްގާއި ކުންފުނީގެ ހިއްސާ ވިއްކާލަން ބޭނުންވެއްޖެ ހިނދެއްގައި ވިއްކާލުމުގެ ހައްގެވެ.
ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކޮށްފައިވާ ކުންފުނިތަކުގެ ހިއްސާ ގަތުމުން، އެ ކުންފުނިތަކުން ވިޔަފާރި ކޮށްގެން ލިބޭ ނަފާ (ޕްރޮފިޓް) އިންވެސްޓަރުންނަށް ދޭ ފައިދާ (ޑިވިޑެންޑް) ގެ ގޮތުގައި ލިބެ އެވެ. އެހެންކަމުން، ހިއްސާގައި އިންވެސްޓް ކުރުމުން، ކުންފުނީގެ އެ އިރެއްގެ ހާލަތަށް ރިއާޔަތްކޮށް ފައިދާ ބަހާ ފަހަރުތަކާއި ފައިދާ ނުބަހާ ފަހަރުތައް ވެސް އާދެ އެވެ. ފައިދާވާ ކުންފުނިތަކުގެ ހިއްސާގެ އަގު ސްޓޮކް އެކްސްޗޭންޖުގައި އުފުލިފައި ހުންނަ އިރެއްގައި، ހިއްސާ ވިއްކާލުމުން، ހިއްސާ ގަތް އަގާއި ވިއްކާލި އަގުގެ ފަރަގުން (ކެޕިޓަލް ގެއިން) ރަގަޅު ފައިދާއެއް ހޯދުމުގެ ފުރުސަތު ވެސް ލިބެ އެވެ.
ލިސްޓުކޮށްފައިވައި ކުންފުނިތަކުގެ ތެރެއިން ވޭތުވެދިޔަ އަހަރު ޑިވިޑެންޑް ބަހާފައިވާ ކުންފުނިތައް
ހިއްސާގައި އިންވެސްޓް ކޮށްގެން ވެސް ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ގެއްލުންވާ މިންވަރު ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ. ތަފާސްހިސާބަށް ބަލާއިރު، ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކޮށްފައިވާ ކުންފުނިތަކުގައި އިންވެސްޓް ކޮށްގެން ވެސް އިންފްލޭޝަންގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބިފައި އެބަހުއްޓެވެ.
ފަސޭހަކަމާ އެކު ހިއްސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށްޓަކައި، ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނުން އޮންލައިންކޮށް މުއާމަލާތް ކުރެވޭނެ ޓްރޭޑިން ޕްލެޓްފޯމެއް 2022 ގައި ތައާރަފު ކޮށްފައިވެ އެވެ. މިއީ ރާއްޖޭގައި މި ގޮތަށް ތައާރަފު ކުރި ފުރަތަމަ ޓްރޭޑިން ޕްލެޓްފޯމެވެ.
ހިއްސާގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް، ފަސްޓް ނެޝަނަލް ޓްރޭޑިން ޕްލެޓްފޯމް މެދުވެރިކޮށް ހިއްސާ ގަންނަން އެދެވޭނެ އެވެ. އަދި ވިއްކަން ބޭނުންވާ ފަރާތްތަކަށް ހަމަ މި ޕްލެޓްފޯމް މެދުވެރިކޮށް ހިއްސާ ވިއްކަން ހުށަހެޅުމުގެ ފުރުސަތު ލިބެ އެވެ.
ހިއްސާގެ މުއާމަލާތް ކުރުމަށް ކޮންމެ ފަރާތަކުން ވެސް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގައި އެކައުންޓެއް ހުޅުވުމުގެ އިތުރުން، އެ ފަރާތުގެ މައުލޫމާތު ގަވާއިދުން އަޕްޑޭޓް ކުރަން ވާނެ އެވެ. މީގެ މަގުސަދަކީ، ހިއްސާ ގަންނަ ފަރާތުގެ މާލީ ގާބިލުކަން ދެނެގަތުމާއި ހިއްސާ ގަތުމަށް ފަހު، ކުންފުނީގެ ފަރާތުން ޑިވިޑެންޑް ދޫކުރުން ފަދަ އިދާރީ ބޭނުންތަކަށް ހިއްސާދާރުންގެ އަދާހަމަ މައުލޫމާތު ބެލެހެއްޓުމަށް އެހީތެރިވެދިނުމަށެވެ.
ހިއްސާގައި އިންވެސްޓް ކުރުމުން ފަރުދުންނާއި އާއިލާތަކާއި އެ ނޫން ވެސް އިންވެސްޓަރުންނަށް މެދުނުކެނޑި ބޮޑު ފައިދާއެއް ހޯދުމުގެ މަގު ތަނަވަސްވެ އެވެ. ފަހަށް ރައްކާކުރާ ފަރާތުގެ މާލީ އަދި ރިސްކު ނެގުމުގެ ގާބިލުކަން ހުރި މިންވަރަކުން ހިއްސާގައި އިންވެސްޓު ކުރުމަށް ހިޔާރު ކުރެވިދާނެ އެވެ.
First National Finance Corporation
Making investing easy for people, families, and businesses.
ފަސްޓް ނޭޝަނަލްގެ ވެބްސައިޓު
ހިއްސާ ގަނެވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕޮރޭޝަން (ސީއެމްޑީއޭ ލައިސެންސް ލިބިފައިވާ ބްރޯކަރޭޖް ފާމް) މެދުވެރިކޮށް ޓްރޭޑިން ޕްލެޓްފޯމްގައި ރަޖިސްޓަރީ ކުރުމަށް ފަހު މުއާމަލާތް ކުރެވޭނެ އެވެ.
އެޑިޓަރުގެ ނޯޓު: މިއީ ފަސްޓް ނޭޝަނަލްގެ އެޑްވަޓޯރިއަލް އާޓިކަލް އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅިޔަނުބެ
01 September 2025
އެމްޓީޑީސީ ގެ ހާލަތު ގެނެސްދީ. އޭގެފަހުން ތިކަމާ އުޅެވޭނީ
މުޙައްމަދު2025
01 September 2025
ރާއްޖޭގައި ތިޔަ ބުނާ ފައިދާއެއް ވޭބާ؟؟ އަގުބޮޑުއިރަކުން ވިއްކާލީމަ ލިބޭނެ އެއްޗެއް. އެހެންނޫނީ ތި ބަހާ އެއްޗަކުން ޙިއްސާ ގަތް ޚަރަދުވެސް 10 ވަރަކަށް އަހަރުވާއިރުވެސް ކަވަރު ނުވާނެ.