ވިޒިޓް މޯލްޑިވްސްގެ ބޯޑު މެންބަރުން -- ފޮޓޯ: ވިޒިޓް މޯލްޑިވްސް
14 ޑިސެމްބަރ 2025 - 13:12
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެންބަޝިޕް ފީތައް ކުޑަކޮށްފި އެވެ.
މީގެ ކުރިން ގެސްޓްހައުސްތަކުގެ މެންބަޝިޕް ފީ އަކީ 1،000 ޑޮލަރެވެ. އަލަށް ގެނައި ބަދަލާ އެކު ގެސްޓްހައުސްތަކުގެ ތެރެއިން 25 ކޮޓަރިއަށް ވުރެ މަދުން އޮޕަރޭޓް ކުރާ ތަންތަނުން ދައްކަން ޖެހޭނީ 350 ޑޮލަރެވެ. އަދި އެއަށް ވުރެ އިތުރަށް ކޮޓަރި ހިންގާ ގެސްޓްހައުސްތަކުން ދައްކަން ޖެހޭނީ 750 ޑޮލަރެވެ. އެގެ އިތުރުން ޓްރެވަލް އޭޖެންޓުންނާއި ސަފާރީތަކުން ވެސް މެންބަޝިޕް ފީގެ ގޮތުގައި ދައްކަން ޖެހޭނީ 750 ޑޮލަރެވެ.
މީގެ ކުރިން އެ ހުރިހާ ފެސިލިޓީތަކުން ވެސް ފީގޮތުގައި ދައްކަން ޖެހެނީ 1،000 ޑޮލަރެވެ. މެންބަޝިޕްގެ ގޮތުގައި ރިސޯޓުތަކުން ދައްކަން ޖެހޭނީ 2،000 ޑޮލަރެވެ. އެ އަދަދަށް އަންނަ އަހަރު ވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ، އެ ބަދަލު ގެނައީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އެއްބާރުލުން ދިނުމާއި ޓޫރިޒަމް އިޝްތިހާރުކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށް ކަމަށެވެ. އަދި ބޮޑެތި ކުންފުނިތަކެކޭ އެއްގޮތަށް ކުދި ވިޔަފާރިތަކުން ވެސް ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެ ކުންފުނިން އެއްބާރުލުން ދޭނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.
މެންބާޝިޕް ފީގެ އިތުރުން ކުދި ވިޔަފާރިތަކަށް ރޯޑްޝޯތަކާއި ޓޫރިޒަމް ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ހެޔޮކޮށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ދަށުން ބައިވެރިވާ ހަރަކާތްތަކުގައި ނޮން-ފިޒިކަލް ޕާޓިސިޕޭޝަންގެ ފުރުސަތު ދިނުމަށް ވެސް ނިންމާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ރާވައިގެން ހިންގާ ކޮންޓެންޓް ދަތުރުތަކުގައި ބައިވެރިވެ، ރިސޯޓް ނުވަތަ ގެސްޓުހައުސް ފަދަ ވިޔަފާރިތަކަށް އެތަންތަން އިޝްތިހާރުކުރުމަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަ ކޮންޓެންޓު ފޯރުކޮށްދޭނެ ކަމަށް ވެސް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
"ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އަންނަ އަހަރަށް އަމާޒުކޮށް މި ރޮނގުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ އެކު، އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ގެސްޓުހައުސް، ލިވްއެބޯޑް އަދި ޓްރެވަލް އެޖެންސީތައް ގިނަ ބައެއްގެ މެދުގައި އިޝްތިހާރުކުރެވި، ރާއްޖެއަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގައި އިތުރަށް ބައިވެރިކުރެވޭނެ." އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަގޭ
14 December 2025
ކޮބާ ސަރުކާރަށް ހެސްކިޔާފަ ނަގާ ޓެކްސްތައް..