އޭލެވެލް އިމްތިހާނުގެ ނަތީޖާ ލިބުނު ދަރިވަރުންނަށް އެ މީހުންގެ ނަތީޖާއަށް ބެލުމަށްފަހު ކޯހަށް ހޮވުނުކަމުގެ ލިޔުން (އޮފާ ލެޓާ) ވަގުތުން ދޫކުރުމާއި އެޕްލިކޭޝަން މަރުހަލާ ފުރިހަމަ ކުރުމަށް އެހީތެރިވެ ދިނުމުގެ ހާއްސަ އިންތިޒާމުތަކެއް ވިލާ ކޮލެޖުން ހަމަޖައްސައިފި އެވެ.

އެއީ މަތީ ތައުލީމުގެ ހަޔާތް ފެށުމަށް ތައްޔާރުވަމުން އަންނަ ދަރިވަރުންނަށް، އެ ދަރިވަރުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ޖާގަ ކަށަވަރުކޮށްދީ، އެޕްލިކޭޝަން ހުށަހެޅުމުގެ މަރުހަލާ ވީހާ ވެސް ލުއިފަސޭހަކަމާއެކު ނިންމާލުމަށް ފަހިކޮށްދީފައިވާ ފުރުސަތެއް ކަމަށް އެ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުން "ވަން ސްޓޮޕް އެޑްމިޝަން"ގެ ހިދުމަތް މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ރޭގަނޑު 10 އަށް ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުން ލިބޭނެ އެވެ.

ވިލާ ކޮލެޖުން ވަގުތުން އޮފާ ލެޓާ ދޭ ހިދުމަތާއެކު ދަރިވަރުން ޝައުގުވެރިވާ ދާއިރާއާ ގުޅޭގޮތުން ތަޖުރިބާކާރު ކައުންސިލަރެއްގެ އެހީގައި ކެރިއާ ގައިޑަންސްގެ ހިދުމަތް ލިބޭނެ އެވެ. އަދި ކޯހަށް ވަނުމަށް ފޯމު ފުރުމާއި ފޯމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކުރުމުގައި އެހީތެރިކަން ލިބޭނެ އެވެ. 

ވިލާ ކޮލެޖުން މި މަހުގެ އިންޓޭކުގައި  ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް 100 އަށް ވުރެ ގިނަ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި ވިލާ ކޮލެޖުން ފުރުސަތު ހުޅުވާލާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި ޔޫކޭގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ޕްރޮގްރާމްތަކާއި މެލޭޝިއާގެ ސައިބާޖާޔާ ޔުނިވާސިޓީ އާއި ޓޭލާސް ޔުނިވާސިޓީގެ އެކި ދާއިރާތަކުގެ ޕްރޮގްރާމުތައް ހިމެނެ އެވެ.

ވިލާ ކޮލެޖުން ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓާ ސައިންސާއި ޓީޗިން އާއި އެޑިއުކޭޝަނާއި ޝަރީއާ އެންޑް ލޯގެ އިތުރުން ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ކޯސްތަކާއި ބިޒްނަސް މެނޭޖްމަންޓާއި އޭވިއޭޝަން މެނޭޖްމެންޓާއި އިންޓަނޭޝަނަލް ބިޒްނަސް އާއި އިކޮނޮމިކްސް އާއި އެކައުންޓިން އެންޑް ފައިނޭންސާއި ބޭންކިން އެންޑް ފައިނޭންސާއި މާކެޓިން އާއި ހިއުމަން ރިސޯސް އަދި އިންޖިނިއަރިންގެ ކޯސް ހިމެނެ އެވެ.

އެ ކޮލެޖުން ކިޔެވުމަށް ފުރުސަތު ހުޅުވާލާފައިވާ އިތުރު ކޯސްތަކުގެ ތެރޭގައި ރިސާޗާއި ނާސިން އާއި ސައިކޮލޮޖީ އާއި ޕަބްލިކް ހެލްތާއި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިނާއި ހެލްތު ސާވިސަސް މެނޭޖްމަންޓާއި ޕްރޮޖެކް މެނޭޖްމަންޓާއި ހޮސްޕިޓަލިޓީ މެނޭޖްމަންޓާއި މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާޓްސްގެ ކޯސްތައް ހިމެނެ އެވެ. 

ވިލާ ކޮލެޖުން ބުނީ އޯލެވެލްއިން މިފަހަރު ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުންނަށް އެ ކޮލެޖުގެ ފައުންޑޭޝަން ޕްރޮގުރާމުތަކުގައި ބައިވެރިވުމަށްފަހު ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހޯދޭނެ ކަމަށެވެ.

ވިލާ ކޮލެޖުގެ ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތު އެ ކޮލެޖުގެ ވެބްސައިޓުން ލިބޭނެ އެވެ.