މިދިޔަ އަހަރުގެ ތެރޭގައި، އާންމު މުދަލުގެ އަގުތައް 0.95 ޕަސެންޓު މަތިވެފައިވާ ކަމަށް މޯލްޑިވްސް ސްޓެޓިސްޓިކްސް ބިޔުރޯ (އެމްބީއެސް)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަސާސީ ތަކެތީގެ އަގުތަކަށް އަންނަ ބަދަލު އަންގައިދޭ އީސީޕީއައި އިންޑެކްސް ދައްކާ ގޮތުގައި، 2024 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް، މުދަލުގެ އަގު ވަނީ ޖުމްލަކޮށް 0.95 ޕަސެންޓު މަތިވެފަ އެވެ.

މިގޮތުން، އަގުތައް އެންމެ ބޮޑަށް މަތިވެފައިވަނީ ރީތިވާ ސާމާނުންނެވެ. ޕާސަނަލް ކެއާ ސާމާނުން، އެ މުއްދަތުގެ ތެރޭގައި ވަނީ 4.48 ޕަސެންޓުން އަގުތައް މަތިވެފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ބުއިންތަކުން 2.45 ޕަސެންޓުން އަގުތައް މަތިވެފައިވާއިރު، ކާތަކެތީގެ ބައިން އަގުތައް 0.43 ޕަސެންޓު ވަނީ މައްޗަށް ގޮސްފަ އެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ އަގުތަކަށް އައި ހެޔޮ ބަދަލާއެކު، އަހަރުގެ ތެރޭގައި އަގުތައް ދަށަށް ގޮސްފައިވަނީ އެ ބައިން އެކަންޏެވެ. މިގޮތުން، އަހަރު ދުވަހުގެ ތެރޭގައި ތެލާއި ގޭހުގެ އަގުން ވަނީ 1.02 ޕަސެންޓު ދަށްވެފަ އެވެ.

ކާބޯތަކެތީގެ ވަކިވަކި ބާވަތްތަކަށް ބަލާއިރު، ތަރުކާރީގެ ބާވަތްތަކުގެ އަގުން 9.22 ޕަސެންޓު ދަށްވެފައިވިޔަސް، މޭވާގެ އަގުތައް ވަނީ 0.64 ޕަސެންޓުން އުފުލިފަ އެވެ. 

  • ކިރާއި ބިސް : +2.79 ޕަސެންޓު
  • ކައްކާ ތެޔޮ : +4.58 ޕަސެންޓު
  • ހަކުރު، ޖޭމު، ޗޮކްލެޓު : +4.67 ޕަސެންޓު

އެ އިންޑެކްސްގައިވާ ގޮތުން، މިދިޔަ ނޮވެމްބަރު މަހާ އަޅާބަލާއިރު، ޑިސެމްބަރު މަހު ވެސް ތަކެތީގެ އަގުތައް މަތިވެފަ އެވެ.

މިގޮތުން، މަސް ދުވަހުގެ ތެރޭގައި، ޖުމްލަ އަގުތައް 0.51 ޕަސެންޓު އުފުލިފައިވާ ކަމަށް އެ އިންޑެކްސް އިން ދައްކަ އެވެ.

އީސީޕީއައި އަކީ ކާބޯތަކެއްޗާއި ތެލާއި ރީތިވާ ސާމާނު ފަދަ އަސާސީ މުދަލުގެ ބާސްކެޓެއްގެ ވެއިޓް އެވްރެޖް އަގު އިންޑެކްސްއެކެވެ.

އީސީޕީއައި ކަނޑައަޅަނީ، ތަފާތު 96 ބާވަތެއްގެ މުދަލުން 2،500 އަށް ވުރެ ގިނަ ވިޔަފާރިތަކުން ކަނޑައަޅާފައިވާ އަގުތަކަށް ބަލައިގެންނެވެ.