ދަތުރުފަތުރުގެ އަގުތައް އުފުލުމާ ގުޅިގެން މިދިޔަ މެއި މަހުގެ ޓްރާންސްޕޯޓް އިންފްލޭޝަން 9.3 ޕަސެންޓަށް އަރައިފި އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތައް ދައްކާ ގޮތުން މިއީ އޭގެ ކުރީ މަހަށް ވުރެ 1.1 ޕަސެންޓްގެ އިތުރުވުމެކެވެ. ދަތުރުފަތުރުގެ އިންފްލެޝަން އޭޕްރީލް މަހު ހުރީ 8.2 ޕަސެންޓްގަ އެވެ. އަދި މާޗް މަހު ދަތުރުފަތުރުގެ އިންފްލެޝަން ހުރީ ހަ ޕަސެންޓުގަ އެވެ.

ދަތުރުފަތުރުގެ އަގުތައް އެހާ ބޮޑަށް އުފުލެން ފެށީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި، ފްލައިޓްތަކުން ޓިކެޓު ވިއްކާ އެތައް ގުނައަކަށް އުފުލުމުގެ ސަބަބުންނެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓްޓިސްޓިކްސް އިން ބުނީ، މި މުއްދަތުގައި ފްލައިޓްތަކުގެ ޓިކެޓުގެ އަގުތައް 5.6 ޕަސެންޓަށް އުފުލުނު ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހު ދަތުރުފަތުރުގެ އިންފްލެޝަން ހުރީ 0.6 ޕަސެންޓުގަ އެވެ. އެހެންވެ، މިއީ ގާތްގަނޑަކަށް 1،500 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ފެބްރުއަރީ މަހާ ހަމައަށް ދަތުރުފަތުރުގެ އަގުތައް އައީ ވަރަށް ބޮޑަށް ދަށްވަމުންނެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަން މުޅި ދުނިޔެ އަށް ފޯރައި، އެ ހަނގުރާމައާ ގުޅިގެން ވައިގެދަތުރުފަތުރުގެ އަގުތައް އުފުލުނު އިރު މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް އަގުތައް އެންމެ ބޮޑަށް އުފުލުނު ދުވަސްވަރެވެ. 

މިދިޔަ އަހަރު ނިމުނު އިރު ދަތުރުފަތުރުގެ އަގުތައް ވަނީ 0.7 ޕަސެންޓަށް ވެއްޓިފަ އެވެ. މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ވެސް ދަތުރުފަތުރުގެ އަގުތައް ވަނީ 1.3 ޕަސެންޓަށް ވެއްޓިފަ އެވެ.

މި އަހަރު ފިޔަވައި ފަހުގެ ތާރީހެއްގައި ދަތުރުފަތުރުގެ އަގުތައް އެންމެ ބޮޑަށް އުފުލުނީ 2022 ވަނަ އަހަރު އެވެ. އެ އަހަރު ދަތުރުފަތުރުގެ އަގުތައް ވަނީ ހަ ޕަސެންޓަށް މައްޗަށް އަރައިފަ އެވެ.