ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ ހަލީމު އެންމެ ފަހުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވީ ޕެންޝަން އޮފީހުން ސަރުކާރުން ވިއްކި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމާ ގުޅިގެން އިގްތިސާދީ ދާއިރާ ގިނަ ބަޔަކު ފާޑުކިޔަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.
ސުޖާތާގެ އިސްތިއުފާއާ ގުޅޭ ގޮތުން މިހާތަނަށް އޭނާ ވާހަކައެއް ނުދައްކަވަ އެވެ. އަދި ޕެންޝަން އޮފީހުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.
ސަރުކާރުން ވިއްކި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމާ ގުޅިގެން، ޕެންޝަން އޮފީހުގެ ޗެއާޕާސަން އަހުމަދު އިނާޒް ވެސް ވަނީ މި ހަފުތާގައި އިސްތިއުފާ ދެއްފައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން އެ އިދާރާގައި މަސައްކަތް ކުރާ ބައެއް އިސް ފައިނޭންސް މުވައްޒަފުން ވެސް މިދިޔަ ދުވަސްތަކުގައި އިސްތިއުފާ ދީފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ބޮންޑުގައި އިންވެސްޓް ކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މިހާރު ކުރިއަށް ދަނީ އަމަލީ ގޮތުން އެކަން އެގްޒެކިއުޓް ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކެވެ.
ސުޖާތާ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ އޮކްޓޫބަރު 2022 ވަނަ އަހަރު އެވެ. އޭގެ ކުރިން ދެ އަހަރު ދުވަހު އޭނާ ވަނީ އެކްޓިން ސީއީއޯގެ މަގާމު ފުރުއްވައިފަ އެވެ.
ވޯލްޑް ބޭންކުން ކުރިޔަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގުމާއި ޕެންޝަނާ ބެހޭ ގާނޫނު އެކުލަވައިލައި ތަންފީޒު ކުރުމުގައި ވެސް ސުޖާތާ އިސް ރޯލެއް އަދާ ކުރެއްވި އެވެ.
އޭނާ ޕެންޝަން އޮފީހުގައި މަސައްކަތް ކުރައްވާތާ 18 ވަރަކަށް އަހަރުވެފައިވާ އިރު 2015 ވަނަ އަހަރުން ފެށިގެން ސީއީއޯގެ މަގާމާ ހަވާލުވުމަ ހަމައަށް އޭނާ ހުންނެވީ އެ އިދާރާގެ ސީއޯއޯގެ މަގާމުގަ އެވެ.