ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުން މުހައްމަދު މާދިން ލަތީފު ވެސް އިސްތިއުފާ ދެއްވައިފި އެވެ.
އެ އިދާރާގެ ވެބްސައިޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މޭ މަހު ޕެންޝަން ބޯޑަށް އައްޔަން ކުރެއްވި މާދިން އިސްތިއުފާ ދެއްވީ އިއްޔެގަ އެވެ.
އޭނާ ބޯޑުން އިސްތިއުފާދެއްވި އިރު، ޕެންޝަން އޮފީހުގެ ސީއީއޯ ވެސް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި މި މަހުގެ އެއް ވަނަ ދުވަހު އެ އިދާރާގެ ޗެއާޕާސަން އަހުމަދު އިނާޒު ވެސް އިސްތިއުފާ ދެއްވި އެވެ.
އެ ހުރިހާ ބޭފުޅުން ވެސް އިސްތިއުފާ ދެއްވީ، ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ގަތުމުގެ މަސައްކަތް ޕެންޝަން އޮފީހުން ކުރިއަށް ގެންދަމުން ދަނިކޮށެވެ.
އެ ބޮންޑުގައި އިންވެސްޓްކުރަން ޕެންޝަން ބޯޑުން ނިންމީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ މަހު ވަނީ އެ ބޯޑުގެ މެންބަރު އަދި ކުރީގެ ފިނޭންސް މިނިސްޓްރީގެ ބަޖެޓު އެކުލަވާލުމުގައި އެންމެ އިސްކޮށް އުޅުއްވި އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވައިފަ އެވެ.
ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭ އާއި ސަރުކާރުން ހިންގާ މި މުއާމަލާތުގައި ރުފިޔާގެ ސަޕްލައި އިތުރު ކޮށްގެން ނުވަތަ ރަސްމީ ރިޒާވުގައި ހުރި ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށާއި ކޮންމެ ގޮތަކަށް ކުރި ކަމުގައި ވިޔަސް ދިވެހި ރުފިޔާގެ ސަޕްލައި މިކަމުގެ ސަބަބުން އިތުރުވާނެ ކަމަށް އިސްތިއުފާ ދެއްވަމަށް ފަހު ސަރުވަޝް ވިދާޅުވި އެވެ. އަދި ޗެއާޕާސަން އިނާޒް ވެސް ވަނީ އެ މުއާމަލާތަކީ އިގްތިސާދަށް ގެއްލުން ބޮޑު ނިންމުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވަމުން މިވަގުތު ޕެންޝަން ބޯޑުގައި ތިއްބެވީ ފަސް ބޭފުޅުންނެވެ. އެއީ ޕަބްލިކް ސެކްޓާ ތަމްސީލު ކުރާ ތިން މެންބަރުންނާއި ޕްރައިވެޓް ސެކްޓާގެ ދެ މަންދޫބުންނެވެ.
ޕެންޝަން ބޯޑުގައި 8 މެންބަރުން ތިބެ އެވެ. އެއީ ޗެއާޕާސަންގެ އިތުރުން ސީއެމްޑީއޭ މެންބަރަކާއި ފިނޭންސް މިނިސްޓްރީގެ މެންބަރެއްގެ އިތުރުން ސޯޝަލް ސެކިއުރިޓީ ދާއިރާއިން ސަރުކާރު ތަމްސީލް ކުރާ އެންސްޕާގެ މެންބަރެއްގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ ހަތަރު މެންބަރުންނެވެ.