މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ގުޅިގެން އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމް ކުރުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ އެއީ ސަރުކާރުން ފަށާފައިވާ 'މޯލްޑިވްސް 2.0' ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެއް ކަމަށެވެ. 

އެ ސެންޓަރު ގާއިމު ކުރުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށާއި އާންމު ހިދުމަތްތައް ދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑޭޓާގެ ބޭނުން ހިފުމަށް ސަރުކާރުގެ ތަސައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި އެ ސެންޓަރަކީ ދައުލަތުގެ އިދާރާތަކަށާއި އިގްތިސާދީ މުހިންމު ދާއިރާތަކަށް ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ޑޭޓާ އާއި އޭއައި ބޭނުން ކުރުމަށް އެހީތެރިވެދޭނެ ގައުމީ ވަސީލަތެކެވެ.

"މި ސެންޓަރުގެ މައިގަނޑު އަމާޒަކީ ގައުމުގެ ތަރައްގީގައި އިސްކަންދޭ ކަންތައްތައް ހާސިލްކުރުމަށްޓަކައި އާންމު ހިދުމަތްތައް ރަނގަޅު ކުރުމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި ވިލުންތެރި އިގްތިސާދެއް ބިނާ ކުރުމަށް ބޭނުންވާ ހައްލުތައް ހޯދައިދިނުމެވެ،" ބީއެމްއެލްއިން ބުންޏެވެ.

ސަރުކާރުގެ އެކި ދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް އަމަލީ ހައްލު ހޯދުމަށްޓަކައި އޭއައި އަދި ޑޭޓާ ޓޫލްސްތައް އުފެއްދުމުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ދައުވަތު ހުޅުވާލައި، އެ ފަރާތްތަކާއި ގުޅިގެން އެ ސެންޓަރުން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި އަލަށް ފަށާ ވިޔަފާރިތަކާއި މި ދާއިރާގެ މާހިރުންނާއެކު ރޭވުންތެރިކަމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އާ އީޖާދުތަކާއި ޓެކްނޮލޮޖީތައް ބޭނުން ކުރުމަށް މަގުފަހިކޮށްދިނުމަށް އެ ސެންޓަރުން މަސައްކަތް ކުރާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެއާ އެކު، ގައުމީ އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކަށީގެންވާ ރައްކާތެރި އަދި ފުޅާކުރެވޭނެ ފަދަ ހައްލުތަކެއް އެ މަރުކަޒުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެ ސެންޓަރު ގާއިމް ކުރުމުގެ މަސައްކަތް މައިންޑްކޯ އިން އިސްވެ ކުރިއަށް ގެންދާއިރު ބީއެމްއެލް އިން އެ މަޝްރޫއުގައި ބައިވެރިވަނީ ސެންޓަރު ފެށުމުގެ މަރުހަލާގައި އެހީތެރިވެދޭނެ ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގަ އެވެ. 

އެގޮތުން ބީއެމްއެލްގެ ތަޖުރިބާ ހުރި ދާއިރާތައް ކަމަށްވާ ޑިޖިޓަލް ޕޭމެންޓާއި ފައިނޭންޝަލް ޓެކްނޮލަޖީ އާއި ޑޭޓާ އާއި އޭއައި ބޭނުންކުރުމުގައި ހޯދަމުންދާ ތަޖުރިބާ އެ މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހެދުމުގައި އެހީތެރިވެދޭނެ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ މާލީ ދާއިރާގެ ތަޖުރިބާ އާއި ޕްރެކްޓިކަލް އިންސައިޓްސް އަދި ޑިޖިޓަލް ގޮތުން ހޯދާފައިވާ ގާބިލުކަން ބޭނުންކޮށްގެން އާންމު ހިދުމަތްތައް ދޭ ސިސްޓަމްތައް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ޑޭޓާގެ މައްޗަށް ބިނާކޮށް ފުރިހަމަ ނިންމުންތައް ނިންމަން ސަރުކާރުގެ އިދާރާތަކަށް ފަސޭހަވެގެންދާނެ އެވެ.

އެ ޕާޓްނަޝިޕްގެ ސަބަބުން ރާއްޖޭގެ މާލީ އަދި ޕޭމެންޓްގެ ނިޒާމަށް މިހާރުވެސް އަންނަމުންދާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މީގެ އިތުރުން ދައުލަތުގެ އިދާރާތައް ޑިޖިޓަލް ކުރުމަށް ހިންގަމުންދާ މަޝްރޫއުތަކާއި ރާއްޖޭގައި ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ޑިޖިޓަލް މާލީ އޮނިގަނޑު އެއް މިސްރާބަކަށް ގެނެސް، އެކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ބުނެފައިވެ އެވެ.

"ރައްކާތެރި ޑިޖިޓަލް ވަސީލަތްތަކާއި ޕޭމަންޓް ސިސްޓަމްތައް ބޭނުންކޮށްގެން ހިދުމަތްތައް ދިނުން ފަދަ މަސައްކަތްތަކުން ބީއެމްއެލްއިން ހޯދާފައިވާ ތަޖުރިބާ ބޭނުންކޮށްގެން އެ ސެންޓަރުގެ ހިދުމަތްތައް ވީހާވެސް އަވަހަށް އަދި ޒިންމާދާރުކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މި ސެންޓަރުގެ އެންމެ ބޮޑު އަމާޒެވެ،" އެ ބޭންކުން ބުންޏެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ އެ ސެންޓަރުގެ މަސައްކަތް އަންނަ އޭޕްރީލް މަހު ފަށާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.