ސަރުކާރާއި މުހިންމު ސިނާއަތްތަކުގައި އޭއައި އާއި ޑޭޓާގެ ހިދުމަތް ޒިންމާދާރު، އަދި ނަތީޖާ ނެރެވޭ ގޮތަށް ބޭނުންކުރުމަށް މަައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން އެކުލަވާލި ގައުމީ ޕްލެޓްފޯމް ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު (މޯލްޑިވްސް އޭއައި ލެބް) މިއަދު އިފުތިތާހުކޮށްފި އެވެ.
މި ޕްލެޓްފޯމް އިފުތިތާހު ކޮށްދެއްވީ މައިންޑްކޯއާއި ބީއެމްއެލް ގުޅިގެން ބާއްވާ ކޯލެބް 26 އިވެންޓް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ލެބް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަލް ތަސައްވުރު، 'މޯލްޑިވްސް 2.0' އެޖެންޑާގެ ދަށުން އިފްތިތާހު ކުރި ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމުގެ މައިގަނޑު ބޭނުމަކީ އޭއައި އިންވެސްޓްމަންޓްތަކުން ފައިދާ ހޯދުމާއި ރައްޔިތުންނަށް އިސްކަންދޭ ހިދުމަތްތައް ދިނުމާއި ވަރުގަދަ ގަވަރނަންސް އާއި މަސައްކަތުގެ ދުވެލި އަވަސްކުރުމެވެ.
މޯލްޑިވްސް އޭއައި ލެބުން ޕްރައިވެޓް ސެކްޓަރާ ގުޅިގެން، އިތުބާރު ހުރި ގައުމީ ގާބިލުކަން ބިނާކުރާނީ ގުޅިގެން ކުރާ މަސައްކަތްތަކާއި ޒިންމާދާރު އީޖާދުތަކުގެ އެހީގައި ކަަމަށް ބީއެމްްއެލުން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ މިއަދު ތައާރަފް ކުރި ލެބްގެ ބޭނުމަކީ އާންމު ހިދުމަތްތަކުގެ ދާއިރާ ޑިޖިޓަލްކޮށް، މަސައްކަތުގެ ދުވެލި އަވަސްކޮށް، ހިންގުން ހަރުދަނާކުރުން ކަމަށެވެ. އަދި އޭއައި ފަދަ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ފޯކަސް ކުރުމަށްޓަކައި، މައިންޑްކޯ އާއި ބީއެމްއެލް ގުޅިގެން ގައުމީ ފެންވަރުގެ މަރުކަޒެއް އުފެއްދުމުން ދޭހަވަނީ، ރާއްޖޭގެ ކުރިއަށް އޮތް ބަދަލުތަކުގެ މަރުހަލާ ރަނގަޅު މަގަކަށް ގެންދިއުމަށް ސަރުކާރުން އަސާސީ ވަސީލަތްތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ މުހިންމުކަން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އޭއައި އަދި ޑޭޓާގެ ދާއިރާއިން ހާއްސަ ގައުމީ މަރުކަޒެއް އުފެދުމުން ދިވެހިންގެ ސަގާފަތާއި މުއައްސަސާތަކާ ގުޅޭ އަދި ރާއްޖޭގެ ހާލަތަށް އެންމެ އެކަށީގެންވާ ހައްލުތައް ހޯދުމަށް މަގުފަހިވާނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިއަދުގެ ދުނިޔޭގައި އޭއައި އަދި ޑޭޓާގެ ސަބަބުން އާންމު ހިދުމަތްތައް ދިނުމާއި މުއައްސަސާތައް ވަރުގަދަ ކުރުމާއި ވިޔަފާރީގެ ހިންގުން ހަރުދަނާކުރުމާއި އަދި ރަށްތަކުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގެ ގާބިލުކަން ލިބޭނެ ކަމަށެވެ.
"ގައުމީ ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ދައުރު މާލީ ހިދުމަތްތަކަށް ވުރެ ފުޅާވެގެންވޭ. ގައުމީ ކުރިއެރުމަށް އެއްބާރުލުން ދިނުމާއި އިގްތިސާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމާއި އަދި އީޖާދުތަކުގެ ސަބަބުން މުޅި ރާއްޖޭގެ މުޖުތަމައުތަކަށް ފައިދާކުރާނެކަން ކަށަވަރުކުރުމުގެ ޒިންމާ އަޅުގަނޑުމެން އުފުލަންޖެހޭ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު އިފްތިތާހުކުރި ކޮމްޕިޓެންސީ ސެންޓަރުގެ އެހީގައި، ތަރައްގީވަމުންދާ ޓެކްނޮލޮޖީތަކުގެ ދާއިރާއިން ގައުމީ ގާބިލުކަން އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގެ ހުނަރުވެރިން ކުރިއެރުވުމާއި ވިޔަފާރިތަކާއި މުއައްސަސާތަކަށް ބާރުވެރިކަން ދިނުމާއި އަދި ރާއްޖޭގައި ވަރުގަދަ ޑިޖިޓަލް މާހައުލެއް ބިނާކުރުން." ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ފެށި ކޯލެބް26 އަކީ މި ދާއިރާއިން ރާއްޖެ ތަރައްގީ ކުރުމަށް ބޭނުންވާ މުހިންމު މަޝްވަރާތަކުގެ ފެށުން ކަމަށެވެ.
ކޯލެބް 26 އަކީ އޭއައި ބޭނުންކުރުމާ ގުޅޭގޮތުން ރާއްޖެ އިން ގެންގުޅޭނެ ގައުމީ އުސޫލުތަކާއި ސްޓްރެޓަޖީތައް ކަނޑައެޅުމަށްޓަކައި ކުރިއަށް ގެންދާ ހަތަރު ދުވަހުގެ ގައުމީ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ސަރުކާރުގެ އިސްވެރިންނާއި އަމިއްލަ ވިޔަފާރިތަކާއި ފަންނީ މާހިރުންގެ އިތުރުން ސޮފްޓްވެއާ ޑިވެލޮޕަރުން ބައިވެރިވާނެ އެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި މަސައްކަތް ކުރާނީ އޭއައި މެދުވެރިކޮށް އާންމުންނަށް ލިބޭނެ ފައިދާއަށާއި ގައުމީ އަމާޒުތަކަށް ރިއާޔަތްކޮށް، އޭއައި ބޭނުންކުރާނެ މުހިންމު ދާއިރާތައް ދެނެގަތުމަށެވެ. ޕްރޮގްރާމުގެ ފަހު ދެ ދުވަހު އޮންނާނީ ތަޖުރިބާކާރުންގެ އިރުޝާދާއެކު ބާއްވާ "ހެކަތަން" އެކެވެ.