ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް، އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިން ކުރުމުގެ ދުނިޔޭގެ ރެކޯޑެއް ބޭންކް އޮފް މޯލްޑިވްސް އިން ހަދައިފި އެވެ.
ނިވަ ކުރުނބާ މޯލްޑިވްސްގައި އޮތް އެ ހަރަކާތުގައި ރެކޯޑު ހެދުމަށް 314 މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުންނާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ މެނޭޖްމަންޓާއި މުވައްޒަފުން އަދި އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޓޫރިސްޓުން ހިމެނެ އެވެ.
މި އެންމެން ބައިވެރިވެ ރެކޯޑް ހަދާފައިވަނީ އެއް ތަނެއްގައި، އެއް ވަގުތެއްގައި އެންމެ ގިނަ މީހުން އެއްކޮށް ސްނޯކްލް ކޮށްގެންނެވެ.
ބީއެމްއެލްގެ އެ ހަރަކާތް، ކަނޑައެޅިފައިވާ މިންގަނޑުތައް ކަށަވަރުކުރުމަށް ފަހު، ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ސެޓްފިކެޓް ވަނީ ހަވާލުކޮށްފަ އެވެ. އެ ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ މުހައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މޯޓެން ޖޫނިއާ އެވެ.
އެ ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެއް ކަމަށް ބޭންކުން ބުންޏެވެ. މިއީ ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކުން ލިބޭ އާމްދަނީގެ ބައެއް، ތިމާވެށީގެ އެކި މަޝްރޫއުތަކަށް ހޭދަކުރުމަށް އެކުލަވައިލާފައިވާ ޕްރޮގުރާމެކެވެ.
ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނި ރީސައިކަލްކުރުމަށް ބޭރު ގައުމުތަކަށް ފޮނުވުމަށާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ވެއްޓާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް އެ ޕްރޮގުރާމުގެ ދަށުން ބީއެމްއެލް އިން އަންނަނީ "ޕާލޭ މޯލްޑިވްސް" އަދި "މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް" (މޯޕާ) ފަދަ ޖަމިއްޔާތަކާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުގެ އަމާޒަކީ ރާއްޖޭގެ ދިރިއުޅުމާއި އިގްތިސާދު ބަރޯސާވެފައިވާ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމާއި، އެފަދަ ގައުމީ މަސައްކަތްތަކުގައި ވަކިވަކި ފަރުދުންނާއި މުޖުތަމައު އަމަލީގޮތުން ބައިވެރިވުމަށް ހިތްވަރުދިނުން ކަމަށެވެ.