ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޓާޓްއަޕް ގްރާންޓުގެ ދަށުން ފެށި ވިޔަފާރި ކަމަށްވާ "ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާކީ ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެ، އެ ވިޔަފާރީގެ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭން ފަށައިފި އެވެ.

ބީއެމްއެލްގެ އެހީތެރިކަމާ އެކު، ނިޔާފް މުހައްމަދު އިސްނަގައިގެން މި ވިޔަފާރީގެ ބިންގާ އެޅީ ޒަމާނީ ޕްރޮސެސިން އަދި ޕެކޭޖިން ވަސީލަތްތައް ބޭނުންކޮށްގެން، ރާއްޖޭގައި މަތީ ފެންވަރުގެ ކަނޑުމަހުގެ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ އަމާޒުގަ އެވެ.

އެގޮތުން، 2024 ވަނަ އަހަރު ހުޅުވާލި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ކާމިޔާބުކޮށް ފެށި އެ ވިޔަފާރީގެ މައިގަނޑު މަގުސަދަކީ، ޕްރޮޓީން ގިނަ، ރައްކާތެރި އަދި އީޖާދީ މަހުގެ އުފެއްދުންތަކެއް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. ދިވެހި މަސްވެރިން ބާނާ މަހުން ވެލިޔު އެޑެޑް ޕްރޮޑަކްޓްސް އުފައްދައި، މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވެދިނުމަކީ ވެސް މި ވިޔަފާރީގެ މުހިންމު ބައެކެވެ.

ގދ. ހޯނޑެއްދޫގައި ގާއިމް ކޮށްފައިވާ އެ ފެކްޓަރީން އުފައްދާ ޓޫނާ ޖާކީ، ރިސޯޓް ހިމެނޭހެން ރާއްޖޭގެ 17 އަށް ވުރެ ގިނަ ރަށެއްގެ 80 އަށް ވުރެ ގިނަ ފިހާރައިން ލިބެން ހުރެ އެވެ. އޭގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ 30 އަށް ވުރެ ގިނަ ފިހާރަ ހިމެނެ އެވެ.

ބީއެމްއެލް ސްޓާޓްއަޕް ގްރާންޓަކީ އާ ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި، ކޮންމެ އަހަރަކު ވެސް ހޮވާލެވޭ އެންމެ އުއްމީދީ ދެ ވިޔަފާރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގެ ދަށުން ހޮވޭ ކޮންމެ ވިޔަފާރިއަކަށް ފަސް ލައްކަ ރުފިޔާގެ ހިލޭ އެހީ ބީއެމްއެލްއިން ދޫކުރެ އެވެ. މިއީ ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކޮށް، އީޖާދީ ވިސްނުންތަކާއެކު ނުކުންނަ ޒުވާން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް ނެގި އިސްނެގުމެއް ކަމަށް އެ ބޭންކުން ބުންޏެވެ.