ކަނޑުއުޅަނދު ފަހަރަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ލޯންޗް ފަހަރު ބަނދެ އަދި ކަނޑު އުޅަނދުތަކަށް ބޭނުންވާ ތަކެތި ވިއްކާ ކުންފުނި މެރިން މާސްޓާއިން 39 ފޫޓުގެ މަސް ބޯޓު ތައާރަފްކޮށްފި އެވެ.

މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްދާ މެރިން އެކްސްޕޯގައި ތައާރަފް ކުރި އެ ބޯޓު އެ ތަނުގައި ވަނީ ދައްކާލަން ބާއްވައިފަ އެވެ. އެތަނުން އެ ބޯޓު ގަންނަން ނަމަ 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. 

މެރިން އިކުއިޕްމަންޓުގެ ސްޓޯލް.
މެރިން އިކުއިޕްމަންޓުގެ ސްޓޯލް.

މެރިން މާސްޓާގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ޝުވޭދާ ޝަމީމް ވިދާޅުވީ އެ އެކްސްޕޯއަށް ތައާރަފްކޮށް، ޑިސްޕްލޭކޮށްފައިވާ ބޯޓަކީ މަސް ބޯޓަކަށް ބޭނުންވާ ހުރިހާ ސިފަތަކެއް ހިމެނޭނެ ބޯޓެއް ކަމަށެވެ. އަދި އޭގައި ނެވިގޭޝަން ސިސްޓަމާއި ފިޝް ފައިންޑާ ހިމެނޭ އިރު، ބޯޓު ގަންނަ ފަރާތަކުން ބޭނުންވާ މޮޑިފިކޭޝަންތަކެއް ވެސް ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ. 

މެރިން އިކުއިޕްމަންޓުގެ ސްޓޯލް.
މެރިން އިކުއިޕްމަންޓުގެ ސްޓޯލް.

މި ބޯޓުގައި ކެބިން އާއި ފާހަނާގެ އިތުރުން ބަދިގެ އޭރިއާ އާއި ލައިވް ބެއިޓަށް ހާއްސަ ސަރަހައްދު ހިމެނެ އެވެ.

މިއީ 1.2 މިލިއަން ރުފިޔާގެ ބޯޓެއް ކަމަށާއި ބޯޓުގައި އަޅަން ބޭނުންވާ އިންޖީނާ އެކު ބޯޓުގެ ކޯޓޭޝަން ހަދައިދެވޭނެ ކަމަށް ޝުވޭދާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޯޑަރު ދޭތާ ހަތަރު މަސްދުވަހުގެ ތެރޭގައި މީގެ ބޯޓެއް ބަނދެ ނިންމާލަދޭނެ ކަމަށެވެ. 

މިއީ މެރިން މާސްޓާއިން ބަން ފުރަތަމަ މަސް ބޯޓެވެ. އެ ކުންފުނިން 39 ފޫޓުގެ އަދި 49 ފޫޓުގެ ޕެސެންޖާ ބޯޓު މިހާރު ވެސް ބަނދެ އެވެ. 

މެރިން އެކްސްޕޯގައި މެރިން އިކުއިޕްމަންޓުން ވިއްކާ ބައެއް ޕްރޮޑަކްޓުތައް ވަނީ ޝޯކޭސްކޮށްފަ އެވެ. އެ އެކްސްޕޯއިން މެރިން އިކުއިޕްމަންޓުގެ ޕްރޮޑަކްޓުތަކަށް ދޭ އޯޑަރުތަކުން 7 - 10 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓު ލިބޭނެ އެވެ.

މެރިން މާސްޓާގެ ސްޓޯލުން އެ ކުންފުނީގެ އެކި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ލިބޭނެ އެވެ. އޭގެ ތެރޭގައި މެރިން މާސްޓާގެ ޑޮކްޔާޑުން ދޭ ހިދުމަތްތަކުގެ މައުލޫމާތު ވެސް ހިމެނެ އެވެ. 

މެރިން މާސްޓާގެ ބޯޓްޔާޑް ހުންނަނީ ކ. ހިންމަފުށީގައެވެ. އެތަނުން ޕަވާ ހޮއިސްޓުގެ އެހީގައި 220 ޓަނާ ހަމައަށް ބަރުދަން ހުންނަ ސްޕީޑް ބޯޓާއި ޔޮޓާއި ސަފާރީ އާއި ދޯންޏާއި ބާޖު އަދި ލޭންޑިން ކްރާފްޓް ފަދަ އުޅަނދުތައް އެހެލޭނެ އެވެ. އެތަނަށް އެހެލާ އުޅަނދުފަހަރަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް އެތަނުގައި ވޯކްޝޮޕްތައް ވެސް ހުރެ އެވެ.