އިއްޔެ ނިމުނު މޯލްޑިވްސް މެރިން އެކްސްޕޯގައި ޑިސްޕްލޭ ކޮށްފައިވާ ބޯޓުތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު ބޯޓުގެ އެވޯޑު މެރިން މާސްޓާއަށް ލިބިއްޖެ އެވެ. 

މެރިން އެކްސްޕޯގައި އެ ކުންފުނިން ޑިސްޕްލޭކުރީ އެ ކުންފުނިން އަލަށް މާކެޓަށް ނެރުނު 39 ފޫޓުގެ ލޯންޗެވެ. އެކްސްޕޯގެ ތެރޭގައި ލޯންޗުކޮށް، 10 ޕަސެންޓުގެ ޑިސްކައުންޓަކާ އެކު ވިއްކަން އިއުލާނުކުރި 1.2 މިލިއަން ރުފިޔާގެ އެ ލޯންޗު ވަނީ އެކްސްޕޯގައި ވިކިފަ އެވެ. 

އެ ލޯންޗުގައި ކެބިން އާއި ފާހާނާގެ އިތުރުން ބަދިގެ އޭރިއާ އާއި ލައިވް ބެއިޓަށް ހާއްސަ ސަރަހައްދު ހިމެނެ އެވެ. މަސްބޯޓަކަށް މުހިންމުވާނެ ސިފަތައް ހިމަނައިގެން ފަރުމާކޮށްފައިވާ އެ ބޯޓުގައި ނެވިގޭޝަން ސިސްޓަމާއި ފިޝް ފައިންޑާ ވެސް ވަނީ އިންސްޓޯލްކޮށްފަ އެވެ. 

މިއީ މެރިން މާސްޓާއިން ބަން ފުރަތަމަ މަސް ލޯންޗެވެ. މި ސައިޒުގެ ލޯންޗު ބަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ކުންފުންޏަށް އޯޑަރު ދެވޭނެ އެވެ. މިއީ އޯޑަރު ދޭތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ބޯޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ. 

ކަނޑުއުޅަނދު ފަހަރަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ލޯންޗް ފަހަރު ބަނުމުގެ ހިދުމަތް ދޭ މެރިން މާސްޓާއިން 39 ފޫޓުގެ އަދި 49 ފޫޓުގެ ޕެސެންޖާ ބޯޓު މިހާރު ވެސް ބަނދެ އެވެ.