މާލޭގެ ބާޒާރުގައި އޮރެންޖެއްގެ އަގު 12-15ރ. އަށް އުފުލިއްޖެ އެވެ.
ލޯކަލް މާރުކޭޓާއި އާންމު ބައެއް ފިހާރަތަކުގައި އޮރެންޖެއް މިއަދު ވިއްކަނީ 12-15ރ. އާ ދެމެދުގެ އަގުތަކުގަ އެވެ. ރޯދައިގެ ކުރިން ވެސް މާލޭގެ ބާޒާރުގައި އޮރެންޖުގެ އަގު ވަނީ އުފުލިފަ އެވެ.
ނަމަވެސް މި ރޯދަމަސް ފެށުނު ދުވަހެކޭ އެއްފަދައިން އެސްޓީއޯ އިން އޮރެންޖު ކިލޯއެއް 40ރ. އަށް އަދިވެސް އެބަ ވިއްކަ އެވެ. އެއީ އޮރެންޖެއް ހަ ރުފިޔާ އަށެވެ.
އެސްޓީއޯ އިން މިވަގުތު އޮރެންޖު ވިއްކަނީ ރީޓެއިލްކޮށް އެކަނި ކަމަށް ވެ އެވެ.
ރޯދަމަސް ފެށެން އުޅެނިކޮށް އެސްޓީއޯ އިން އޮރެންޖު ޝިޕްމަންޓެއް ގެނެސްފައިވާއިރު، މުޅި ރޯދަމަހު އޮރެޖެއް 5-6ރ. އަށް ވިއްކޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ތަރުކާރީ އާއި މޭވާ އެތެރެކުރާ އުފަންވެއްޔަށް އޮރެންޖު ޝިޕްމަންޓެއް ގެނެސް ރޭ ވަނީ ވިއްކަން ފަށައިފަ އެވެ.
އުފަންވެލިން އޮރެންޖު ކޭހެއް މިހާރު ވިއްކަނީ 1،150ރ. އަށެވެ. އެއީ އާންމު ދުވަސްވަރެއް ނަމަ 250-280ރ. އަށް ވިއްކާ ކޭސްތަކެވެ.
"އެ މީހުން އަތުގައި މިހާރު އަމިއްލަ ބަޔަކަށް ބަލާ ނަމަ އެންމެ ގިނަ އޮރެންޖު ހުންނާނީ. އެކަމަކު، ކޭސް އެ ވިއްކަނީ ވަރަށް އަގުބޮޑުކޮށް،" ޑޮމެސްޓިކް ސަޕްލަޔަރަކު ބުންޏެވެ.
އޮރެންޖުގެ އަގު އުފުލުނީ ރާއްޖެ ގެންނަ މުދާތަކެއް ސްރީ ލަންކާގައި ތާށިވެގެން ކަމަށް ވެ އެެވެ. އޭގެ ސަބަބެއް ސާފެއް ނުވި އެވެ.
އޮރެންޖުގެ އަގު އުފުލުނު ނަމަވެސް ރޯދަމަހަށް އާންމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ އަގު މައްޗަށް ނާރަ އެވެ.
އަސާސީ ކާބޯތަކެތި ވިއްކާ އެސްޓީއޯގެ އަގު ލިސްޓަށް ބަލާއިރު އޮރެންޖު ކިލޯއެއް 40ރ. އަށް ފެހި އާފަލު ކިލޯއެއް 40ރ. އަށް އަދި ރަތް އާފަލު ކިލޯއެއް 42ރ. އަށް އެބަ ވިއްކަ އެވެ.