ދިވެހި އިންޝުއަރެންސުން، އެ ކުންފުނީގެ ސޯޝަލްމީޑިއާ ކެމްޕެއިން، ހޭޝްޓެގް ދިވެހި މޮމެންޓްސް(DhivehiMoments#) ކެމްޕެއިނެއް ފަށައިފި އެވެ. 

ކުރިއަށް އޮތް ކުޑަ އީދު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕެއިނަކީ ދިވެހި އިންޝުއަރެންސުން މި ރޯދަމަހަށް ހާއްސަކޮށް ފަށާފައިވާ ސޯޝަލް މީީޑިއާ މުބާރާތެކެވެ.

މުބާރާތް ކުރިއަށް ގެންދަނީ "ވަށައިގެންވާ ނިއުމަތްތަކަށް ފޯކަސް ކުރޭ، އަޅުގަނޑުމެން މިތިބީ މުސްތަގުބަލް ކަވަރު ކޮށްދީގެން" މި މެސެޖާ އެކު އެވެ.

މިއީ ރޯދަމަހުގެ އެކި ނިއުމަތްތަކާއި އުފާވެރި އެކި މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން ބައިވެރިވެވޭ މުބާރާތެކެވެ. 

އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތުގައި 40،000ރ. ގެ "ޕްރައިޒް ޕޫލެއް" ވަނީ ހުށަހަޅައިފަ އެވެ. މި މުބާރާތް، ފޭސްބުކް، އިންސްޓަގްރާމް، އެކްސް އަދި ޓިކްޓޮކްގައި ކުރިއަށް ގެންދާނެ އެވެ. މުބާރާތުގައި ކޮންމެ ޕްލެޓްފޯމަކުން ވެސް އެންމެ މޮޅު އެކަކު ހޮވައި 10،000ރ. ގެ ފައިސާގެ އިނާމު ދޭނެ އެވެ. 

އިންސްޓަގްރާމް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވާ މީހުން މި ކެމްޕެއިނާ ގުޅޭ ރީތި ފޮޓޯއެއް ނުވަތަ 30 ސިކުންތައް ވުރެ ކުރު ނޫން ރީލްއެއް ޕޯސްޓުކުރަން ޖެހޭނެ އެވެ. ޓިކްޓޮކުން މި މުބާރާތުގައި ބައިވެރިވުމަށް 30 ސިކުންތައް ވުރެ ކުރު ނޫން ވީޑިއޯއެއް ޕޯސްޓްކުރަން ޖެހޭނެ އެވެ. އަދި ފޭސްބުކް އާއި އެކްސްއިން ބައިވެރިވެވޭނީ މި ކެމްޕެއިނާ ގުޅޭ ރީތި ފޮޓޮއެއް ޕޯސްޓު ކޮށްގެންނެވެ. 

މި މުބާރާތުގައި ބައިވެރިވުމަށް ކުރާ ޕޯސްޓުތަކުގެ ކެޕްޝަނަކީ DhivehiMoments# އެވެ. އަދި އެކައުންޓް ޕަބްލިކް ވެސް ކުރަން ޖެހޭނެ އެވެ. 

މި މުބާރާތުގައި މާކްސް ދިނުމުގައި ޕަބްލިކް އެންގޭޖްމަންޓަށް ބަލާނެ އެވެ. މާކްސްގެ 70 ޕަސެންޓަކީ ވިއުސް، ލައިކްސް އަދި ޝެއާސް ލިބޭ އަދަދަށް ބަލައި ދޭ މާކުހެވެ. މުބާރާތުގެ 30  ޕަސެންޓަކީ ޖަޖިން ޕެނަލަކުން އެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއްގެ ކްރިއޭޓިވިޓީ އާއި ރޯދަމަހުގެ ވަގުތުކޮޅުތައް އެ އިން ދައްކައިދޭ މިންވަރު ބަލާ ދޭ މާކްސް އެވެ.

ދިވެހި އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ފާހަގަކުރެއްވި ގޮތުގައި، ރޯދަމަހަކީ އެކި ނިއުމަތްތަކަށް ޝުކުރުވެރިވެ، މުޖުތަމައުގެ ބަދަހިކަން އިތުރުވާ މަހެކެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މި ކެމްޕެއިންގެ ދަށުން އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދޭ އެކި ވަގުތުކޮޅުތައް ފާހަގަކުރުން ކަމަށެވެ. އަދި އެފަދަ، ތަފާތު އެކި އުފާވެރި ވަގުތުތަކުގެ މަންޒަރުތައް ފެނި، ރާއްޖޭގައި ރޯދަމަސް ހާއްސަވާ އެކި ސަބަބުތައް މި ކެމްޕެއިންގެ ދަށުން ފެންނާނެ ކަމަށް އޭނާ އުއްމީދު ކުރައްވަ އެވެ.