މިދިޔަ އަހަރު ނިމުނު އިރު މުދަލު ޒަކާތުގެ ގޮތުގައި 107 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޓެކްސް އިދާރާ، މީރާގެ ހިސާބުތަކުން ދައްކާ ގޮތުން މިއީ އޭގެ ކުރީ އަހަރަށް ވުރެ ފަސް ޕަސެންޓްގެ އިތުރުވުމެކެވެ. މުދަލު ޒަކާތުގެ ގޮތުގައި 2024 ވަނަ އަހަރު ދައުލަތަށް ވަނީ 102 މިލިއަން ރުފިޔާ ލިބިފަ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެވެ. މުދަލު ޒަކާތުގެ ގޮތުގައި 2023 ވަނަ އަހަރު ދައުލަތަށް ވަނީ 90 މިލިއަން ރުފިޔާ ލިބިފަ އެވެ.

މިވަގުތު މުދަލު ޒަކާތުގެ ނިސާބަކީ 19,527.90ރ. އެވެ. އެ ބަދަލު ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. ޒަކާތުގެ ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.

މީރާއިން މުދަލު ޒަކާތް ބަލައިގަންނަން ފެށީ 2016 ވަނަ އަހަރުން ފެށިގެންނެވެ. މުދަލު ޒަކާތް މީރާ އިން ބަލައިގަތް ނަމަވެސް ކޮންމެ ރޯދަ މަހަކު ފިތުރު ޒަކާތް ބަލައިގަންނަނީ އަދިވެސް އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށެވެ.