ވިލާ ކޮލެޖުގެ ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް އިން ހިންގާ 13 ޕްރޮގްރާމަކަށް ސައުތު އޭޝަން ކޮލިޓީ އެޝުއަރެންސް ސިސްޓަމް (އެސްއޭކިއުއެސް)ގެ އެކްރެޑިޓޭޝަން ލިބިއްޖެ އެވެ.
އެސްއޭކިއުއެސް އަކީ އެސޯސިއޭޝަން އޮފް މެނޭޖްމަންޓް ޑިވަލޮޕްމަންޓް އިންސްޓިޓިއުޓް ސައުތު އޭޝިއާ އެސޯސިއޭޝަންއިން މި ރީޖަނުގެ ބިޒްނަސް ސްކޫލްތައް އެކްރެޑިޓް ކުރުމަށް ގެންގުޅޭ ސިސްޓަމެކެވެ. މި އެކްރެޑިޓޭޝަން މިހާތަނަށް ލިބިފައި ވަނީ މި ރީޖަނުގެ 66 ޔުނިވާސިޓީ/ބިޒްނަސް ސްކޫލްތަކަށެވެ. ވިލާ ކޮލެޖުގެ ބިޒްނަސް ސްކޫލަކީ މި އެކްރެޑިޓޭޝަން ރާއްޖެއިން ހޯދި ފުރަތަމަ ބިސްނަސް ސްކޫލެވެ.
ވިލާ ކޮލެޖުގެ ބިޒްނަސް ސްކޫލުން ހިންގާ ޕްރޮގުރާމުތަކުގެ ތެރެއިން، އެސްއޭކިއުއެސް އެކްރެޑިޓޭޝަން ލިބުނު ޕްރޮގުރާމުތަކަކީ:
- މާސްޓާ އޮފް އާޓްސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް
- މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން
- މާސްޓާ އޮފް ސައިންސް އިން އޭވިއޭޝަން މެނޭޖްމަންޓް
- މާސްޓާ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް
- މާސްޓާ އޮފް ޕްރޮފެޝަނަލް އެކައުންޓިން
- ބެޗްލާ އޮފް އާޓްސްއިން ބޭންކިން އެންޑް ފައިނޭންސް
- ބެޗްލާ އޮފް އާޓްސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވަލޮޕްމަންޓް
- ބެޗްލާ އޮފް އާޓްސް އިން ބިޒްނަސް އެންޑް އޭވިއޭޝަން މެނޭޖްމަންޓް
- ބެޗްލާ އޮފް އާޓްސް އިން ބިޒްނަސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް
- ބެޗްލާ އޮފް އާޓްސް އިން ބިޒްނަސް މެނޭޖްމަންޓް
- ބެޗްލާ އޮފް އާޓްސް އިން ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިން
- ބެޗްލާ އޮފް ސައިންސް އިން އެކައުންޓިން އެންޑް ފައިނޭންސް
- ބެޗްލާ އޮފް އާޓްސް އިން ޓޫރިޒަމް އެންޑް ހޮޓެލް މެނޭޖްމަންޓް
ވިލާ ކޮލެޖަށް ލިބުނު އެކްރެޑިޓޭޝަން އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ އެކޮލެޖަކީ މިފަދަ އެކި އެކްރެޑިޓޭޝަންތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކޮލެޖެއް ކަމަށެވެ. އެއީ އެ ކޮލެޖުގެ ތައުލީމަކީ ބައިނަލްއަގުވާމީ ބެންޗުމާކުތަކަށް ފެތޭ، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ތައުލީމެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކޮލެޖަކަށް ވުމުން ކަމަށް ވިދާޅުވި އެވެ.
ނަޖީބު ވިދާޅުވީ އެ ކޮލެޖުން މި އެކްރެޑިޓޭޝަން ހޯދުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު ކަމަށެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެކްރެޑިޓޭޝަން ހޯދުމަށް، އެކޮލެޖުގެ ޕްރޮގުރާމުތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ވަން ޓައިމް އެކްރެޑިޓޭޝަނެއް ނޫން. މިއީ ކޮންމެ އަހަރަކު ވެސް ރިވިއުކޮށް، ހަދާނެ އެކްރެޑިޓޭޝަނެއް. އެހެންވެ، މި އެކްރެޑިޓޭޝަން ދަމަހައްޓަން އަބަދުވެސް މި ކޮލެޖުން މަސައްކަތް ކުރަން ޖެހޭނެ. މިއީ، މި ކޮލެޖުގެ ޕްރޮގްރާމުތަކުގެ ފެންވަރު ދެމެހެއްޓުމުގެ މަސައްކަތް އަބަދުވެސް ކުރާނެކަމުގެ ޔަގީންކަން ދަރިވަރުންނަށް ލިބޭނެ ކަމެއް،" ނަޖީބު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ޑީން އަބްދުالله ނާފިޒް ވިދާޅުވީ މި ފަދަ އެކްރެޑިޓޭޝަނެއް ހޯދުމުގެ ބޭނުމަކީ އެ ކޮލެޖުގެ ކޯސްތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ޕްރޮގުރާމުތަކެއްކަން ކަށަވަރުކުރުން ކަމަށެވެ. އަދި މި އެކްރެޑިޓޭޝަނާ އެކު އެ ކޮލެޖުގެ ޕްރޮގުރާމުތައް ނިންމާ ދަރިވަރުންނަކީ ދާއިރާއަށް ބޭނުންވާ ހުނަރުތައް ހުންނާނެ ފަރާތްތަކެއް ކަން، އިންޑަސްޓްރީގެ ޕާޓްނަރުންނަށް ޔަގީން ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އެކްރެޑިޓޭޝަނަކީ ދަރިވަރުންނަށް ދެވޭ ހިދުމަތްތަކާއި ކަރިކިއުލަމްއަށް ބަލައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރަށް ބަލައި އެ ކަންތައްތައް ދެމެހެއްޓުމަށް ކުރާ މަސައްކަތް ބަލައި ދޭ އެކްރެޑިޓޭޝަނެއް ކަމަށެވެ.
އެ ބައްދަލުވުމުގައި އެ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ އެކަޑަމިކް ޑިވަލޮޕްމަންޓް ޑައިރެކްޓަރު މޫސް މުހައްމަދު ވިދާޅުވީ މި އެކްރެޑިޓޭޝަނަކީ އެ ކޮލެޖުން ހިންގާ ޕްރޮގުރާމުތަކަކަކީ ބައިނަލްއަގުވާމީ ފެންވަރުތަކަށް ފެތޭ ކަމުގެ ޔަގީންކަން ލިބޭ، އެ ޕްރޮގުރާމުތަކަކީ އިންޓަނޭޝަނަލް ޓްރެންޑުތަކާއި ދާއިރާއަށް ބޭނުންވާ ހުނަރުތައް ލިބޭނެ ކަރިކިއުލަމްއެއް އޮތްކަން ޔަގީން ކޮށްދޭ ކަމެއް ކަމަށެވެ. އަދި މި ރީޖަނުގެ މިފަދަ އެހެން ބިޒްނަސް ސްކޫލްތަކާ އެއް ފެންވަރުގެ ތައުލީމެއް ލިބޭ ތަނެއްކަން ވެސް މި އެކްރެޑިޓޭޝަނުން ޔަގީންކޮށް ދޭ ކަމަށް ވިދާޅުވި އެވެ.
ވިލާ ކޮލެޖުުގެ ބިޒްނަސް ސްކޫލުން އަމިއްލަ ގިނަ ޕްރޮގުރާމުތަކެއް ހިންގާއިރު، މިފަދަ އެކްރެޑިޓޭޝަންތަކަކީ އެ ކޮލެޖުގެ ޕްރޮގުރާމުތައް ބައިނަލްއަގުވާމީ ފެންވަރަށް ފެތޭކަމުގެ ޔަގީންކަން ދަރިވަރުންނަށް ލިބިދޭނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ވިލާ ކޮލެޖުން މި އެކްރެޑިޓޭޝަން ދަމަހައްޓައި، މިފަދަ އިތުރު މުއައްސަސާތަކުގެ އެކްރެޑިޓޭޝަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަން އެ ކޮލެޖުން ފާހަގަކުރެ އެވެ.