އާންމުކޮށް ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗަށް އިސްކަން ދީގެން އެފަދަ ތަކެތި ފަސޭހައިން ގެނައުމަށް، ކުރިން ވިޔަފާރީގެ ގުޅުންނަށް ބަދަހިވެފައި ނެތް ގައުމުތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރައީސް އުފައްދާފައިވާ ކްރައިސިސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އިންޑިއާ އާއި ޗައިނާ އާއި މެލޭޝިއާ އާއި ވިއެޓްނާމާއި އިންޑޮނީޝިއާ އަދި ތައިލެންޑުން އާންމުކޮށް މިހާރު ގެންނަ މުދަލުގެ އިތުރުން، އެހެން ބާވަތްތައް ވެސް ފަސޭހައިން ގެނައުމަށް އެ ގައުމުތަކާ ސީދާ ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ. 

"އަޅުގަނޑުމެންނަށް ވިޔަފާރީގެ ގުޅުން މާބޮޑަށް ބަދަހިކުރެވިފައި ނެތް މާކެޓްތަކާ އެއްކޮށް އަޅުގަނޑުމެން މިދަނީ މިހާރުން މިހާރަށް ވެސް ... އެފަރާތްތަކާ ވާހަކަ ދައްކައިގެން ގުޅުން ގާއިމް ކުރުމުގެ މަސައްކަތްތައް [ކުރަމުން]. ފޮރިން މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއް މިވަގުތު ވެސް އެބަކުރިއަށް ގެންދަވާ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންޑޮނީޝިއާ ފަދަ ގައުމުތަކަކީ މިހާރު ވެސް ފަރުނީޗަރު ފަދަ ތަކެތި ރާއްޖެއަށް ގެންނަ ގައުމުތައް ނަމަވެސް، އެ ގައުމުތަކުން އަސާސީ މުދާ ވެސް ފަސޭހަކަމާ އެކު ގެނައުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑު މަގުން މުދާ ގެނެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެނީ މުދާ ރައްކާކުރުމާއި، މުދާ ގެނައުން މިހާރަށް ވުރެ ފަސޭހަ ކުރެވޭނެ ގޮތްތައް ހޯދުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، ހަނގުރާމައާ ގުޅިގެން މެދުއިރުމަތީން ހާއްސަކޮށް ދުބާއީއިން މުދާ ގެނައުން މަދުވި ނަމަވެސް، މާޗް 4 އިން ފެށިގެން ކޮންމެވެސް ވަރަކަށް އެއާ ކާގޯ އިތުރަށް ގެންނަން ފަށައިފައިވާ ކަމަށެވެ. 

"މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ދިމާވެދާނެ ގޮންޖެހުންތައް ވަރަށް ގާތުން މިދަނީ ބަލަމުން. ދާދިފަހުން މަސީގެ އިސްފަރާތްތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއަ. ކުރިއަށް ދެ ދުވަހެއްގެ ތެރޭގައި އެފަރާތްތަކުން ހުށަހެޅި ކަންކަމާ އެކު ވެސް މަޝްވަރާކުރިއަށްދާނެ،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ ކާބޯތަކެތި ގެނައުމުގައި އެސްޓީއޯއާ އެކު މެދު ކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަށް ކާބޯތަކެތި ގެންނަ ޕްރައިވެޓް ޕާޓީތަކާ އެކު ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ ނިޔަލަށް، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދު ވަނީ 13 ޕަސެންޓަށް އިތުރުވެފަ އެވެ.

ސައީދު ވިދާޅުވީ، މި ހާލަތުގައި ވެސް ރާއްޖޭގައި ހިންގަމުން އަންނަ މުހިއްމު ޕްރޮޖެކްޓްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޓޫރިޒަމް އިންޑަސްޓްރީތަކުގެ ބިޔަ ޕްރޮޖެކްޓްތައް ވެސް ފަސޭހައިން ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު ވެސް ރާއްޖެއަށް ހުއްޓުމެއް ނެތި ގެނައުމުގައި ލުއިގޮތްތައް ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.