ސަރުކާރުން އަންނަނީ މާކެޓުގައި ވިއްކާ މުހިއްމު 164 ބާވަތެއްގެ މުދަލުގެ ސަޕްލައި އަދި އަގުތަކަށް އަންނަ ބަދަލުތައް ކައިރިން ބަލަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ރައީސް އޮފީހުގެ ކްރައިސިސް ކޮމިޓީގެ މި ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ސަޕްލައިޗެއިންގެ ހާލަތު ދެނެގަތުމަށް ރާއްޖޭގެ އިމްޕޯޓަރުންނާ އެކު، ވަރަށް ކައިރިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކުރަނީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ބާރުބޮޑުވުން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހަނގުރާމަ ފެށުނީއްސުރެ މިއަދާ ހަމައަށް އެއްވެސް އަސާސީ ބާވަތަކަށް ނުޖެހި އޮގަނައިޒްކޮށް ކަންކަން ކުރެވެމުން ދިއުމަކީ ކާމިޔާބީއެއް ކަމަށެވެ. އޭގެ ތެރޭގައި ތެލާއި ގޭހާއި ހަޑޫ، ހަކުރު އަދި ފުށުގެ ސްޓޮކް ދަތިކަމެއް ނެތި ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ނޫސްވެރިންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ.
މިނިސްޓަރު ސައީދު ނޫސްވެރިންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ.

"އަޅުގަނޑުމެންނަށް ވަނީ އެއްވެސް އަސާސީ ބާވަތެއްގެ ކާބޯތަކެތި ހުސްވިޔަނުދީ، އިރާދަކުރެއްވިއްޔާ މެނޭޖްކުރެވިފައި. އެއީ ހަނގުރާމަ ފެއްޓި ދުވަހުން ފެށިގެން ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވީ، ހަނގުރާމައިގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ އަސަރެއް ދެނެގަނެ ވީހާވެސް އަވަހަށް ފިޔަވަޅު އެޅުން،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު ވެސް މާކެޓުގައި މުދަލުގެ ސަޕްލައިގެ ހާލަތު ދެނެގަންނައިރު، މިހާރު ވެސް މި ވަގުތަށް އެންމެ ރަނގަޅު އެހެން މާކެޓުތައް ދެނެގަނެ، އެހެން ރޫޓުތަކުން މުދާ ގެނެވޭނެ ގޮތްތައް އަންނަނީ ހޯދަމުންނެވެ.

މީގެ ހަފްތާއެއް ކުރިން ކްރައިސް ކޮމިޓީގައި ސައީދު ވަނީ އިންޑިއާ އާއި ޗައިނާ އާއި މެލޭޝިއާ އާއި ވިއެޓްނާމާއި އިންޑޮނީޝިއާ އަދި ތައިލެންޑުން އާންމުކޮށް މިހާރު ގެންނަ މުދަލުގެ އިތުރުން، އެހެން ބާވަތްތައް ވެސް ފަސޭހައިން ގެނައުމަށް ސީދާ ވާހަކަތައް ދައްކަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.