ރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ދޭ ކުންފުނި މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އަށް 31 އަހަރު ފުރިއްޖެ އެވެ.
މި ކުންފުންޏަކީ ރާއްޖެއަށް ކުރިމަތިވެފައި އޮތް ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން 1995 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނި އޭރު ފެށީ 60 މުވައްޒަފުންނާ އެކުގަ އެވެ. ޖުމްލަ 60 ހާސް މީހުންގެ އާބާދީއަށް ދޭން ފެށި ފެނާއި ނަރުދަމާގެ ހިދުމަތްތައް ފުޅާވެ، އެ ކުންފުނިން މިހާރު އަންނަނީ 1000 އަށް ވުރެ ގިނަ މުވައްޒަފުންނާ އެކު ރާއްޖޭގެ އާބާދީ 50 ޕަސެންޓަށް އެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
އެމްޑަބްލިޔުއެސްސީ އަކީ 100 ޕަސެންޓު ދިވެހި މެނޭޖްމަންޓަކާއި އެކު ހިންގަމުންދާ ކާމިޔާބު ކުންފުންޏެކެވެ.
އެ ކުންފުނިން މާލެ ސަރަހައްދުގެ އިތުރުން ތިލަފުށި، ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގައި ވެސް އެ ކުންފުނިން އަންނަނީ ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. އަދި އެ ކުންފުނިން ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓާއި ކުނި މެނޭޖްކުރުމާއި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ހިދުމަތްތައް ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.
އެމްޑަބްލިޔުއެސްސީން، ފެނަށް ބޭނުންވާ މިންވަރު އިތުރުވާ ދުވަސްވަރާއި، ކުއްލި ހާލަތްތަކުގައި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދޭން މާލެ ސަރަހައްދުގެ ފެނުގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން ފެނުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު، މާލޭގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 750 އާއި 1000 ޓަނުގެ ފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓު ބަހައްޓައި ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 350 ޓަނުގެ ފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓާއި 2500 ޓަނުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓެއް ވަނީ ބަހައްޓައިފަ އެވެ.
މިއާއެކު މާލޭ ސަރަހައްދުގައި ޖުމްލަ ފެން އުފެއްދުމުގެ މިންވަރު 44،950 ޓަނުން 49،900 ޓަނަށް މިހާރު ވަނީ އިތުރުކުރެވިފަ އެވެ. އޭގެ އިތުރުން ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީގެ މަސައްކަތް ނިންމާ ބޭނުންކުރަން ވަނީ ފަށައިފަ އެވެ. އަދި މުޅި ގްރޭޓާ މާލެ ސަރަހައްދުގައި ޖުމްލަ ފެން ރައްކާކުރެވޭ މިންވަރު 40,445 ޓަނުން 50,445 ޓަނަށް އިތުރުވެ، 25 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ.
އަދި މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލަން ސިނަމާލެ ބްރިޖް މެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ މަސައްކަތް ނިންމައި ވަގުތީ ގޮތުން ބޭނުން ކުރަން ފެށުމާއެކު، ބޭނުން ވެއްޖެ ހާލަތެއްގައި ކޮންމެ ކޮޅަކަށް ވެސް ގަޑިއަކު 60 ކިއުބިކް މީޓަރު ފެން ފޮނުވޭނެ ގޮތް ވަނީ ހަމަޖެހިފަ އެވެ.
އެމްޑަބްލިއުއެސްސީން އަތޮޅު ތެރޭގައި ހިދުމަތްތައް ދޭ ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުުމަތްތަކުގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި ފެން އުފައްދާ މިންވަރު އިތުރުކުރުމަށް އެ ރަށުގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 150 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓެއް ބަހައްޓައި، ބޭނުން ކުރަން ވަނީ ފަށާފަ އެވެ.
މިއާއެކު، އެ ރަށުގައި ފެން އުފައްދާ މިންވަރު ދުވާލަކު 700 ޓަނަށް އިތުރުވެ، ޖުމްލަ 27 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ. އޭގެ އިތުރުން ރ. ދުވާފަރުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ދެމެހެއްޓެނިވި އިތުބާރު ހުރި ގޮތެއްގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް، އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައި، ކަރަންޓް މެއިން ވިޔުގަ އިތުރުކޮށް، ދުވާފަރުގެ ކަރަންޓް އުފައްދާ މިންވަރު 4,268 ކިލޯވޯޓަށް އިތުރުވެ، ކަރަންޓު އުފެއްދުމުގެ ގާބިލްކަން 16 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.
އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން "ދިވެހިރާއްޖެ 2.0" ދަށުން ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނާ ވިހާވެސް ގާތުން ލުއި ފަސޭހަ ގޮތެއްގައި ހިދުމަތް ދިނުމަށް އެކުންފުނީގެ މޮބައިލް އެޕްލިކޭޝަނާއި އީ-ޕޯޓަލަށް ފާއިތުވި އަހަރު މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
މި ބަދަލުތަކާ އެކު ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެން ބިލް ދެއްކުމާއި ހިދުމަތަށް އެދުމާއި ބިލުގެ ތަފްސީލާއި ފެން ބޭނުން ކުރާ މިންވަރު އެއް ޑިޖިޓަލް ޕްލެޓްފޯމުން ފަސޭހައިން ބެލޭނެ އެވެ. އެ ކުންފުނިން މިހާރު އަންނަނީ ޕްރިޕެއިޑް އަދި ސްމާޓް މީޓަރުގެ އާ ހިދުމަތްތައް ތައާރަފް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ދޭ އެމްޑަބްލިޔުއެސްސީއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ޖުލްމަ 111 ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއެކު ކުންފުނިން ވަނީ ނިންމައިފަ އެވެ. އެ ކުންފުނިން މި އަހަރު ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައި ވާއިރު، އިތުރު ހަ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ހަތް މަޝްއޫރުއެއްގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއާ އެކު ވަނީ ސޮއިކޮށްފަ އެވެ. މީގެތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް މިހާރު ފަށާފައި ވާއިރު، ބާކީ ޕްރޮޖެކްޓްތަކު އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
އެމްޑަބްލިއުއެސްސީން ޔޫޓިލިޓީ ހިދުމަތްތަކުގެ އިތުރުން އިންޖީނިއަރިން، ޓްރޭޑިން އަދި މެނުފެކްޗަރިންގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް އަންނަނީ ދެމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ގާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި، އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ. އަދި އެމްޑަބްލިއުއެސްސީ ޝޯރޫމުން އަންނަނީ ފެނާ ނަރުދާމާގެ ނިޒާމާ ގުޅުންހުރި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި އެ ކުންފުނީގެ އައިއެސްއޯ 17025: 2005 ސްޓޭންޑާޑުގެ ލެބޯރެޓްރީން ރިޒޯޓުތަކާ، ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ހިދުމަތްތައް ވެސް ދަނީ ފޯރުކޮށްދެމުންނެވެ.
އޭގެ އިތުރުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކާރުހާނާއިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، ކ. ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީއިން ފެނާއި ނަރުދަމާ ގެ މަސައްކަތްތަކާއި ފެން ވައިރިންއަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި، ކަރަންޓް ވަޔަރިން އަށްބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުން ހިމެނެ އެވެ.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ އުފެންދުންތެރި ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އެ ކުންފުނިން ބުނީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެކުންފުނިން ދެމުންދާ ހިދުމަތްތައް ފުޅާކުރުމުގެ މުހިންމުގެ މަސައްކަތްތަކުގައި ދެމިތިބޭނެ ކަމަށެވެ.