ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަށް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ރޭޓިންއެއް ދީފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އެމެރިކާގައި މަސް ވިއްކާ ކުންފުނިތަކާއި އަދި އެހެނިހެން ފަރާތްތަކުން މަސް ގަންނައިރު ރިއާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގާމްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ރާއްޖެ އަށް ހާއްސަ ރޭޓިންއެއް ދީފައިވާ ކަމަށެވެ.
މިއީ "ސީ ފުޑް ވޮޗް" ގެ ތާރީހުގައި ވަކި ގައުމަކަށް ހާއްސަ ކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންއެއް ކަނޑައެޅި ފުރަތަމަ ފަހަރު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
"މިއީ ދިވެހިރާއްޖެ އަށާއި ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީހީ ކުރިއެރުމެކެވެ،" އެ މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، އަލަށް ނެރުނު އިރުޝާދުތަކުގައި ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެ މިނިސްޓްރީން ބުނީ އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކުގައި ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވި ކަމާ ގުޅޭ ކަންބޮޑުވުންތަކެއް ހުއްޓަސް މުޅި މި ސަރަހައްދުގައި ވެސް ކަނޑުމަހުގެ ވިޔަފާރި ކުރުމުގެ އިހުތިޔާރު ނުވަތަ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓްކޮށްފައި ކަމަށެވެ.
"މިއީ ދިވެހި މަސްވެރިންނާއި މަސް ގަނެ ޕްރޮސެސް ކުރާ ފަރާތްތަކާއި ސަރުކާރުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާ އެވެ،" ބަޔާނުގައި ވެ އެވެ.
ރާއްޖެ އަށް ލިބުނު ކާމިޔާބީއާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިއީ ރާއްޖެ އަށް ފަހުރުވެރި ވަގުތުކޮޅެއް ކަމަށެވެ. އަދި "ސީފުޑް ވޮޗް" އިން ވަކި ގައުމަކަށް ހާއްސަ ކޮށްގެން ދޭ ރޭޓިން ފުރަތަމަ ފަހަރަށް ރާއްޖެ އަށް ލިބުމަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަނެފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ އިގުތިސާދު ބިނާކުރުމުގައި ކަނޑުފަޅުތައް ރައްކާތެރި ކުރުމުގައި ދިވެހި މަސްވެރިން ކުރާ މަސައްކަތްތަކުގެ ފޮނި ނަތީޖާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ހާއްސަ ރޭޓިންއެއް ލިބުމުގެ ނަތީޖާއަކީ ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ކަނޑުމަހުގެ ބާވަތްތައް ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މާކެޓު، އުތުރު އެމެރިކާގެ މާކެޓުތަކުން ދިވެހި އެކްސްޕޯޓަރުންނަށް ފުރުސަތު ފަހިވުން ކަމަށެވެ.
"ދުނިޔޭގެ ބާޒާރުގައި ދެމެހެއްޓެނިވި މަސްވެރިކަމަށް ދޭ ސަމާލުކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި މި ރޭޓިންގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ރަނގަޅު އަގުތަކެއް ހޯދުމަށާއި ބައިނަލްއަގްވާމީ ވާދަވެރިކަމުގައި ރާއްޖެ ކުރި ހޯދުމަށް މަގުފަހިވެގެންދާނެ އެވެ،" މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ކުރާ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމަށް "މެރިންސްޓުވަޑްޝިޕް ކައުންސިލް (އެމްއެސްސީ) ވަނީ ކަންނެލީގެ އަތުނަނުގެ މަސްވެރިކަމަށް ވެސް ލިބިފަ އެވެ.