މިނިސްޓަރު ޝިޔާމް: ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް ޖެނުއަރީގައި ފެށޭނެ ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު
10 ޑިސެމްބަރ 2025 - 16:04
ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން މިއަދު ހެނދުނުން ފެށިގެން އިހުތިޖާޖު ކުރަމުން ދަނިކޮށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި މަހަށް ފައިސާ ނުލިބި ދިގުލައިގެންދާތީ އާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާތީ ކަމަށެވެ.
އެކަން ހައްލުކުރަން ބޮޑުކަންނެލީގެ މަސްވެރިންގެ ހުށަހެޅުމަކީ ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ ކަންނެލީގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކޮށް، ބޮޑުކަންނެލީގެ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދު ވީހާވެސް އަވަހަކަށް ތަންފީޒުކުރަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރަން ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭ ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ.
މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުންދިޔަ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެކު މާލެ އޭރިޔާގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް އެސްޓީއޯއިން ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހަމަޖެހިގެންދާނެ އެވެ. އަދިވެސް ސިނާޔަތުގެ ތަރައްގީއަށް ގިނަ ކަންކަން ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް. މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރުކަން ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.
މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މަސްވެރިން އިހުތިޖާޖްކުރަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ބޮޑުކަންނެލީގެ މަސްވެރިން މާލެ ބޭރު ކަނޑުމަތީގައި އިހުތިޖާޖު ކުރަމުންދާއިރު، އެކަމުގައި 49 ދޯނި ބައިވެރިވެ އެވެ. "ދެނެއް ނުފުރޭނެ، ދެނެއް ނުވާނެ" މި ޝިއާރުގެ ދަށުން ކުރާ އިހުތިޖާޖުގައި ގޮވާލަމުން ދަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުން ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ.
މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ހުޅުމާލޭ ފަޅުގައި އިހުތިޖާޖެއް ކުރި އެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު ކުރި އިހުތިޖާޖެއްގައި މަސްވެރިން މާލޭ ފަޅަށް ވަދެގަތެވެ. އެ ފަހަރު އިހުތިޖާޖުކުރީ ލޭނު އަޅައިގެން ކަންނެލި ނަގަން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ ފަހަރު ވަަޑައިގެން މަސްވެރިންނާ ބައްދަލު ކުރައްވައި، ކަންބޮޑުވުންތައް އަޑު އެއްސެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔޫނިއަން
11 December 2025
ތިޔަ ޔޫނިއަންއިން ބޮޑު ކަންނެލި ގަނެ ޕްރޮސެސް ކުރާނެ ކުންފުންޏެއް ހަދައިގެން ކަލޭމެން ބޭނުންވާ އަގަކު ގަނެ ވިއްކާ ގޮތައް ހަމަޖައްސާބަލަ. މަސްވެރިކަންވެސް ތ އާމްދަނީ ހޯދަން ކުރާ މަސައްކަތެއް. ތިމީހުނަށް ތެޔޮ ސަބްސިޑީ ދެންޏާ އާމްދަނީ ހޯދަން ދުއްވާ ތެޔޮއަޅާ ހުރިހާ އުޅަނދުތަކަށްވެސް ސަބްސިޑީވެސް ދޭން ޖެހޭނެ. މަސްވެރިން ތީ ސަރުކާރަށް ބަލަދު އަރާ ބަޔަކީ ތަ އަޅެ؟ ރާއްޖޭގެ އިކޮނޮމީގެ 70 އިން ސައްތައަށް ބުރެ މަތި ހިއްސާކުރަނީ ޓޫރިޒަމް، މަސްވެރިކަމެއް ނޫން
ޱރ ފިޝަރީޒް
10 December 2025
އެއްގޮތަކަށްވެސް ކޮށްގެންނުވާނެ ކަންނެލި ޔޫނިއަން އިން ތިޔަކަންތައް ކުރަންވީ އެވެރިންޖެހެނީ ކޯޕްރޭޓް އުސޫލުން ކުންފުނި ރަޖިސްޓްރީ ކުރަން އެކުންފުންޏައް ފައިނޭސް ހޯދަދޭނީ ފިޝަރީޒް މިނިސްރީން ކުންފުނި ޖެހޭނެ ދަރަންޏައް ޒިންމާވާބަޔަކަށްވާން. އޭގެ ފަހުގަ ގަންނޭނެ އަގަކާ ވިއްކާނެ މާރުކޭޓްވެސް ހޯދާނީ އެކުންފުނިން. އަބަދު ނުޖެހޭނެ ސަރުކާރު މިކަމުގަ އުޅޭކަށް. ހަމަ އުޅެންވީނޫންތޯ ރާއްޖޭގެ ރައްތަކުގަ މިއޮތްހައްދާ މިރުސްވެސް ސަރުކާރުން ގަންނަން.
އަދުހަމް ޖަލީލް
10 December 2025
މި ސަރުކާރުން އެންމެ އަޑުހަރުކޮށް ގޮވާލާ އެއްކަމަކީ، މަސްވެރިންނަކީ ދަޢުލަތް ދަންނަ ބަޔަަކަށް ހަދާނެ ކަމަށެވެ. މިކަމަށްޓަކައި މަސްވެރިކަމުގެ ދަފްތަރެއް އެކުލަވާލިއެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް ވަނީ ލޯނު ދޫކުރަން ފަށާފައެެވެ
ސަމުސުއްނިސާ
10 December 2025
މި ސަރުކާރު ހަވާލިވިއިރުގައި މަސްވެރިންނަށް ނުދީ އޮތް 250 މިލިޔަން ރުފިޔާ ވަރު. އެވެސް ދީފަ 10 ޑިސެމްބަރާ ހަމައަށް އެދިޔަ ދުވަސްތަކުގަ އެކިފަހަރުމަތިން މަސްވެރިންގެ ފައިސާ ދީ އެއްކޮށް ކިޔާ ބެކްލޮގް ސާފުކުރިން. ސާފުކޮށްފަ ދެން 10 ޑިސެމްބަރުން ފެށިގެން ދުވަހުން ދުވަހަށް 48 ގަޑިއިރު ތެރޭގައި ދަނީ ދެމުން
ލުހައިދާން
10 December 2025
މި ސަރުކާރުން މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހަދާދީފި ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުން މަސްވެރިންނަށް ފައިނޭންސް ލިބޭނޭ ގޮތްތައް ހައްދަވާ ދެއްވި މަސްވެރިންގެ ދަފުތަރެއް އެކުލަވާލި
ޔުސްރާ ޔުސް
10 December 2025
މަސްވެރިކަމުގެ ސިނާއަތަށް އަންނަމުންފާ ހެޔޮބަދަލު އިދިކޮށް ފަރާތްތަށް އުޅެނީ ހަޖަމު ނުވެގެން
ޗިޅިޔާބެ
10 December 2025
މަސްވެރިންނަށް ކުރީ ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ފައިސާއެއްވެސް ދިނީ މިސަރުކާރުން
ޒީހާން
10 December 2025
ހަގީގަތުގަ މަސްވެރިން ތިބީ ވަރަށް އުފަލުން، މަސްވެރިން ބޮލަށް އެރެނީ ހުސް ވައުދުވީ ކުރީ ސަރުކާރުގެ ބޮޑުން، އެއީ މަސްވެރިންނަށް ހެޔޮ އެދޭ ބައެއްނޫން
މިދައުރު
10 December 2025
..... ފަށަނީ.... އަންނަނީ.... ދައުރު ނިމެނީ.