ޓެކްސީ ނަފާ ލޯނު ނެގި ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލަން އަންގާފައިވާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ޓެކްސީ ނަފާ ލޯނާ ގުޅޭ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ހއ. ދިއްދޫ، މުތީގޭ، އާދަމް ސަލީމް ކިޔާ މީހަކު ސޯޝަލް މީޑިއާ މެދުވެރިކޮށް މިނިސްޓަރު ސައީދާ ހިއްސާކުރި ސިޓީއަކަށް ދެއްވި ޖަވާބުގަ އެވެ. 

އެ ސިޓީގެ ޖަވާބުގައި ސައީދު ވިދާޅުވީ، ޓެކްސީ ނަފާ ލޯނު ނެގި ފަރާތުގެ ކަންބޮޑުވުންތައް އިންސާފުވެރިކަމާ އެކު، ބަލައި ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކެއް ހޯދުމަށް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތްދީ، އަދި ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ހައްލު ހޯދައި ދިނުމަށް މަސައްކަތްކުރުން ކަމުގައި ދަންނަވަމެވެ،" މިނިސްޓަރު ސައީދުގެ ސިޓީގައި ވިދާޅުވި އެވެ.

ދިއްދޫ އާދަމް ސަލީމް، މިނިސްޓަރު ސައީދު ޓެގްކޮށް އާންމުކުރި ސިޓީގައި ބުނީ، ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ކުރެވޭނެ ގޮތެއް ނެތި ޑްރައިވަރުން ތިއްބާ، އެ ލޯނު އަނބުރާ ދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން ތަކުރާރުކޮށް އަންގަމުންދާ ކަމަށެވެ.

ޓެކްސީ ނަފާ ލޯނު ސްކީމަކީ ޓެކްސީ ވިޔަފާރި ފަށައިގަތުމަށް ހާއްސަ ސްކީމަކުން ދޫކުރި ލޯނެކެވެ. އެ ލޯނު ދޫކުރަނީ ސަރުކާރުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސް ފޯރުކޮށްދޭ އެސްޑީއެފްސީންނެވެ.

އާދަމް ސަލީމް ބުނީ، ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ކުރުމުގެ އަމަލީ މަސައްކަތް ލަސްވެ، ބައެއް ކާރުތައް ރަޖިސްޓަ ނުވެ ތިއްބާ ލޯނު ދައްކަން ޖެހުމަކީ ލޯނު ނެގި މީހުންނަށް ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އަދި ކާރު ރަޖިސްޓަރީ ނުވެ ތިއްބާ ޓެކްސީ ދުއްވުމުގެ ހުއްދަ ވެސް ނުލިބޭ ކަމަށާއި ހުއްދަ ނެތި ޓެކްސީ ދުއްވިއްޖެ ނަމަ ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ނަތީޖާއެއްގެ ގޮތުން، ލޯނު ނެގި ފަރާތްތަކަށް ވިޔަފާރިން ލިބެންޖެހޭ ނަފާ ލިބޭނެ ގޮތެއް ނެތި، ލޯނު ދެއްކުމަށް ބާރު ފޯރުވަމުން ދިއުމަކީ ހަމަޔާ އަދުލުވެރިކަމާ ހިލާފު ކަމެއް ކަމަށް ދެކެމެވެ. ރަޖިސްޓްރޭޝަންލަސްވަނީ ސަރުކާރުގެ ކަމާ ބެހޭ ދާއިރާތަކުން ކުރަންޖެހޭ ކަންކަން ފުރިހަމަ ނުވެ ލަސްވާތީ ކަމަށް ވާހިނދު، ލޯނު ނެގި ފަރާތްތަކަށް ލޯނު ދެއްކުމަށް ލާޒިމް ކުރުމަކީ އަދާލަތްތެރި ކަމެއް ނޫން ކަން ވަކިން ބޮޑަށް ފާހަގަ ކޮށްލަން ބޭނުންވެ އެވެ." އާދަމް ސަލީމްގެ ސިޓީގައި ވެ އެވެ.

އެ ސިޓީގައި ކަންބޮޑުވުން ފާޅުކުރި ފަރާތުން ވަނީ ކާރު ރަޖިސްޓާ ވަންދެން ލޯނުދެއްކުން ފަސްކޮށްދިނުމަށް އެދިފަ އެވެ. އަދި ކާރުތައް ރަޖިސްޓާކޮށްދިނުން އަވަސްކޮށްދިނުމަށް ވެސް އެދުނެވެ.

އެ ސިޓީގައި އާދަމް ސަލީމް ވަނީ މައްސަލަ ހައްލު ކުރަން ވެސް މިނިސްޓަރަށް ކަންކަން ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ލޯނު ދޫކުރި ފަރާތްތަކާ ގުޅިގެން، ކާރު ރަޖިސްޓަރީ ވަންދެން ލޯނު ދެއްކުން ފަސްކޮށްދިނުމަށް (މޮރެޓޯރިއަމް) ހަމަޖެއްސުން.
  2. ކާރުތައް ރަޖިސްޓަރީ ކުރުމުގެ ކަންކަން އަވަސް ކޮށްދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ފިޔަވަޅު އެޅުން.
  3. ރަޖިސްޓްރޭޝަން ލަސްވަނީ ލޯނު ނެގި ފަރާތްތަކުގެ އިހުމާލުން ނޫންކަން ކަށަވަރު ކުރެވި، ލޯނު ދެއްކުމުގެ ޒިންމާ ލޯނު ނެގި ފަރާތްތަކުގެ ބޮލުގައި ނޭޅޭ ގޮތަށް ކަންކަން ތަރުތީބު ކޮށްދިނުން.
  4. ލޯނު ސްކީމްގެ ދަށުން ކާރު ލިބިފައިވާ ހުރިހާ ފަރާތްތަކަށް ވެސް އަދުލުވެރި ހައްލެއް ލިބިދިނުމަށް މިނިސްޓަރާ ހިސާބުން ގޮތެއް ނިންމަވައި ދެއްވުން.

އާދަމް ސަލީމްގެ ސިޓީގައި ވަނީ މައްސަލަތަކާ ގުޅޭ ގޮތުން ތަފުސީލީ ގޮތެއްގައި ވާހަކަ ދެއްކުމަށް، މިނިސްޓަރު ސައީދާ ބައްދަލުކުރުމުގެ ފުރުސަތަކަށް ވެސް އެދިފަ އެވެ.

ޓެކްސީ ނަފާ ލޯނުގެ މައްސަލާގައި ޓެކްސީ ޑްރައިވަރުން ހައްލެއް ނުލިބިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެ މީހުން ބުނެފައިވާ ގޮތުގައި ސަރުކާރުގެ އެކި އިދާރާތަކަށް މިހާތަނަށް ވެސް އެ މައްސަލަ ވާނީ ހުށަހޅައިފަ އެވެ.