"މާލެ ޓެކްސީ އެޕް" ގައި ހިމެނޭ އާންމުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ މައުލޫމާތުކަށް ބަލާއިރު، އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުކުރި މީހުންގެ ނަންތަކާއި އެ މީހުން ދަތުރުކުރި ތަންތަނާއި ދެއްކި ފައިސާގެ އަދަދުތައް ވެސް ލީކުވެފައިވާކަން އެނގެ އެވެ. އަދި އެޕްލިކޭޝަންގައި މީހުން ބޭނުންކޮށްފައިވާ އީމެއިލް އެޑްރެހާއި ފޯނު ނަންބަރާއި ވޮލެޓްގެ މައުލޫމާތުތައް ވެސް ވަނީ ލީކްވެފަ އެވެ.
އެމްޓީސީސީން އެންމެ ފުރަތަމަ ޓެކްސީގެ ހިދުމަތް ދޭން ބޭނުންކުރި ވެބްއެޕުން ވެސް މީހުންގެ ޒާތީ މައުލޫމާތު އާންމުވެ ވެބްއެޕް ބޭނުންކުރުން މެދުކަނޑާލަން ޖެހުނެވެ. އަދި ފަހުން އެ މައްސަލަތައް ހައްލުވަންދެން ހިލޭ ދަތުރުކޮށްދިނެވެ.
މި ފަހަރު މައުލޫމާތު ލީކުވި ގޮތާ ބެހޭ ގޮތުން އެމްޓީސީސީގެ ބަހެއް އަދި ނުލިބެ އެވެ. އެހެންވެ މިއީ ވެބްސައިޓް ނުވަތަ އެޕްލިކޭޝަން ހެކްކޮށްގެން ލީކުރި މައުލޫމާތު ކަމެއް ނުވަތަ އެހެން ގޮތަކުން އާންމުވި މައުލޫމާތު ކަމެއް ކަށަވަރެއް ނޫނެވެ.
މާލެ ޓެކްސީ ލައިންގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އޭޕްރީލް 2 ގަ އެވެ. ވެބްއެޕް މެދުވެރިކޮށް އަދި ފޯނުން ގުޅައިގެން ޓެކްސީ ބުކްކޮށްދޭތާ ދުވަސްތަކެއް ފަހުން ފޯން އެޕްލިކޭޝަން ލޯންޗުކޮށް އެޕުން ހިދުމަތަށް އެދެވޭ ގޮތް ހެދިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ.
ޓެކްސީ ލައިންގެ އެޕްލިކޭޝަނާއި އެކަމާ ގުޅޭ ހިދުމަތްތައް ދިނުމަށް އެމްޓީސީސީން 13 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެކަން ހަވާލުކުރީ ފިކްސްޑް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.
މާލެ ޓެކްސީގެ ހިދުމަތް ފެށީ 150 ކާރާ އެކު އެވެ. މާލެ އާއި ހުޅުލެ އަދި ހުޅުމާލެއަށް ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ފަހުން ކަނޑައަޅައިވާ ޓެކްސީ އަގުތަކުގައި އެ ހިދުމަތް 24 ގަޑިއިރު ދެ އެވެ.