މީގެ ދެ މަހެއް ކުރިން ފެށި މާލޭ ޓެކްސީ ލައިން އެޕް މިހާރު އެޕަލް ޑިވައިސްތަކަށް ބޭނުންކުރެވޭނެ ކަމަށް އެ ހިދުމަތްދޭ އެމްޓީސީސީން ބުނެފި އެވެ.
މާލޭ ޓެކްސީ ލައިން މެދުވެރިކޮށް މީގެ ކުރިން އުޅަނދު ހޯދަން ޖެހެނީ ހޮޓްލައިން ނަމްބަރު 1655 އަށް ގުޅައިގެންނާއި އެމްޓީއެލް ވެބް އެޕް މެދުވެރިކޮށެވެ. ހިދުމަތް ހޯދުމަށް ފަހު ފައިސާ ދައްކަން ޖެހެނީ ވެބް ލިންކެއް މެދުވެރިކޮށެވެ.
އެމްޓީސީސީން ބުނީ މިހާރު އެޕް ސްޓޯރު މެދުވެރިކޮށް އެޕް ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.
އެންޑްރޮއިޑް ކަސްޓަމަރުންނަށް ގޫގުލް ޕްލޭ ވާޝަން މެދުވެރިކޮށް ވަރަށް އަވަހަށް އެ އެޕް ތައާރަފުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެެވެ.
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އަލަށް ހޯދާ މީހެއް ނަމަ ފުރަތަމަ ޖެހެނީ އެޕް މެދުވެރިކޮށް ރަޖިސްޓްރީ ކުރާށެވެ. އަދި އެޕްލިކޭޝަންގެ ހޯމް ޕޭޖުގައިވާ "ބުކް ނައު" އަށް ފިތާލައި ދަތުރު ފަށަން ބޭނުންވާ ތަނާއި ދާން ބޭނުންވާ ތަން ފާހަގަކުރުމަށް ފަހު، ލޮކޭޝަން ކޮންފާމް ކުރާށެވެ.
ދަތުރު ހަމަޖެހުމުން ފައިސާ ދައްކާނެ ގޮތް އިހުތިޔާރުކުރަންޖެހެ އެވެ. ވޮލެޓް މެދުވެރިކޮށް ފައިސާ ދައްކާ ނަމަ، ބޭންކް އެކައުންޓުން ވޮލެޓަށް ފައިސާ ޖަމާކުރުމަށް ފަހު ފައިސާ ދެއްކޭނެ އެވެ. އަދި ކާޑުން ފައިސާ ދައްކާ ނަމަ ދަތުރު ފެށުމުގެ ކުރިން ބޭންކް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދައްކަން ޖެހެ އެވެ. ސްކޭން ޓު ޕޭ ފީޗާ މެދުވެރިކޮށް ދަތުރު ނިމުމުން ވެސް ފައިސާ ދެއްކޭނެ އެވެ.
އެޕްގައި ވަނީ ފަހުގެ ވަގުތެއްގައި ދަތުރުކުރަން ތާވަލުކުރާ ނަމަ، ކުރިއާލައި ޝެޑިއުލް ކުރެވޭ ގޮތަށް ހަދައިފަ އެވެ. ފަހުގެ ވަގުތަކަށް ދަތުރު ޝެޑިއުލް ކުރެވެނީ އެ ދަތުރެއް ފެށުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިންނެވެ.
ކޮންމެ ދަތުރެއް ނިމުމުން ކަސްޓަމަރުންނަށް އެ މީހުންގެ ފީޑްބެކް ދިނުމުގެ ފުރުސަތު ވެސް ލިބެ އެވެ.
ހޯމް ޕޭޖުގައިވާ އެކްްޓިވިޓީސްގައި ކުރިން ކޮށްފައިވާ ދަތުރުތަކާއި ޝެޑިއުލްކޮށްފައިވާ ދަތުރުތަކުގެ މައުލޫމާތު ވެސް ލިބޭނެ އެވެ. އެޕްގައި ވަނީ އެސްއޯއެސް އިމަޖަންސީ ފީޗާ ވެސް ހިމަނައިފަ އެވެ. އެއީ ކަސްޓަމަރަށް އެއްވެސް ކަހަލަ ނުރައްކަލެއް އިހުސާސް ކުރެވޭ ނަމަ، ބޭނުން ކުރެވިދާނެ ހިދުމަތެކެވެ.
ޑްރައިވަރަށް މެސެޖުކޮށް ގުޅުމާއި ދަތުރުކުރި ކާރެއްގައި އެއްޗެއް ބާއްވާފައި ފޭބިއްޖެ ނަމަ، ރިޕޯޓުކުރުމާއި ވޮލެޓްގެ ބެލެންސް ބެލުން ފަދަ ކަންކަން ވެސް އެޕްލިކޭޝަނުގައި ހިމަނާފައިވެ އެވެ.
"މާލެ ޓެކްސީ"ގެ ހިދުމަތް ފެށީ 150 ކާރާ އެކު އެވެ. މާލެ އާއި ހުޅުލެ އަދި ހުޅުމާލެއަށް ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ފަހުން ކަނޑައަޅައިވާ ޓެކްސީ އަގުތަކުގައި އެ ހިދުމަތް 24 ގަޑިއިރު ދެ އެވެ.
މާލެ ޓެކްސީ ލައިންގެ ހިދުމަތް އޭޕްރީލް 2 ގައި ތައާރަފުކުރީ ވެބް އެޕެއް މެދުވެރިކޮށް އެ ހިދުމަތަށް އެދެވޭ ގޮތަށް ކަމަށް ވިޔަސް އޭގެ ސެކިއުރިޓީއާ ގުޅޭ މައްސަލަތަކާ ހެދި އެޕް ޑައުންކުރުމަށް ފަހު، ޓެކްސީގެ ހިދުމަތް ދޭން ފެށީ ހިލެ އެވެ. ފުރަތަމަ ހަފްތާއެއް ވަންދެން ޓެކްސީގެ ހިދުމަތް ހިލޭ ދޭން ނިންމިޔަސް ދެ ހަފްތާއަށް ވުރެ ދިގު މުއްދަތަކަށް ހިލޭ ދޭން ޖެހުނީ މައްސަލަ ހައްލުނުވެގެންނެވެ.