ސަރުކާރުގެ ޓެކްސީގެ ހިދުމަތަށް ހާއްސަ މޮބައިލް އެޕްގެ މަސައްކަތް އަދިވެސް އެއްކޮށް ނުނިމޭތީ އެ ހިދުމަތަށް ފީއެއް އަދިވެސް ނުނަގަ އެވެ.
މާލެ ޓެކްސީ ލައިންގެ ހިދުމަތް މި މަހުގެ ދެވަނަ ދުވަހު ތައާރަފުކުރީ ވެބް އެޕެއް މެދުވެރިކޮށް އެ ހިދުމަތަށް އެދެވޭ ގޮތަށް ކަމަށް ވިޔަސް އޭގެ ސެކިއުރިޓީއާ ގުޅޭ މައްސަލަތަކާ ހެދި އެޕް ޑައުންކުރުމަށް ފަހު، ޓެކްސީގެ ހިދުމަތް ދޭން ފެށީ ހިލެ އެވެ.
އޭރު އެމްޓީސީސީން ބުނެފައިވަނީ ޓެކްސީގެ ހިދުމަތް ހަފުތާއަކަށް ހިލޭ ދޭން ނިންމާފައިވާ ކަމަށެެވެ. އެކަމަކު އެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12:00 އަށް ހަމަވުމުގެ ފަހުން ވެސް އެ ހިދުމަތަށް އަގެއް ނުނަގަ އެވެ.
މިކަމާ ގުޅޭ ގޮތުން އެމްޓީސީސީގެ ބައެއް އަދި ނުލިބެ އެވެ.
ޓެކްސީ ހޯދަން ޖެހެނީ ހޮޓްލައިން ނަމްބަރު 1655 އަށް ގުޅައިގެންނެވެ. މަގުމަތިން ޓެކްސީއެއް ނުނެގެ އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ "މިހާރު" އަށް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި ހިދުމަތް ހޯދުމަށް ދުވާލަކަށް ގާތްގަނޑަކަށް 58،000 ކޯލު ލިބެ އެވެ. އޭނާ ލަފާކުރެއްވި ގޮތުގައި އެހާ ގިނަ ބަޔަކު ހިދުމަތް ހޯދުމަށް މި ދުވަސްވަރު ގުޅަނީ އެ ހިދުމަތް ހިލޭ ފޯރުކޮށްދޭތީ އެވެ.
ސައުދީ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ޓެކްސީގައި ހިލޭ ދަތުރުކުރުކުރުމަށް ދީފައިވާ މުއްދަތު އެ ދުވަހުގެ ރެއަށް ހަމަވާތީ، އެ ގަޑި ހަމަވުމުގެ ކުރިން ވެބް އެޕްލިކޭޝަން ޓެސްޓިން ފޭސްއެއްގައި ލޯންޗު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެޕްގެ ސެކިއުރިޓީއާ ގުޅޭ މައްސަލަތަކެއް ހުރުމުން އެޕް ޑައުންކޮށް، އޭގެ މަސައްކަތް ކުރަމުން ކުރަމުންދާ ކަަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން އަންނަނީ އެ ކުންފުނިން ދެމުންދާ އާރުޓީއެލް ފެރީ އާއި އަތޮޅު ތެރޭގައި ބޭނުންކުރާ ލަކުޑި ފެރީތަކާއި ބަހުގެ ހިދުމަތް ހިމެނޭ ގޮތަށް ކުންފުނިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތެއް ހިމަނައިގެން މޯބައިލް އެޕެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޖުމްލަ 13 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓާ އެކު، ހިދުމަތް ހޯދާ މީހުންނަށް ލުއިވާނެ ކަމަށް ސައުުދީ ވިދާޅުވި އެވެ.
"މޯބައިލް އެޕެއް، ގޫގުލް އާއި އެންޑްރޮއިޑާ ދެން އެ މީހުން އެ ބޭނުންވާ ރަޖިސްޓާވުމުގެ ކުރިން ބޭނުންވާ ކުއަރީސްތަކާ ވެސް ކުރަމުން އެ ދަނީ. ދެން ހަމައެކަނި ޓެކްސީއެއް ނޫން މީގައި މި އިންނަނީ،" 13 މިލިއަން ހަރަދުވާ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސައުދީ ވިދާޅުވި އެވެ.
"އެމްޓީސީސީއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ޓްރާންސްޕޯޓް ފޯރުކޮށްދޭން ޖެހޭ ބައެއް. އެމްޓީސީސީން އާރުޓީއެލް އާއި ބަސް އަދި ލަކުނޑި ފެރީތަކާ މިއީ ވިޔަފާރި ކުންފުންޏެއް. އެހެންވެ މި ޕްރޮޖެކްޓް ތެރޭގައި އިންނާނެ ޓޯޓަލް ސޮލިއުޝަނަކަށް ދާން."
ސައުދީ ވިދާޅުވާ ގޮތުން ނަމަ އެޕް ތައްޔާރުކުރުމުގެ އަގަށް 13 މިލިއަން ރުފިޔާ ހަރަދުވަނީ، އެމްޓީސީސީން ފޯރުކޮށްދޭ ދަތުރުފަތުރުގެ ހުރިހާ ނިޒާމަށް ހާއްސަ ކޮށްގެން އެޕެއް ހަދާތީ އެވެ.
"މިހާރު އެ ކިޔަނީނު 13 މިލިއަން ދިނިއްޔޭ. އެއީ ސޮފްޓްވެއާ އާއި ހާޑްވެއާ މި ހުރިހާ އެއްޗެއް ސެންޓްރަލައިޒްކޮށްވީމަ މުޅި އެތީގެ ކޮސްޓް އެއީ. ޓެކްސީ އެޕް އިންނާނީ ދެ މިލިއަން ސޮފްޓްވެއާ އަށް."
ޓެކްސީ އެޕާ ގުޅިގެން ގުޅިގެން ސޯޝަލް މީޑިއާގައި ސީރިއަސް ތުހުމަތުތަކެއްކޮށް، ބުނެފައިވާ ގޮތުގައި އެޕް ހެދުމަށް ހަވާލުކުރި ފިކްސްޑް މޯލްޑިވްސްއަކީ އެޕް ހެދުމުގެ ތަޖުރިބާ ނެތް ކުންފުންޏެކެވެ. އަދި އެ މުއާމަލާތުގެ ތެރެއިން 13 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
ނަމަވެސް އެމްޓީސީސީގެ އެމްޑީ ސައުދީ އެ ތުހުމަތުތައް ދޮގުކުރެއްވި އެވެ.
އެ މައްސަލާގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ އެޕްލިކޭޝަން ތައްޔާރު ކުރުމުގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް ދެއްކެވެމުންދާ ވާހަކަތައް ބަލައިދިނުމަށް އެދި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.