މާލޭ ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ހާއްސަކޮށް ތައްޔާރުކުރި "މާލޭ ޓެކްސީ" އެޕް ހެދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. 

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތައާރަފްކުރި މާލޭ ޓެކްސީ ހިދުމަތަށް އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީއަށް އެދެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް އެޕްގައި ގިނަ މައްސަލަތަކެއް ހުރުމުން އެޕް ޑައުންކޮށް މިހާރު ޓެކްސީ ހިދުމަތް ދެނީ 1655 ހޮޓްލައިނަށް ގުޅައިގެން ހޯދޭ ގޮތަށެވެ. 

ޓެކްސީ އެޕާ ގުޅިގެން ގުޅިގެން ސޯޝަލް މީޑިއާގައި ސީރިއަސް ތުހުމަތުތަކެއްކޮށް، ބުނެފައިވާ ގޮތުގައި އެޕް ހެދުމަށް ހަވާލުކުރި ފިކްސްޑް މޯލްޑިވްސްއަކީ އެޕް ހެދުމުގެ ތަޖުރިބާ ނެތް ކުންފުންޏެކެވެ. އަދި އެ މުއާމަލާތުގެ ތެރެއިން 13 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅި މައްސަލާގައި ވަނީ އެޕްލިކޭޝަން ތައްޔާރު ކުރުމުގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތައް މަޖިލީހުން ބަލައިދިނުމަށެވެ. 

އެކަމާ ގުޅޭ ސުވާލުތަކެއް އެ ހުށަހެޅުމުގައި ވާއިރު އޭގެ ތަފްސީލީ ޖަވާބެއް ހޯދައިދިނުމަށް ކުޑޫ ހުށަހަޅުއްވާފައިވެ އެވެ. 

ޖަވާބު ހޯދުމަށް އެދިފައިވާ ސުވާލުތައް: 

- ބީލަން ހުށަހަޅާފައިވަނީ ހަމައެކަނި ދައުވަތު ދިން ފަރާތްތަކަށް އެކަނި ކަމަށް ފާހަގަ ކުރެވޭތީ އެގޮތަށް ނިންމި ސަބަބާއި އެ ބީލަމުގައި ބައިވެރިވުމަށް ދައުވަތު ދިނީ ކޮން ކުންފުނިތަަކަކަށްތޯ އާއި އެ ކުންފުނިތައް ހޮވުމުގައި ބަލާފައިވާ މިންގަނޑުތަކަކީ ކޮބައިތޯ އޮޅުންފިލުވުން. 

- ބީލަމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޮވުމުގައި އިސްކަންދީފައިވާ ހާއްސަ ޝަރުތުތަކަކީ ނުވަތަ ގާބިލުކަމުގެ މިންގަނޑަކީ ކޮބައިތޯ ހޯދުން. 

- އެ މަސައްކަތް ހަވާލުކުރެވުނު ފަރާތަކީ އެފަދަ މަސައްކަތެއް ކުރިން ކޮށްފައިވާ ފަރާތެއްތޯ އާއި އެ ފަރާތުން އެފަދަ ލިޔުމެއް ހުށަހަޅާފައިވާ ނަމަ، އެ ލިޔުމެއް މަޖިލީހަށް ހިއްސާކުރުން. 

- އެ މަސައްކަތުގައި އެމްޓީސީސީގެ އައިޓީ ޑިޕާޓްމަންޓުގެ އެއްވެސް މީހަކު ބައިވެރިވިތޯ އާއި ބައިވެރިވިނަމަ އެއީ ކާކުތޯ ސާފުކުރުން. 

- އެ މައްސަލާގައި ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޕޮލިސީތަކުގައި ބަޔާންކުރާ ކަންކަން ފުރިހަމަކޮށްފައިވާ ނަމަ އެކަމުގެ ތަފްސީލު. 

- ޓެންޑާ އުސޫލުން ގަންނަ މުދަލުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީ ބުނާގޮތުން އޮނަހިރި އަދަދެއްގެ މެމްބަރުންގެ ހިމެނޭ ޓެންޑާ އިވެލުއޭޝަން ކޮމިޓީއެއް އެކުލަވާލަން ލާޒިމް ކުރާއިރު، އެ މައްސަލާގައި އިވެލުއޭޝަން ހެދީ ޕޮލިސީގައި ބަޔާންކުރާ ކޮމެޓީއަކުން ނޫން ކަމަށް މައުލޫމާތު ލިބޭތީ އެ އުސޫލުން ބޭރުން އެކުލަވާލި ކޮމިޓީއަކީ ކުންފުނީގެ ކޮން ފަރާތަކުން ހުއްދަދީގެން އެކުލަވާލި ކޮމެޓީއެއްތޯ ސާފުކުރުން. 

- 13 މިލިއަން ރުފިޔާގެ އެ ޓެންޑާއަކީ ޓެކްނިކަލް ޓެންޑާއެއް ކަމަށްވީއިރު އާންމު އުސޫލުގެ ދަށުން މައި ޓެންޑާ ކޮމިޓީގައި އެކަމުގެ ތަޖުރިބާ ނެތް ކަމަށްވާނަމަ، ޓެންޑާގެ ޓެކްނިކަލް ބައި އިވެލުއޭޓް ކުރުމަށް ސަބް ކޮމިޓީއެއް އެކުލަވާލުމަކީ ކުރަމުންދިޔަ ކަމެއް ކަމަށްވާތީ އާއި މައި ކޮމިޓީގެ އިވެލުއޭޝަން ނިންމާނީ ސަބްކޮމިޓީގެ ލަފާއަށް ރިއާޔަތް ކުރުމަށްފަހު ކަމަށްވާތީ އެ މައްސަލާގައި އަމަލުކުރީ އެގޮތަށް ކަމަށްވާނަމަ، އެކަން ސާބިތުވާ ލިޔެކިޔުންތައް މަޖިލީހަށް ހިއްސާކުރުން. 

- ކުންފުންޏަށް ބޭނުންވާ މުދާ ހޯދުމަށް ސަޕްލަޔަރުންނަށް އިންކުއަރީ ފޮނުވަނީ ހަމައެކަނި ކުންފުނީގެ ސަޕްލަޔަރުންގެ ދަފްތަރުގައި ހިމެނޭ ފަރާތަކަށް ކަމަށްވާތީ އިންކުއަރީ ފޮނުވި ތާރީހުގައި ދައުވަތު ފޮނުވި ސަޕްލަޔަރުންނާއި ކުންފުނީގެ ސަޕްލަޔަރުންގެ ދަފްތަރު އެއްކުރެވުނު ތާރިހު ވަކިވަކިން އެނގޭ ގޮތަށް ހޯދުން. 

- ޓެންޑާ އެވޯޑުކުރި ކުންފުންޏަކީ އެ ޓެންޑަރުގެ ސްކޯޕްގައި ބަޔާންކޮށްފައިވާ ކަންކަން އެއްވެސް ކުރިން ކޮށްފައިވާ އަދި އެކަމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއްކަން ސާބިތުވާ ހެކި ހިއްސާކުރުން. 

- އަލުން އާ އެޕެއް ހެދުމަށް ނިންމާފައިވަނީ ކުންފުނީގެ މެނޭޖްމަންޓުންތޯ ނުވަތަ ބޯޑުންކަމުގައިވާ ނަމަ، އެ ނިންމުން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާ ހިއްސާކުރުން.

ކުޑޫގެ ސިޓީގައިވަނީ އެމްޓީސީސީއަކި ސަރުކާރު ކުންފުންޏަކަށް ވާއިރު މި ޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި އެފަދަ މަސައްކަތެއް ކުރުމަށް އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރުމަކީ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ. 

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް މިހާތަނަށް އެމްޓީސީސީން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.