ތުހުމަތުވާ މީހާއަށް ޖިނާއީ ކުށުގެ ދައުވާ ސާބިތުނުވިޔަސް މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ނަމަ އެ މުދަލެއް ދައުލަތަށް ނެގޭ ގޮތަށް ހުށަހަޅާފައިވާ ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތާއީދުކޮށް އެކަމަށް މަރުހަބާ ކިޔައިފި އެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ "ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު" ސަރުކާރުގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ކުރާ މަސައްކަތުގައި ފާހަގަކޮށްލެވޭ އަދި ތާރީހީ މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އޭސީސީން ބުނީ ކޮރަޕްޝަނުގެ ކުށްތައް ހުއްޓުވުމަށާއި ބޮޑެތި ކުށްތަކުން ހޯދާ ނުހައްގު މަންފާ އަނބުރާ ދައުލަތަށް ނަގައި، ގާނޫނާ ހިލާފަށް ހޯދާ މުއްސަނދިކަން ކުށްވެރިންނަށް ލިބެމުންދިއުމުން ހުއްޓުވުމަށް ބޭނުންވާ ވަރުގަދަ ގާނޫނީ އޮނިގަނޑެއް ބިލްގެ ސަބަބުން ގާއިމް ކުރެވޭނެ ކަމަށެވެ.
އެއީ ކުރިމަގުގެ ޖީލުތަކަށްޓަކައި ދައުލަތުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތަށް ވެސް ލިބުނު ބާރެއްގެ ގޮތުގައި އޭސީސީން ސިފަ ކުރި އެވެ.
އެ ކޮމިޝަނުން ބުނީ ރާއްޖޭގެ ގާނޫނުގެ ވެރިކަން ނަގަހައްޓައި، އެންމެ މަތީ ދަރަޖައިގެ އިންސާފު ގާއިމުކުރުމަށް އެ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަގްވާމީ ބައިވެރިންނާ އެކު ގާތުން މަސައްކަތްކުރުމުގައި އެ ކޮމިޝަނުން ދެމި އޮންނާނެ ކަމަށެވެ. އަދި ކޮމިޝަނުގެ އުއްމީދަކީ އެ ބިލް ފާސްކޮށް، ތަންފީޒުކުރުން ކަމަށް ބުންޏެވެ.
"ކޮމިޝަނުގެ އުންމީދަކީ، މި ބިލު ވީ އެންމެ އަވަހަށް އަދި ފަންނީގޮތުން އެންމެ ފުރިހަމައަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވަވައި، އަމަލީ ސިފައެއްގައި ތަންފީޒުކުރަން ފެށިގެން ދިއުމެވެ." އޭސީސީގެ ބަޔާނުގައިވެ އެވެ.
އެ ބިލު މަޖިލީހަށް ފޮނުއްވިކަން ހިއްސާކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެކްސްގައި ވިދާޅުވީ ބިލުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނީ އޮނިގަނޑެއް ތައާރުފުކުރުން ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުން ކުށް ކޮށްގެން ހޯދާ މުދަލާއި، ކުށް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ދެނެގަތުމުގެ މިންގަނޑުތަކާއި، އެފަދަ މުދާ ދައުލަތަށް ނެގޭނެ ހާލަތްތަކާއި، އެކަމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އާންމު އުސޫލުތައް ބިލުގައި ކަނޑައަޅާފައިވެ އެވެ.
ކުށް ކޮށްގެން ހޯދާ މުދާ ދެނެގަތުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، އެފަދަ މުދާ ހިފެހެއްޓުމަށް އަޅާ ވަގުތީ ފިޔަވަޅުތަކާގުޅޭ އުސޫލުތައް ވެސް ބިލުގައި ހިމެނެ އެވެ. އޭގެ ތެރޭގައި އެކައުންޓް މޮނިޓަކުރުމުގެ އަމުރާއި ޕްރޮޑަކްޝަން އަމުރު އަދި އެކައުންޓް ފްރީޒްކުރުމުގެ އަމުރު ހިމެނެ އެވެ.
މޮނިޓަކުރުމުގެ އަމުރަކީ ދައުލަތަށް ނެގިދާނެ ފައިސާއާގުޅޭ މައުލޫމާތު ހޯދުމަށްޓަކައި، މާލީ އިދާރާއެއްގައިވާ އެކައުންޓެއް ބަލައި ފާސްކޮށް މޮނިޓާކުރުމަށް ނެރޭ އަމުރެކެވެ. ޕްރޮޑަކްޝަން އަމުރަކީ ދައުލަތަށް ނެގިދާނެ މުދަލާގުޅޭ މައުލޫމާތު ހާމަކުރުމަށް މާލީ އިދާރާއަކަށް، ނުވަތަ ކަމާގުޅުންހުރި އެހެން ފަރާތަކަށް އެންގުމަށްޓަކައި ނެރޭ އަމުރެކެވެ.
އެކައުންޓް ފްރީޒްކުރުމުގެ އަމުރަކީ ބިލުގައިވާ ގޮތުން މާލީ އިދާރާއެއްގައިވާ، ދައުލަތަށް ނެގިދާނެ ފައިސާއަކުން އެއްވެސް މުއާމަލާތެއް ކުރުން ހުއްޓުވުމަށްޓަކައި ނެރޭ އަމުރެކެވެ. މި އަމުރުތަކާ ގުޅޭ އުސޫލުތައް ބިލުގައި ތަފްސީލުކޮށް ހިމަނާފައިވެ އެވެ.
އޭގެއިތުރުން ބައިނަލްއަގުވާމީ އެހީތެރިކަމާއި އެއްބާރުލުން ގާއިމުކުރުމާ ގުޅޭ އުސޫލުތައް ބިލުގައި ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުގައިވާ ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައް ހިމެނެ އެވެ.
ރާއްޖޭގައިވާ ބޭރު ގައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން ކުށް ކޮށްގެން ހޯދާފައިވާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ވެސް ބިލުގައިވެ އެވެ. އަދި ބައިނަލްއަގުވާމީ އެއްބަސްވުމެއްގެ ދަށުން ބޭރު ގައުމަކަށް ނަގައިދެވޭ ރާއްޖޭގައިވާ މުދަލެއް އެ ގައުމަކަށް އަނބުރާ ފޮނުވާލުމުގަ އާއި ބޭރު ގައުމުތަކުގައިވާ ރާއްޖޭގެ މުދާ ރާއްޖެއަށް ގެނައުމުގައި އަމަލުކުރާނެ އުސޫލުތައް ވެސް ބިލުގައި ހިމަނާފައިވެ އެވެ.