ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރާނެ އިންވެސްޓިގޭޓަރުން ނެތުމުން އެ މައްސަލަ ހައްލުކުރަން އަންނަ އަހަރު ޑިޕްލޮމާ ކޯހެއް ފަށަން ކަމަށް މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ގެ ދަށުން ހިންގާ އެ އެކަޑަމީން ބުނީ އަންނަ އަހަރު ފަށާ އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެކްރެޑިޓްކޮށްފައިވާ ޑިޕްލޮމާ ކޯހެއް ކަމަށެވެ.
އެ ކޯހާ ގުޅޭގޮތުން އެމްނާކާގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ތޮއްޔިބު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަހުގީގުކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ ގޮތުން ގާބިލު އަދި ތަމްރީން ވެފައިވާ އިންވެސްޓިގޭޓަރުން ނެތުން ކަމަށެވެ.
"އެމްނާކާއިން ފަށަން ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ ގައުމީ ހުސްކަން ފުރާލައި، ބައިނަލްއަގުވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް،" އޭނާ ވިދާޅުވި އެވެ.
ކޯހާ ގުޅޭ ބައެއް އިތުރު މައުލޫމާތު:
- ކޯސް ތައްޔާރުކޮށްފައިވަނީ ތަހުގީގީ ދާއިރާގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް
- ކޯހުގެ ތެރެއިން ތަހުގީގީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ދަސްކޮށްދޭނެ
- ހަރުދަނާ އުސޫލުން ކޭސް މެނޭޖްމަންޓް ކުރިއަށް ގެންދިއުމުގެ ހުނަރު ދަސްކޮށްދޭނެ
- ގާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރުމާއި ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުއާމަލާތްތަކާއި ލިޔެކިޔުންތައް ފޮރެންސިކް ތަހުލީލު ކުރުމުގެ ގާބިލުކަން ބިނާކުރެވޭނެ
- ދައުލަތުގެ މާލީ ނިޒާމުތަކާއި ޕްރޮކިއުމަންޓް ގަވާއިދުތަކަށް އަހުލުވެރިކުރުވުން
- ހިޔާނާތާއި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ދެނެގަތުމާއި އިންޓަވިއު ކުރުމާއި ބަޔާން ނެގުމުގެ އިތުރުން އިންޓެލިޖެންސް މައުލޫމާތު އެއްކޮށް ތަހުލީލުކުރުމުގެ ޒަމާނީ ފަންނީ ހުނަރުތައް ދަސްކޮށްދިނުން
ރާއްޖޭގައި ކޮރަޕްޝަން ތަހުގީގު ކުރާނެ އިންވެސްޓިގޭޓަރުން ނެތުމުގެ މައްސަލަ އޮތްކަން އޭސީސީން ފާހަގަ ކުރިއިރު، އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ނުބެލި ދިގުލައިގެން ދިޔުމުގެ ޝަކުވާތައް އަބަދުވެސް އޮވެ އެވެ.