ލެބޯޓަރީ ކޮންޒިއުމެބަލް އައިޓަމެއްކަމަށްވާ މައިކްރޯޕިޕެޓް ޓިޕްތަކެއް މާކެޓުގައި ލިބެންހުރި އަގަށްވުރެ ބޮޑު އަގުގައި ހޯދާފައިވާ މައްސަލައިގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ހޮސްޕިޓަލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި މުހައްމަދު ސާއިން އަހުމަދާއި ބިޑު ކޮމިޓީގެ ޗެއާޕާސަން އަޒީމް ލަތީފާއި ބިޑް ކޮމިޓީގެ ދެ މެންބަރުން ކަމަށްވާ އަބްދުﷲ ވަހީދު އަދި ޑރ. ފާތިމަތު އަމާނީ ނަސީރުގެ މައްޗަށް ދައުވާކުރުމަށެވެ.
އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މައްސަލަ ފެންމަތިވީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް އެ ހޮސްޕިޓަލުން ކުރި އިއުލާނަކާ ގުޅިގެން ކަމަށެވެ.
އެ އިއުލާނުގައި ހިމެނޭ ތަކެތީގެ ތެރެއިން 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް އިއުލާނުކުރުމުން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންނެވެ. އަދި އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއް ނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެ ތަކެތި ހޯދާފައިވާކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން އެދިފައިވަނީ ހަތަރު މުވައްޒަފުންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލައިދިނުމަށެވެ. މީގެއިތުރުން، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ވެސް އެ މީހުންގެ މައްޗަށް ކޮށްދިނުމަށް ފޮނުވާފައިވެ އެވެ.
އަދި ގެއްލުންވާ ފައިސާގެ އަދަދު ހިސާބުކުރުމަށާއި މި މައްސަލައިގައި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މުވައްޒަފުންގެ އިދާރީ މައްސަލަ ބަލައި، އެ ފަރާތްތަކުން އަނބުރާ ހޯދަންޖެހޭ އަދަދުތައް ކަނޑައަޅައި އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެންގުމަށް ވެސް އޭސީސީން ވަނީ ނިންމައިފަ އެވެ.