އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ބަޔާނެއް ނަގައިފި އެވެ.

އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް "މިހާރު"އަށް ވިދާޅުވި ގޮތުގައި ޝަމްއާން ހާޒިރުކުރީ އެ ތަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅޭ މައުލޫމާތުގެ ބޭނުމަށް ބަޔާނެއް ނެގުމަށެވެ. ނަމަވެސް، އެ މައްސަލައިގެ ތަފްސީލެއް ނުދެ އެވެ. 

ނަމަވެސް، އެނގިފައިވާ ގޮތުގައި އޭސީސީން ބަލަމުންދަނީ ހޯމް މިނިސްޓަރު އަލީ އިހުސާނާ ގުޅޭ ގޮތުން ޝަމްއާން ކުރި ތުހުމަތުތަކުގެ މައްސަލައެކެވެ. 

މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޝަމްއާން ވަނީ އޭނާ ފްރޭމް ކުރަން އިހުސާން އުޅުއްވި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ޝަމްއާން ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ދައުވާކުރަން ވެގެން، އޭނާއާ އެކު ބަޔަކު ހައްޔަރުކޮށް، އެ މީހުންނަށް އެކި ލުއިތަކުގެ ނަމުގައި ދައުލަތުން ޑީލްތައް ހުށަހެޅި ކަމަށެވެ. އެ ލުއިތައް ދައުލަތުން އެ މީހުންނަށް ދިނީ އޭނާއާ ދެކޮޅަށް ބަޔާންދޭ ގޮތަށް ޝަރުތުކޮށްފައި ކަމަށް ޝަމްއާން ވިދާޅުވި އެވެ. 

އޭނާގެ މައްޗަށް ސާބިތު ހިފޭ ހެއްކެއް ނެތް ކަމަށާއި މިއީ ސީދާ ދައުލަތުގެ ވެރިން އަންގައިގެން އޭނާގެ މައްޗަށް ކޯޓުން އިއްވާ ހުކުމެއް ކަމަށް ޝައްމާން ވިދާޅުވެފައިވެ އެވެ. 

އަދި މިނިސްޓްރީގެ ތެރެއިން ބިދޭސީންގެ ކޯޓާ ދިނުމުގައި ވެސް އިހުސާން ކޮރަޕްޝަން ހިންގާފައިވާ ކަމާއި އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިއްސާކުރެއްވި ކަމަށް އޭނާގެ މައްޗަށް ހުކުމް އިއްވި ދުވަހު ކޯޓަށް ވަނުމުގެ ކުރިން ޝަމްއާން ވިދާޅުވި އެވެ. އޭނާގެ ފޯނުގައި ހެކި ހުންނާނެ ކަމަށް ވެސް އެ ދުވަހު ވިދާޅުވި އެވެ. 

ޝަމްއާން އެ ދުވަހު ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ އެފަދަ ކަމެއް ޝަމްއާންގެ ފަރާތުން ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. 

ތުހުމަތުތަކާ ގުޅިގެން އިހުސާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޝަމްއާން ކުރައްވަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ. ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތް އިރު، ޝަމްއާން ހައްދަވަނީ ދޮގުކަން ކުރިން ވެސް މީޑިއާގައި ދަންނަވާފައިވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. 

ޝަމްއާންގެ ވާހަކަތަކާ ގުޅިގެން، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެފައިވާ ގޮތުގައި، ރައީސާ ގުޅޭ ގޮތުން ޝަމްއާން ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކަ އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލައިގެން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ބުނާ މައްސަލައިގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރި އެވެ. 

އެ މައްސަލާގައި ކޯޓުން ހުކުމްކޮށްފައިވަނީ ޝަމްއާންގެ މައްޗަށް ކުރި ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އަދި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާތީ އޭނާ 25 އަހަރަށް ޖަލަށް ލުމަށެވެ. އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.