އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބޭނުންވާ ތަކެތި މާކެޓު ރޭޓަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ގަނެ، މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ހިންގާފައިވާ މުއާމަލާތްތަކުގެ ސަބަބުން މިލިއަނުން ގެއްލުން ވެފައިވާ ކަމަށް މި ހަފުތާގައި އާންމުކުރި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޭއީއެޗްގެ 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، އެ ހޮސްޕިޓަލުގެ މާލީ މުއާމަލާތްތަކުގައި ބާޒާރުގެ އަގުތަކަށް ނުބަލައި، ބޮޑެތި އަގުތަކުގައި ތަކެއްޗާއި ހިދުމަތްތައް ހޯދާފައިވާކަން ވަނީ ފާހަގަވެ އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު މައްސަލަތައް:
- ލެބޯޓަރީ ކޮންސިއުމަބަލްސް އަގުބޮޑުކޮށް ގަތުން: މާކެޓް އަގުތަކަށް ބަލާއިރު، އެންމެ 34،000ރ. ގަނެވެން ހުރި ލެބޯޓަރީ ކޮންސިއުމަބަލްސް އައިޓަމެއް، މާކެޓް އަގު ކަށަވަރުނުކޮށް 1،765،800 ރުފިޔާއަށް ގަނެފައިވޭ.
- ވޭން ގަތުމުގެ މުއާމަލާތް: އާ ވޭނެއް ގަތުމަށް ފުރަތަމަ ހަވާލުކުރި ފަރާތަށް އެ ތަކެތި ފޯރުކޮށްނުދެވުމުން އެއްބަސްވުން އުވާލުމަށް ފަހު، އަލުން އިއުލާން ކުރުމެއް ނެތި ފުރަތަމަ ހުށަހެޅި އަގަށް ވުރެ 583،000ރ. އަގުބޮޑުކޮށް ހުށަހެޅި ފަރާތަކަށް ވަނީ ހަވާލުކޮށްފައި.
- ބޭނުންނުކުރާ ކޮޓަރިތަކަށް ކުލި ދެއްކުން: ހޮސްޕިޓަލުން ކުއްޔަށް ނެގި ތިން ކޮޓަރިއެއް އެއްވެސް ވަރަކަށް ބޭނުންކޮށްފައި ނުވި ނަމަވެސް ކުލީގެ ގޮތުގައި ޖުމްލަ 165،000ރ. ހަރަދު ކޮށްފައި.
- މަސައްކަތް ނުފެށި ހަރަދުވުން: ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޑިޒައިންތަކަށް 827,860ރ. ހަރަދުކުރި ނަމަވެސް އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިފައި ނުވާއިރު، މުއްދަތަށް މަސައްކަތް ނުނިމުމުން އުނިކުރަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖެސް އުނިކޮށްފައެއް ނުވޭ.
- ޓެންޑާ ބޯޑުގެ ހުއްދަ ނުހޯދުން: ހޮސްޕިޓަލަށް ބޭނުންވާ ހަތަރު ޑަޔަލިސިސް މެޝިން ރެންޓަލް ބޭސިސްގައި ހޯދުމާއި އޭސީ މަރާމާތުކުރުމުގެ މަސައްކަތްތައް ހަވާލުކުރުމުގައި ޓެންޑާ ބޯޑުގެ ހުއްދަ ހޯދާފައެއް ނުވޭ.
- ސަޕްލަޔަރުންގެ އަތުން ޑޮނޭޝަން ހޯދުން: ހޮސްޕިޓަލަށް ހިދުމަތްދޭ ފަރާތްތަކުގެ އަތުން ތަމްރީނުތަކަށާއި ހަރަކާތްތަކަށް ޑޮނޭޝަން ހޯދާފައިވުމާއި ގަވާއިދާ ހިލާފަށް ވަކި ފަންޑުތައް ހަދައިގެން ފައިސާ ހަރަދު ކޮށްފައިވޭ.
މީގެ އިތުރުން، ވަކި ފަރާތަކަށް މަންފާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭ ކަންކަން ވެސް އޮޑިޓަށް ވަނީ ފާހަގަވެފަ އެވެ. އެގޮތުން، ކިއު ސިސްޓަމަށް ބޭނުންވާ ޕްރިންޓާ ރޯލް ހޯދުމުގައި، އެހެން ސަޕްލަޔަރަކު ހުށަހެޅި އަގަށް ވުރެ ބޮޑު އަގުގައި ކުރިން ވެސް ތަކެތި ފޯރުކޮށްދިން ފަރާތަކުން ތަކެތި ގަނެފައިވާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
އޮޑިޓަ ޖެނެރަލް ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށާއި މިފަދަ ކަންކަން ތަކުރާރުނުވާނެހެން ހޮސްޕިޓަލުގެ މާލީ ނިޒާމު ހަރުދަނާކޮށް އިސްލާހީ ފިޔަވަޅުތައް އަޅަން އަންގައިފަ އެވެ.