ކުރީގެ ސަރުކާރުން ހިންގި "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ގެ ސިޔާސަތު ދެމެހެއްޓުމުގެ އިގުރާރުގައި ފެނަކައިގެ މުވައްޒަފުން ސޮއިކުރުމަށް ޖުލައި 2019 ގައި ބޭއްވި ރަސްމިއްޔާތު: އެ ސޮއިތަކަށް ފަހު ދެން ފެނުނީ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކެއް ހިންހި ތަން.---ފައިލް ފޮޓޯ: މިހާރު
29 ސެޕްޓެމްބަރ 2025 - 08:42
ފެނަކައިގެ ތެރޭގައި 2021-2023 އާ ހަމައަށް ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތައް ބަޔާންކޮށް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ މިދިޔަ ހަފުތާގައި ނެރުއްވި އޮޑިޓް ރިޕޯޓާ އެކު މުޅި ގައުމުގައި މިހާރު އޮތީ އެ ވާހަކަ އެވެ. އޮޑިޓް ރިޕޯޓުގެ ސޮފުހާތައް އެއްލަމުން ދާއިރު ކޮންމެ ސޮފުހާއަކުން ކަހަލަ ގޮތަކަށް ފެންނަނީ މާސިންގާ ޖަރީމާތަކެވެ. ބަޔަކަށް މާލީ މަންފާތަކެއް ހާސިލް ކޮށްދޭން ކޮށްފައި ހުރި ކަންކަމެވެ.
އެކަމަކު، އެއާ އެކު ސިކުނޑީގައި ބަހައްޓަންވީ ކަމަކީ މިއީ އިއްޔެއަކު ނޫނީ މިއަދު އެކަނި ވެގެން އުޅޭ ކަމެއް ނޫން ކަމެވެ. ފެނަކަ އުފެދުނީއްސުރެ މިހާ ހިސާބަށް ކޮންމެ ވެރިކަމެއް ނިންމާލަނީ ފެނަކަ "ހުލިކޮށްލައިފަ" އެވެ. ކޮންމެ ވެރިކަމެއް ނިމުމާ އެކު، ފަތު އަޑު ކިޔާފައި އެންމެން ދައްކަނީ ކުރީގެ ވެރިކަމުގައި އެ ކުންފުނި "ނޮޅައިލި" ވާހަކަ އެވެ. އެކަމަކު، އަދަބުގެ ނަތީޖާ ސުމެކެވެ.
މިހާރު އެންމެންގެ ދުލުކުރީގައި އޮތީ އެމްޑީޕީގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު (ފެނަކަ ސައީދު) ގެ ނަމެވެ. އޭނާ އެ މަގާމުގައި ހުންނެވި ދުވަސްވަރު ވެސް އެތައް ބަޔަކު އެ ވާހަކަ ދައްކައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 22 އަށް ވުރެ ގިނަ މައްސަލަ ތަހުގީގު ކުރަން ފެށި އެވެ. އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑު ރިޕޯޓެއް އޭސީސީން ފޮނުވި އެވެ. އެކަމަކު، ވެރިކަން ނިމުމާ ހިސާބަށް ވެސް ސައީދު ފެނުނީ ކުރިއަށް ވުރެ "ބާރުގަދަ" ކޮށެވެ. ދިފާއުގައި ވިދާޅުވީ އެއީ ސިޔާސީ ގޮތުން ބަޔަކު ޖައްސާލައިގެން ކުރި ކަމެއް ކަމަށެވެ.
ސައީދަށް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރެވޭއިރު، އޭގެ ތެރެއިން ފުރަތަމަ މައްސަލައިގެ ކުށް ސާބިތުވެ ހަތަރު އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ނިންމި ނަމަވެސް ފެނަކައިގެ ކުރީގެ ބައެއް ވެރިންގެ މާޒީގެ ކޭސްތައް އަދި ހުރީ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ވެސް ގިނަ ތުހުމަތުތަކެއްކޮށް ވަނީ ދައުވާ ކޮށްފަ އެވެ. އެކަމަކު، އެކަށީގެންވާ ސްޕީޑެއް ނުލިބެ އެވެ. އޭނާ އަދިވެސް ހުރީ ސަރުކާރުގެ އެހެން މަގާމެއްގަ އެވެ.
ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގާ ގޮތް އެނގޭ ބައެއް މީހުން ކިޔައިދިން ގޮތުގައި ކަންކަން ފެށެނީ އަމިއްލަ ބައެއް ބޮޑެތި ކުންފުނިތަކާ ހިސާބުންނެވެ. އެއީ އަސްލު ސިޔާސީ މުގޫތެކެވެ. އެއީ އެމްޑީޕީއެއް، ޕީއެންސީއެއް، ޕީޕީއެމް ވެގެން ވާކަމެއް ނޫނެވެ. ކޮންމެ ވެރިކަމެއް އޮތަސް އެ ކުންފުނިތަކުގެ ބާރު ހިންގާނެ އެވެ. ވަކި ޕްރޮޖެކްޓެއް މިވެނި އަގެއްގައި ހަމަޖައްސައި ދޭން އެދި ފޮނުވާ މެސެޖުތަކަށް ޖަވާބު ނުދީފި ނަމަ ވަފީޒާ ގެއްލޭނެ ކަމާ މެދު ޝައްކެއް ނެތެވެ.
މިއީ ކޮރަޕްޝަންގެ "ސަކަރާތްގަނޑު" ފެނަކައިގައި ވެސް މޫލައި، ހަރުލާފައި އޮތް މިންވަރެވެ. އެ ކުންފުނީގައި ކުރިން ވަޒީފާ އަދާކުރި، ހާލަތު ވަރަށް ރަނގަޅަށް ދަންނަ މީހަކު ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ފެށީ އެ ހިސާބުންނެވެ.
ފެނަކައިގައި ކޮރަޕްޝަން އޮތް މިންވަރަކީ ކިރިޔާ ވެސް، ނަޒާހަތްތެރިކަމާ އެކު މަސައްކަތް ކުރާ މީހުންނަށް "ޓޮޕް މެނޭޖްމެންޓް" ގައި ހަރުލާން އުނދަގޫވުމެވެ. އަނެއްކޮޅުން ކޮންމެ ވެރިކަމެއް ނިމޭ އިރު މެނޭޖިން ޑިރެކްޓަރާއި ބޯޑު ބަދަލުވިޔަސް ޑިޕާޓްމެންޓްތަކުގައި އުޅެނީ ގާތްގަނޑަކަށް އެއް ބައެކެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ފެނަކައިގެ ޕްރޮޖެކްޓްތަކުން ފައިދާ ހޯދާ މީހުން ކަމުގެ ތުހުމަތު އޮވެ އެވެ. އެފަދަ މީހުން ވަޒީފާގައި ދެމިތިބެނީ ކޮންމެވެސް ސިޔާސީ މީހެއްގެ ބާރުވެރިކަމުގަ އެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓުން ފާހަގަވި ބައެއް މައްސަލަތައް
ފެންނަމުންދާ މަންޒަރަށް ބަލާއިރު މިއީ ކޮންމެ ސަރުކާރެއް އަންނަ އިރު، ކުރީގައި ހުންނަވާ މެނޭޖިން ޑިރެކްޓަރާ ހިސާބުން އެކަނި ނިންމާލެވޭ ވަރަށް ވުރެ ބޮޑެތި މައްސަލަތަކެވެ. މުޅި ކުންފުނި އެކޮޅުކޮޅަށް ޖަހައިގެން ހައްލު ނުކުރެވޭ ވަރަށް ވުރެ ބޮޑަށް އޮންނަނީ އެއް ބަޔަކު އަނެއް ބަޔަކާ ގުޅިފަ އެވެ. "ކޮރަޕްޝަން ޗޭނު" ގައި އަތްލާން އުނދަގޫވާ ވަރަށް އެ ގުޅުން ބޮޑެވެ. އެއް ފަހަރަށް ވުރެ އަނެެއް ފަހަރު ހިންގާ ކޮރަޕްޝަންގެ އަދަދުތައް ވަނީ މައްޗެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓުން ފާހަގަވި ބައެއް މައްސަލަތައް
އެފަދަ ގޯސް ހާލަތެއްގައި އޮތް ކުންފުންޏެއް، އެ ހާލަތުން ސަލާމަތް ކުރުމަށްޓަކައި ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ މި ހާލަތު ބަދަލު ކުރުމުގެ "ޕޮލިޓިކަލް ވިލް" ވެރިންގެ ގައިގައި އެބަހުރި ހެއްޔެވެ؟ މިދިޔަ 12 ވަރަކަށް އަހަރުގެ ތަޖުރިބާއަކީ، އެއްވެސް ބަޔަކަށް އެ ކުންފުނީގައި ޖެހިފައި އޮތް ކޮރަޕްޝަންގެ ލައްގަނޑުން ސަލާމަތް ކުރެވިފައި ނުވުމެވެ. ހާލަތު އިތުރަށް ވީ ގޯހެވެ.
ކޮންމެ އިންތިހާބަކާ ދިމާކޮށް "ވޯޓު ގަތުމަށް" މިހާރު ގެންގުޅޭ އެންމެ ފަސޭހަ ގޮތަކީ، ގޭގޭގެ އެންމެ އިސްކޮށް އާމްދަނީ ހޯދާ މީހުންނަށް ވަޒީފާ ދިނުމެވެ. އެ ހިސާބުން މުޅި އާއިލާގެ ވޯޓުގެ ޔަގީން ކުރެވުނީ އެވެ. މިއީ މިދިޔަ ހުރިހާ އިންތިހާބުތަކުގައި ހެން ފެންނަން އޮތް ކަމެކެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ރިޕޯޓުތަކުން ވެސް އެފަދަ ގިނަ ތުހުމަތުތަކެއް ކޮށްފައި އެބަހުއްޓެވެ. އެކަން ކުރުމަށް ރަށްރަށުގެ ސިޔާސީ މާހައުލު ކޮންޓްރޯލު ކުރުމަށް، އަޑުގަދަ އަދި ބާރު އޮންނަ މީހުންނަށް ވަޒީފާ ދޭން ގެންގުޅެނީ ފެނަކަ އެވެ.
ކުންފުނިތަކުގެ ހާލަތު ދިރާސާ ކުރާ އޮޑިޓަރަކު ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު އިތުރުވެ، ހިންގުމުގެ ހަރަދުތައް ބޮޑުވުމަކީ ކުންފުންޏަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަަމަށެވެ. އެކަން ބަދަލު ނުކޮށް، ކުންފުނީގެ ހާލަތު ރަނގަޅު ނުކުރެވޭނެ ހަމަ އެއްގޮތެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
ރަށެއްގައި އަޅާފައި ހުރި ފެނަކަ އޮފީސް އިމާރާތެއް -- ފޮޓޯ: ފެނަކަ
މިސަރުކާރު ވެރިކަމަށް އައިސް ފެނަކައިގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވެސް ވިދާޅުވީ، ފެނަކައިގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން މާ ބޮޑު މަސްއޫލިއްޔަތެއް ނެތް ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން އެބަތިބި ކަމަށާއި ނަމަވެސް އެފަދަ މުވައްޒަފުން ކުއްލިއަކަށް ވަކި ކުރުމަށް ވެސް އިތުރު ހަރަދުތައް ދާނެ ކަމަށެވެ. އެ މީހުންނަށް ދޭން ޖެހޭ ރިޑަންޑެންސީ އެލަވަންސާއި ޕެކޭޖުތައް ކަނޑައެޅުމަކީ ވެސް ކުންފުންޏަށް އޮތް އިތުރު ހަރަދެއް ކަމަށް ވިދާޅުވި އެވެ.
ފެނަކައިން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުން އެ ކުންފުންޏަށް ބޭނުންވަނީ ތިން ހާހެއްހާ މުވައްޒަފުންނެެވެ. އެކަމަކު މިހާރު ވެސް މުވައްޒަފުންގެ އަދަދު ހުރީ 7،700 އާ ގާތްކުރާ އަދަދަކަށެވެ. މިދިޔަ އަހަރު މުވައްޒަފުންގެ މުސާރަ ދިނުމަށް އެކަނި 840 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ.
ފެނަކައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބި ކުންފުންޏެވެ. އެއީ، އެންމެ ބޮޑު އާމްދަނީއެއް ވަންނަ، ބީއެމްއެލް އާއި އެމްއޭސީއެލް އާއި އެސްޓީއޯ ފަދަ ކުންފުނިތަކަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.
އޮޑިޓަ ޖެނެރަލް އާންމުކޮށްފައިވާ ރިޕޯޓުގައި ވެސް ވާ ގޮތުން ބިޑް އެވޯޑު ކުރުމުގެ ކުރިން ބައެއް ސަޕްލަޔަރުން އެ ތަކެތި ގެނައުމުގެ މަސައްކަތްތައް ރާއްޖެ އިން ބޭރުން ކުރާކަން ފާހަގަކުރެވެ އެވެ. އެ މަސައްކަތް އެ ގޮތަށް ކުރަނީ، ޕްރޮކިއުމެންޓް އުސޫލާ ހިލާފަށް، ނުފޫޒު ފޯރުވޭ ފަދަ މަގާމެއްގައި ތިބޭ މުވައްޒަފެއް ނުވަތަ މުވައްޒަފުންތަކެއް ހާއްސަ ގުޅުންތަކެއް ބާއްވައި، އެ މައުލޫމާތު ސަޕްލަޔަރުންނަށް ކުރިއާލާ ދޭތީ ކަމަށް އޮޑިޓް ރިޕޯޓުގައި ތުހުމަތު ކޮށްފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެފަދަ ގޮތަކަށް މުދާ އެތެރެ ކުރަން އުޅުނުކަން ފަޅާ އެރި 12.3 މިލިއަން ރުފިޔާގެ މުދާ ހުރިކަން ފާހަގަ ކުރެވެ އެވެ.
ފެނަކައިން އެންމެ ބޮޑު ފައިދާއެއް ލިބުނު 10 ކުންފުނި -- ފޮޓޯ: މިހާރު/ މައުލޫމާތު: އޮޑިޓް ރިޕޯޓް
ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންނާއި ސީނިއާ މެނޭޖްމެންޓުގެ ވެރިންނާއި ޑިޕާޓްމެންޓްތަކާއި ސެކްޝަންތައް ހިންގުމާ ހަވާލުވެ ތިބޭ ވެރިންނާއި މެނޭޖަރުންނާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުފޫޒު ފޯރުވޭ މަގާމުތަކުގައި ތިބޭ މުވައްޒަފުން ހިމެނޭ ގޮތަށް، ނުފޫޒު ފޯރުވައިގެން އެކި ވިޔަފާރިތަކުގެ ފައިދާ ހޯދާފައިވާ ކަމަށް ވެސް އޮޑިޓަށް ވަނީ ފާހަގަވެފަ އެވެ.
އަނެއްކޮޅުން ޕެޓީ ކޭޝްގެ ގޮތުގައި ވެސް މުވައްޒަފުންނަށް ނާޖައިޒު ފައިދާ ނެގޭ ގޮތަށް 26 މިލިއަން ރުފިޔާ ހޭދަކޮށްފައި އޮތްކަން އެނގެ އެވެ.
"މިހާރު" އަށް އެކަމުގެ މައުލޫމާތު ދިން ފަރާތަކުން ބުނީ، ކުންފުނީގެ ވެރިންނާއި އެ އިރެއްގައި ވެރިކަން ކުރާ ޕާޓީގެ މަޖިލީސް މެންބަރުންނާއި ސިޔާސީ މީހުންނާ ހާއްސަ ގުޅުންތަކެއް އޮންނަ ކަމަށެވެ. އެ އުސޫލުގެ ތެރެއިން އަބަދުވެސް، އެފަދަ ކުންފުނިތަކަށް ހާއްސަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ސަގާފަތެއް އޮންނަ އިރު އެއީ އެކަން ކުރަން ޖެހޭ ގޮތްކަމަށް ގިނަ މީހުން ގަބޫލު ކުރާ ކަމަށް އޭނާ ބުންޏެވެ.
"ޕްރޮޖެކްޓްތައް ދިނުމުގައި ގިނަ ފަހަރަށް އޮންނާނީ ކޮންމެވެސް މީހަކަށް ސިޔާސީ ގޮތުން ފޭވާއެއް އަދާކުރުން. އެއީ ފެނަކައިގައި ހަރުލާފައި އޮތް ސަގާފަތެއް،" އޭނާ ވިދާޅުވި އެވެ.
"މިހާރު" ވާހަކަ ދެއްކި އިސްވެރިޔާ ވިދާޅުވީ، މުވައްޒަފުންނަށް ވެސް ވިސްނިފައި އޮންނަނީ އެ އިރެއްގައި ވެރިކަމުގައި ތިބޭ މީހުންނާ ގުޅޭ ފަރާތްތަކަށް ފައިދާ ވާ ގޮތަށް ކަންކަން ކުރަންޖެހޭ ކަމަށެވެ. އެހެންވެ، އެކަން ހައްލު ކުރާ ނަމަ ހުރިހާ ލެވެލްއެއްގެ މުވައްޒަފުންތައް ވެސް ބަދަލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނުވަތަ ޒިންމާދާރު އުސޫލުތަކެއްގެ ގެންނަން ޖެހެ އެވެ.
"އަލަކަށް ނޫން ފެނަކައިގެ ކޮރަޕްޝަންގެ ވާހަކަ މި ދެއްކެވެނީ. މިކަމުގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޕީސީބީން ވެސް މަސައްކަތް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ނިމުނު އިރު އެންމެ ބޮޑަށް ފެންމަތިވީ ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓާއި ބޯޑު މެންބަރުންނާ ގުޅޭ ކޮރަޕްޝަނުގެ ވާހަކަތަކެވެ. މިއަދު އަނެއްކާ ވެސް، މި ފެންނަނީ ކުރީ ސަރުކާރުގެ ފެނަކައިގެ ވެރިންނާއި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވި މީހުންގެ ކުންފުނިތަކާ ގުޅޭ ގޮތުން ހިންގާފައި ކޮރަޕްޝަންތަކެވެ.
މިކަން ކުރިއަސް އަސްލު މުޅި މައްސަލަ އިސްލާހު ކުރުމުގެ ބާރު އޮތީ ވެރިންނަށް. ގިނަ ފަހަރަށް އެމްޑީން މި ކަންކަން ކުރަނީ ވެރިންގެ ކޮމާންޑަށް. އެހެންވީމަ، ކުންފުނީގެ އެމްޑީއާ ހިސާބުން މިކަމެއް ނުނިމޭ،"
މި ހާލަތު ބަދަލު ކުރުމަށްޓަކައި ކުރެވޭނެ އެއް ކަމަކީ، ކުންފުނި ކުޑަ ކުރުން ކަމަށް މި އާޓިކަލްއަށް މައުލޫމާތު ދިން އެއް އޮޑިޓަރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ، ފެނަކައިން ދެނީ ރައްޔިތުންނަށް އަސާސީ ހިދުމަތެއް ކަމަށްވާ އިރު ރާއްޖޭގެ ދެ ސަރަހައްދަކަށް ދެ ކުންފުންޏެއް އުފެއްދިދާނެ ކަމަށެވެ. އަދި މިހާރަށް ވުރެ ރަނގަޅަށް ކުންފުނީގެ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"މިކަން ކުރިއަސް އަސްލު މުޅި މައްސަލަ އިސްލާހު ކުރުމުގެ ބާރު އޮތީ ވެރިންނަށް. ގިނަ ފަހަރަށް އެމްޑީން މިކަންކަން ކުރަނީ ވެރިންގެ ކޮމާންޑަށް. އެހެންވީމަ، ކުންފުނީގެ އެމްޑީއާ ހިސާބުން މިކަމެއް ނުނިމޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތަށް، ފެނަކަ ފަދަ ކުންފުނިތަކަކީ، ސަރުކާރުގެ ބަޖެޓުން ބޮޑު ހަރަދެއް ކޮންމެ އަހަރު ކުރާ ކުންފުނިތަކެވެ. އެހެންވެ، ކުންފުނީގެ މުހިއްމު ނިންމުންތައް ނިންމައި، ބޮޑެތި ޕްރޮޖެކްޓްތައް ހަވާލު ކުރަނީ ފިނޭންސް މިނިސްޓްރީ އާއި އެ އިރެއްގައި ވެރިކަމުގައި ތިއްބަވާ ބޭފުޅުންނަށް އެނގިވަޑައިގެންނެވެ.
އަނެއް ކަމަކީ، ކުންފުނީގެ ކެޕޭސިޓީ ނެތް ވަރުން ޕްރޮޖެކްޓްތައް ނުހިންގުމެވެ. ނެތް ކެޕޭސިޓީގައި ޕްރޮޖެކްޓްތައް ހިންގަން ހަވާލުކުރުމުން، އޭގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތައް ވެފައި ހުރިކަން އޮޑިޓް ރިޕޯޓުން ފާހަގަވެ އެވެ. އަދި ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ހިންގާފައި ވެސް އޮތީ އެފަދަ ޕްރޮޖެކްޓްތަކުގެ ތެރެއިންނެވެ. އެހެންވެ، ފުރަތަމަ ކަމަކަށް ފެނަކައިން އެފަދަ އިން ހައުސް ޕްރޮޖެކްޓްތައް ހިންގުން ހުއްޓާލުން ވަރަށް މުހިއްމެވެ.
ފެނަކައިގެ ކޮރަޕްޝަންގެ ވާހަކަތައް ގަދަވެފައިވާ އިރު، މިކަން ބަދަލު ކުރުމަށްޓަކައި ހަމައެކަނި އޮޑިޓް ރިޕޯޓަކުން ނިންމާލެވޭ ކަށް ނެތެވެ. މުޅި ކުންފުނީގެ ހިންގުމުގެ ނިޒާމު ބަދަލުކުރަން ޖެހެ އެވެ. ކޮރަޕްޝަންގެ މުގޫތައް ލުހެލެވޭނެ ގޮތްތައް ހޯދައި، ކިރިޔާ ވެސް ގުޅުން އޮންނަ މުވައްޒަފުން ވެސް އެކަހެރި ކުރަންޖެހެ އެވެ.
އޭސީސީ އާއި ޕީޖީގެ ޒިންމާތަކެއް ވެސް އެބަ އޮތެވެ. އަދި މިފަދަ ކޮރަޕްޝަންތައް ނައްތާލުމަށް ރައްޔިތުންގެ މަޖިލިހުން ވެސް ކުންފުނި ޖަވާބުދާރީކޮށް، އިދާރާތައް ޒިންމާދާރު ކުރަން ޖެހެ އެވެ. ސިޔާސީ ވެރިން ވެސް އެ މީހުންގެ ސިޔާސީ ބޭނުންތައް ފުއްދަން ފެނަކަ ގެންގުޅުން ހުއްޓާލަން ޖެހެ އެވެ. އެނޫން ގޮތަކަށް މި ކަމަށް ދުވަހަކު ހައްލެއް ނުފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒަރީރު
30 September 2025
އެމްޑީޕީގެ ވެރިކަމުގަ ފެނަކައިން ވައްކަން ކުރަމުން ދިޔަކަން މަގުމަތީގައި ހިނގާފައި އުޅޭ އެންމެ އާދައިގެ މީހާއަށްވެސް އެނގޭވަރު ވިއެވެ. ގަނޑުވަރުތަކެއް ފަދައިން ރަށްރަށުގައި އެޅި ފެނަކަ އޮފީސް ތަކަކީ މުޅިންވެސް ވައްކަމެވެ. ސިއްޙީމަރުކަޒު ބޮލަށް ވެއްޓެން ކައިރިވެ، ސްކޫލް ބާވެ، ކައުންސިލް އިމާރާތް ކަމީނާވެ، ފުލުހުންގެ މަރުކަޒެއް ނެތް ރަށްރަށުގައި ވެސް އެކަންކަން ބޮލާލައި ޖެހުމަށްފަހު އެޅީ ފެނަކަ އޮފީހެވެ.
އައިމިނާ
30 September 2025
މިގޮތަށް އުޅެގެން ދުވަހަކު ރައްޔިތުންގެ ބިލުތަކުން ލުއިލިބޭނެހެން ހީވޭތަ. އެހެންވީމަ ކަރަންޓުބިލް ފެންބިލް ކުޑަކުރާނީ ކިހިނެއް. ބިލުތައް ބޮޑުކޮށްގެންވެސް އިތުރަށްވެސް ޖީބުތައް ބޮޑުކުރެވޭތޯ މި ބެލެނީ.
ނާޑުވާ
30 September 2025
ހިތާމައަކީ ހަމައެކަނި ސައީދާ ހިސާބުން ނިންމާލިކަން. ފެނަކަ އުފެދުނީއްސުރެ އެތަނުގެ ކޮރަޕްޝަންގެ ވާހަކަ ނޫހަކަށް ނާރާ މަހެއް ނުދެޔޭ ބުންޏަސް ދޮގަކަށް ނުވާނެ. ވަގު ބާޒާރުން އަގުބޮޑުކޮށް ޑޮލަރު ގަތޔމުގެ ނަމުގަ ހިންގި ވައްކަމުގެ ޖަރީމާ ބަލާ ފިޔަވަޅު އަޅާނީ ކޮންދުވަހަކުންތޯ? ހަމައެއާ އެކު ކޮވިޑް ތެރޭ ވެންޓިލޭޓަރު ގަތުމުގެ ނަމުގަ ހިންގި ވައްކަމުގެ މައްސަލަ މިހާރު އޮބުނީތޯ? ސިޔާސީ 99 ޕަސެންޓް މީހުން އެމީހުނާ އިދިކޮޅު މީހުން ފަހާދުވާއިރު ތިމާ އާ ތިމާގެ ވާގިވެރިންގެ ފޫކޮޅުގަ މާބޮޑު ބުރިވަރެއް އޮތްކަމެއް ހަމަ ނޭނގެނީ ބާ?
އައިމިނާ
29 September 2025
ގިނަދުވަހެއް ނުވެ ކުންފުނިއުފައްދާ އެ ކުންފުނިތަކަށް މިލިޔަނުން ބޭންކުން ލޯނުދިނީ ކޮ ްބަޔަކަށްތޯވެސް ބަލާލުން ރަނގަޅު. އެމްޑީޕީސަރުކާރުގަ.
ޗަޕް
29 September 2025
ސައީދުގެ ކޮރޮޕްޝަން މައްސަލަ ތަކެއް ހުރެދާނެ. ވައްކަން ކޮށްފައިވެސް ހުރެދާނެ. އެކަމކު ތިހުކުމް އިއްވި މައްސަލަ މެދުވެރިވީ އޭމަގެ ވެރިކަމުގައެއް ނޫން. އޭނަ އަމަލުކޮށްފައި އޮތީ އޭނަޔަށް ލިބުނު ގާނޫނީ ލަދައމަތި
×ޒ
29 September 2025
ފެނަކަ އުވާލާށޭ. އެރަށެއްގެ އިންޖީނުގެ ހިންގަން އެރަށަކާ ހަވާލު ކުރާށޭ. ބައްޔެއްނު. މަ މިހެން ކިޔާތާ ކިހާ ދުވަހެއް.
ާެޭ 2
29 September 2025
އަދީބު ގައުމު ވީދާނޮޅައިގެން ކޭއިރު މުއައްސަސާތައް ހުރީ ގަބުއަރާފާ. ރައްޔިތުން ގޮވާ ކަނިއްޔޭ ކަނިއްޔޭ. ރައްޔިތުން ތިބެން ޖެހޭނީ ގޮވަގޮވާ. ބަލަހައްޓައިގެން ތިބުންނޫންގޮތެއް ރައްޔިތުންނަށް އޮންނާނެތޯ؟ ނޯންނާނެޔޯ.
އޮނަރަބްލް އަފީފު ދީދީ
29 September 2025
ފުރަތަމަކަމަކަށް އެކުންފުނީގެ އެއްވެސް ވިޔަފާރިއެއް އަދި ކުންފުންޏަށް އާމްދަނީލިބޭނެ އެއްވެސް ވަސީލަތެއް އެރަށުގައިނެތް އަމުދުން ކުންފުނީގެ އަމިއްލަބިމެއް އަމިއްލަ އިމާރާތެއްވެސް ނެތް ރަށެއްގައި FENAKA ހެޑް އޮފީސް ހަދައި ކުންފުނީގެ އެންމެބޮޑު މުސާރަލިބޭ ޓެކްނީޝަނުންނާއި ވަޒީރުންގެ މުސާރައާއި އެއްވަރު މުސާރަދޭ އެތައް ބައިވަރުން ވެރިންނާއި އޮފީހަށް އެއްފަހަރާ ނުވަދެވޭވަރަށް އިދާރީ އެތައް މުވައްޒިފުންތިބި ހެޑް އޮފީސް ކ.މާލޭގައި ހުންނަންވީ ކީއްވެ؟!
އޮނަރަބްލް އަފީފު ދީދީ
29 September 2025
އެތައްސަތޭކަ ބިލިޔަން ރުފިޔާއަށް ދައުލަތް ދަރާފައި އޮތް އިރު ދައުލަތުން ތެލަށް ހޭދަކުރާ ސަބްސިޑީޒް ކުޑަކުރުމަށާއި، ބިމާއި އާބާދީބޮޑު ރަށްތަކަށް "ގެއްލުމުގައި ކަރަންޓްގެ ހިދުމަތް ދިނުމުގެ ބަދަލުގައި" ދެމެހެއްޓެނިގޮތަކަށް މިކަންކަން ކުރުމަށްޓަކާ State Electric Company އާއި FENAKA Cooperation އިން ކަރަންޓްދޭނެ ރަށްރަށާއި އަދި މިކުންފުނިތަކަށް އަހަރެއްގެމައްޗަށް ދައުލަތުން ތެލަށް ސަބްސިޑައިޒް ކުރާނެމިންވަރު ކަޑައަޅާ ހަމަޖެއްސުން ވަރަށް މުހިންމު.
ތިމާވެށި
29 September 2025
މިހާރު ސިޔާސީ ބޮޑޫ މީހާ ބުނެގެން އަލަށް ކުންފުންޔެއް ހަދާ ލާ އިރަށް އެތައް މިލިއަން ރުފިޔާ އެއްގެ މަސައްކަތް އެބަ ލިބެ އެވެ. ސޮއި ކުރާ ތަނުން އެޑްވާންސް އަށް ބޮޑު ބައެއް އެބަ ލިބެ އެވެ. ހަމަ ލިބޭ އިރަށް އޭގެ އިން ބައެއް އެބުނާ އަކައުން ޓް ތަކަށް ފޮނުވަން ޖެހެ އެވެ.