ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު. ފޮޓޯ:ނިޝާން އަލީ/މިހާރު
28 ސެޕްޓެމްބަރ 2025 - 13:34
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި ދުވަސްވަރު، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެ ކޯޕަރޭޝަނުން ގިނަ މުއާމަލާތްތަކެއް ކުރި ކަމަށް އޮޑިޓް ރިޕޯޓެއްގައި ބުނުމުން، އޭނާ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަށް ފާޑުވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ރިޕޯޓްގައި ބަލާފައި އޮތީ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހިދުމަތާއި ތަކެތި ހޯދުމުގައި ފެނަކައިން އަމަލުކޮށްފައިވާ ގޮތެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ އެތައް މުއާމަލާތެއް އެ ރިޕޯޓްގައި ފާހަގަކޮށްފައި އޮތެވެ.
ރިޕޯޓުގައި ބުނީ އެ މުއްދަތުގައި ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި، އުސޫލުން ބޭރުންނެވެ.
ސައީދު ހުންނެވި އިރު، ފެނަކައާ ގުޅޭ ބޮޑެތި މައްސަލަ މުވައްޒަފުންތަކެއް އޭސީސީއަށް ވެސް ހުށަހަޅާފައި ވަނިކޮށް، އެ ކުންފުންޏާ ގުޅޭ އޮޑިޓް ރިޕޯޓުގައި، ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިކޮށްފަ އެވެ.
އެ ރިޕޯޓް އާއްމުކުރުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ސައީދު ވިދާޅުވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވެވަޑައިގަތީއްސުރެ އެ މަގާމުން ވަކިވުމާ ހަމައަށް އެ ކޯޕަރޭޝަނުގެ ޕްރޮކޮއުމެންޓްގެ އެންމެހާ މުއާމަލާތްތައް ކޮށްފައި ވާނީ އެ ކޯޕަރޭޝަންގެ އެތެރޭގެ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެއާ ހިލާފަށް އެއްވެސް ބަޔަކަށް ކޮންޓްރެކްޓެއް އަދި ޕްރޮޖެކްޓެއް ދީފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...އަދި ހަމަ އެހެންމެ، ދެންނެވުނު މުއްދަތުގައި އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނުވާނެކަމާއި ނުހައްގު އެެއްވެސް މަންފާއެއް ވެސް ހޯދާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެން،" ބަޔާނުގައި ސައީދު ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އުސޫލާ ހިލާފަށް މަސައްކަތްތައް ހަވާލުކުރާތީ، އޭސީސީން މައްސަލަ ތަހުގީގު ކުރަން ފަށައި، ފެނަކައާ މެދު ފިޔަވަޅު އަޅައިދޭން ކޮމިޝަނުން ރައީސް އޮފީހަށް ވެސް ހުށަހެޅި އެވެ. ރައީސް އޮފީހުން އޭރު ފެނަކައަށް އެކަން އިސްލާހުކުރަން ވެސް އެންގި އެވެ.
ސައީދުގެ ބަޔާނުގައި ތުހުމަތު ކުރެއްވި ގޮތުގައި، އޮޑިޓް ރިޕޯޓް އެކުލަވާލައިފައި އޮތީ ފެނަކައިން ލިބެން ހުރި މައުލޫމާތު ނުހޯދައި އަވަސް އަރުވާލައިގެންނެވެ.
"ކުންފުނިން ލިބެން ހުރި ހަގީގީ މައުލޫމާތު ލިބެން ހުރެމެ، އަދި އަޅުގަނޑު މިދުނިޔޭގައި ހުރި އިރު، އަޅުގަނޑުގެ ފަރާތުން. އެކަމާ ގުޅޭ މައުލޫމާތު ނުހޯދައި އަވަަސްއަރުވާލައިގެން ވަކި މަގުސަދެއް ހާސިލުކުރުމަށް ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައި، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމާއި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް މިފަދަ ދަނޑިވަޅެއްގައި ރިޕޯޓެއް ނެރުއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ، އަދި މުއްސަސާތަކާ މެދު ދިވެހި ރައްޔިތުން ސުވާލު އުފައްދާނޭ ކަމެއް،" ސައީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް ސައީދު ހުންނަވައިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.
އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމަކު، އޭރުގެ ވެރިކަން ނިމުނުއިރު އެ ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެނލާ
29 September 2025
ހެޔޮނުވާނެ ސައީދު. އާއިލާގެ މީހުންގެ ނަންމަތީގައި ކުންފުނިތައް ހަދައި އެ މުއްދަތުގެ ތެރޭގައި އެ ކުންފުނިތަކަށް މަސައްކަތް އެވޯޑު ކުރެވުމަކީ ހަމަ އިންސާފޭތަ ތިބުނީ؟ ޔާމީނާއި އަދީބު ނުހެދިއްނު އެއްޗަކަށް. މި ގައުމުގެ ރައްޔިތުން ރެއާއި ދުވާލު ހޭބޯ ނައަރައި މަސައްކަތްކޮށްގެން އަނބިދަރީނަންނަށް ކާންބޯން ދޭއިރު، މި ސިޔާސީ މީހުން ޖެހުނު ތަނަކުން މުއްޖަހައިގެން ބިލިއަނުން ކައިގެން މިތިބެނީ. މިއީ އަސާސީ ހުރިހައި ކަމެއް ހިލޭ ކޮށްދެވޭނެ މުއްސަނދި ގައުމެއް!
ފެކްޓްްް
28 September 2025
އެންޓި ކޮރަޕްޝަނުގައި އެތިބީ ތިކަންކަން ނުބަލަން އެއްބަސްވެތިބި ހަމަ ކުރީސަރުކާރުތަކުގެ ހަރާންކޯރު މީހުން. ހަމަ ވަގުތުން އެތަން އުވާލާ... ކިހާ ބަޔަކު ބުނަމުން ދިޔައީ ތިކަންވާގޮތް. ހަމަ ހައްޕު ކިޔައިގެން ތިބީ. ވެރިކަން ބަދަލުވީ، ދެން ހީވީ އެހެން ކަމެއްހެން. މުޅިން ކުރީ ސަރުކާރުގެ މައްސަލަތައް ނަގައިގެން ދުވަނީ... ބޭރުކުރޭ އެމީހުން
ހުކްމުލް ހަކީމު
28 September 2025
އިބޫއާ އަޅައިގަނެ ނެއްޓެންނޭނގިގެން އުޅޭބަޔަކު މިކިޔަނީ ސައީދު އެމަގާމަށް ލެއްވީތީ އިބޫގެ މައްސަލަ ބަލަންޖެހޭކަމަށް. ރަނގަޅު. ބަލަންވީ. އެކުން ގައުމު ދިރުވާލައިގެން ފައިބައިގެން ދިޔަކަމަށްބުނާ ޔާމީން އެމަގާމަށް ހޮވި ރައްޔިތުންގެ މައްސަލަވެސް ބަލަންވާނެދޯ؟
ާއަހުމައ
28 September 2025
ދެން ވާނެ ގޮތަކީ މީނަ ދާނެ ސަރުކާރު ގޮވައިގެން ކޯޓަށް, ހަމަ އެއާކު މީނަ ކުށެއް ނެތް ކަމަ ކަނޑަ އަޅާފައި, ބޮޑު ފައިސާގެ ބަދަލެް ދޭނެ
ހުސް ވަގުން
28 September 2025
އަދީބު ކުރި ވައްކަން ޔާމީނަށް އެނގި އޭނަ ކުށްވެރި ވަންޏާ ސައީދު މިކުރި ވައްކަމުގަ އިބޫގެ އަތެއް ހަމަ ނެތް؟
މިދާއިރާގަ ވަރަށް ފުންނާބު އުސްވާނެ.
28 September 2025
ސުޖާ އަދި ފަޒުލްގެ ބަހެއް ނެތްތޯ މިކަމަށް.
މަނީ
28 September 2025
ހުކުރުވިލޭރޭ ދަންވަރު ރިޕޯރޓް ނެރުން މީގެއިން އިގޭ އެއްކަމަކީ ކޮމިޝަނުންގެ ނިޔަތް ރަގަނޅު ނޫންކަން . ބަޔަކު އަންގައިގެން އަވަސް އަރުވާލައިގެން ރަނގަޅަށް މައުލޫމާތު ނުހޯދާ މިކަން މިކުރީ.
ރާވެރިބެ
28 September 2025
ފެނަކަ ސައީދުއަކީ ދެވަނަ އަދީބު. މި ދެމީހުން ކޮރަޕްޟަން ހިންގީ އެވަގުތު ވެރިކަމުގަ ހުރި ރައީސަކަށް ނޭގި ކަމަކަށް މަށެއް ގަބޫލް ނުކުރަން. ދެމީހުން ވެސް ވަރަށް ގިނަ ފައިސާ ޕާޓީގެ ސިޔާސީ ކަންކަމަށް ޙަރަދުކުރި.
ސައީދުބެ
28 September 2025
އެ ކޯޕަރޭޝަންގެ އެތެރޭގެ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް .................... އެތެެރޭގެ ގަވައިދުތައް ހަދާނީ ސައީދުތާ؟ އާ އިންޖީނުގެ ގޮތުގައި ބާ އިންޖީނެއް ގެނައުމަކީ ހުއްދަ ކަމެއް ކަމުގައި އެތެރޭގެ ގަވާއިދުން ނިންމިދާނެތާ
އަލި
28 September 2025
އެންމެންނަށް އިނގޭނެ މިޒަމާނުގައި ކުންފުނިތަކުން ކޮރަޕްޝަން ހިންގާގޮތް. އެކަން ކުރަނީ ގާނޫނާއި ގަވައިދުތަކުގައި ހުންނަ ލޫޕް ހޯލްތައް ބޭނުންކޮށްގެން. ކިތަންމެ ބޮޑު ކޮރަޕްޝަނެއް ހިންގިއަސް ކޯޓުގައި ސާބިތު ނުވެދާނެ.